ރިޕޯޓް / ނޮވެމްބަރު 3 ބަޣާވާތް

ނޮވެމްބަރު ތިނެއްގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 2

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާ ސިފައިން ދަތުރުކުރި ބޯޓާ އެކު ދަތުރު ކުރި އޭއެން32 މަރުކާގެ މަތިންދާ ބޯޓެއް.

(އިއްޔެގެ ނޫހާ ގުޅޭ)

ދިވެހި ސަރުކާރުން އެހީ އަށް އެދުނުތާ ފަސް ގަޑިއިރުވި އިރު ވެސް، އާގްރާ އިން ސިފައިންނަށް ނުފުރި ލަސްވީ، މާލޭގެ ހާލަތާ ބެހޭ ގޮތުން ލިބިފައިވާ ތެދު މައުލޫމާތުގެ މަދު ކަމުން، އެކި ހާލަތްތަކަށް ރިއާޔަތްކޮށް އެކި ގޮތްގޮތަށް ރޭވުންތައް ރާވައި އެކި ކަންކަމަށް ތައްޔާރުވާން ޖެހުމުންނެވެ. އަދި ޓެރަރިސްޓުންގެ އަތުގައި މަތިންދާބޯޓަށް ހަމަލާދޭ ޒާތުގެ މިސައިލް ވެސް ހުރެދާނެ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.

މެންދުރު 12:30 ވީ އިރު ސްކޯޑްރަންގެ ބޯޓުތަކުގެ ޕައިލެޓުންނާއި ފަޅުވެރިން ތައްޔާރީ ހާލަތުގައި ތިއްބާ، ޕެރަޝޫޓް ބްރިގޭޑްގެ ސިފައިން، ތައްޔާރީ ހާލަތުގައި އޮތް ތިން މަތިންދާބޯޓު ކައިރި އަށް ޖަމާވާން ފެށި އެވެ. އެހެންކަމުން މަތިންދާބޯޓުތަކުގެ ޒިންމާއަކީ ޕެރަޝޫޓް ބްރިގޭޑްގެ ސިފައިން ކޮންމެވެސް ތަނަކަށް ގެންދިއުން ކަން އެނގުނެވެ.

މެންދުރު ފަހު 2:30 ވީއިރު، ދަތުރުގައި ބައިވެރިވާ ޕެރަޝޫޓް ބްރިގޭޑްގެ ހުރިހާ ސިފައިން ތިބީ ސްކޮޑްރަންގެ ރަންވޭ ކައިރި އަށް ޖަމާވެފަ އެވެ. އޭގެ ތެރޭގައި ހަ ވަނަ ބެޓޭލިއަން ޕެރަޝޫޓް ރެޖިމެންޓްގެ ސިފައިންނާއި އާގްރާ އެއާފޯސް ސްޓޭޝަންގެ 17 ވަނަ ޕެރަޝޫޓް ފީލްޑް ރެޖިމެންޓްގެ ސިފައިން ހިމެނެ އެވެ.

އޭގެ އެއް ގަޑިއިރު ފަހުން ސިފައިންގެ ކޮމާންޑަރުންގެ މެދުގައި އެންމެ ފަހުގެ މަޝްވަރާތައް ފެށުނެވެ. ހުޅުލޭ ރަންވޭ އަށް ބޯޓު ޖައްސާނީ ހެއްޔެވެ؟ ނުވަތަ ހުޅުލެ އަށް ބޯޓު ނުޖައްސައި ސިފައިން މާލެ އަށް ނުވަތަ ހުޅުލެ އަށް ވައިކުޑައިގައި ބާލާނީ ހެއްޔެވެ؟ ވައިކުޑައިގައި ފޭބޭ ވަރުގެ ބޮޑު ހާމަ ބިމެއް މާލޭގައި އޮންނާނެ ހެއްޔެވެ؟ މާލެ އަށް އަރައިގެން އުޅެނީ ކޮން ތަނެއްގެ ބައެއް ހެއްޔެވެ؟ އެއީ އެފްރިކާ ބައެއްތޯ، ލަންކާ ބައެއްތޯ މެދުއިރުމަތީގެ ބައެއްތޯ ނުވަތަ ދެކުނު އޭޝިޔާ ގައުމެއްގެ ބައެއްތޯ ވެސް ސުވާލު އުފެދުނެވެ.

ވައިކުޑައިގެ ބަދަލުގައި ހުޅުލެއަށް ޖައްސަން ނިންމުން

ލިބި ހުރި މަދު މައުލޫމާތުކޮޅަށް ބުރަވެ، ކޮމާންޑަރުންނަށް އެއްބަސްވެވުނީ، ވައިކުޑައިގައި ސިފައިން ފައިބަން އެކަށީގެންވާ ވަރުގެ ބިމެއް މާލޭގައި ނެތް ކަމެވެ. އަދި ޓެރަރިސްޓުން ތިބި ތަނެއްގެ ތެރެއަށް ވައިކުޑައިގައި ފައިބާ އިރު، ޓެރަރިސްޓުންގެ ހަމަލާތަކުން ސަލާމަތްވެ ބިމަށް ތިރިކުރުމަކީ ވެސް މުސްތަހީލު ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ.

އެހެންކަމުން ހުޅުލެ އަށް ވައިކުޑައިގައި ފޭބުމަށް ވެސް މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެ ކަމުގައި ވެސް ގޮންޖެހުންތަކެއް ހުއްޓެވެ. ހުޅުލޭ ސަރަހައްދުގައި އެ މޫސުމުގައި އާންމު ގޮތެއްގައި ވައި ހުންނަނީ ހުޅަނގުން ގަޑިއަކު 20 ކިލޯމީޓަރު ބާރުމިނުގައި ކަމަށް ވުމުން، މަތިންދާބޯޓުން ވައި ކުޑައިގައި ސިފައިން ފުންމާލަން ޖެހޭނީ ހުޅުލެ އަށް ވުރެ ތިން ކިލޯމީޓަރު ހުޅަނގުންނެވެ.

އަދި ހުޅުލެ އަކީ އެހާ ހަނި ރަށަކަށް ވުމުން، ވައިކުޑައިގައި ފައިބާ ސިފައިން އެއްގަމަށް ލައްވާނުލައި ކަނޑަށް ތިރިވެއްޖެ ނަމަ، އެއީ އަދި މާ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެއިން ކޮންމެ މީހެއްގެ ހަށިގަނޑުގައި އަޅާފައިވާ ހަތިޔާރުތަކުގެ ބަރާ އެކު ގެނބިގެން މަރުވާނީ ކަން ކަށަވަރެވެ. މީގެ އިތުރުން ސިފައިން ގޮވައިގެން މާލޭ ސަރަހައްދަށް ދާއިރު، އެ ހިސާބުގެ ބިމުގައި ވައިގެ މިސްރާބާއި ވައިގެ ބާރުމިން ހުރި ގޮތުގެ މައުލޫމާތު މަތިންދާބޯޓަށް ފޯރުކޮށްދޭނެ ގޮތެއް ނެތުމާއި އިތުރު ގޮންޖެހުންތައް ހުރުމާ އެކު، އެންމެ ފަހުން އެއްބަސްވެވުނީ ހުޅުލެ އަށް ބޯޓު ޖައްސާފައި ސިފައިން ބޭލުމަށެވެ. އޭރު ވެސް ހުޅުލެ އޮތީ ދިވެހި ސިފައިންގެ ބާރުގެ ދަށުގައި ކަން އިންޑިއާ ސިފައިންނަށް އެނގެ އެވެ. ނަމަވެސް ނުރައްކަލަކީ، ތަމަޅައިން ހުޅުލެ އަށް ނާރާނެ ކަމުގެ ޔަގީންކަން ނެތުމެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ރާއްޖެ އަށް އެހީތެރިވުމަށް އިންޑިއާ ސިފައިން ދަތުރުކުރި އިލްޔޫޝިން 76 މަރުކާގެ މަތިންދާބޯޓެއް ކައިރީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ.

ހަވީރު 5:45 ވީ އިރު ފުރަން ހަމަޖެހިފައި އޮތް ކޮންމެ ބޯޓަކަށް 60 ޓަނުގެ ތެޔޮ އަޅައި ނިންމައިފި އެވެ. އަދި ބޭނުންވާ އެހެން ސާމާނާއި ހަތިޔާރު ވެސް އޭރު ބޯޓަށް އަރުވައިފި އެވެ. ދަތުރު ރޭވިފައި އޮތީ އާގްރާ އިން ފުރައިގެން ހުޅުލެ އަށް ޖެއްސުމަށް ފަހު ވީ އެންމެ އަވަހަކަށް ބޯޓު ހުސްކޮށް ފުރައިގެން އެނބުރި ޓްރިވެންޑްރަމް އަށް ދިޔުމަށެވެ.

އިންޑިއާގެ އާގްރާ އިން ފުރައިގެން ސްކޯޑްރަން 55ގެ ތިން ބޯޓު ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައިވާ އިރު، އެންމެ ފަހުގެ ރޭވުންތައް ރޭވީ ފްލައިޓް ނަންބަރު ކޭ2878ގެ ތެރޭގަ އެވެ. އޭރު ބޯޓުތައް ދަތުރުކުރަމުން ދަނީ ހައިދަރް އާބާދާއި ބޯޕާލްއާ ދެމެދުންނެވެ. ދަތުރަށް ފުރި އިރު، ބްރިގޭޑްގެ ސިފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހުޅުލެ އަށް ބޯޓު ޖެއްސުމާ އެކު، ހުޅުލޭގެ އެކި ތަންތަނަށް ސިފައިން ބަހައިލާނެ ގޮތުގެ ރިހާސަލެއް ކާނަލް ޖޯޝީ އާގްރާ އެއާޕޯޓްގައި ބާއްވާފައިވުމެވެ.

ހަމަ އެހެންމެ، މާލޭގައި ހުންނަވާ އިންޑިއާގެ ސަފީރު އޭ.ކޭ. ބެނާޖީ ސިފައިންނާ އެއް ފްލައިޓެއްގައި މާލެ އަށް ވަޑައިގަންނަވާ ކަމެވެ. އޭނާގެ ފަރާތުން ހުޅުލޭގެ ރަންވޭ އޮންނަ ގޮތާއި ހުޅުލެ އޮންނަ ގޮތުގެ މައުލޫމާތާއި މާލޭގެ މުހިންމު އިމާރާތްތަކާއި މަގުތައް އޮންނަ ގޮތުގެ މައުލޫމާތު ކޮމާންޑަރުން ހޯދި އެވެ. އެއީ މާލެ އަށް އެރުމާ އެކު ރައީސް މައުމޫން ހުންނެވި ތަނަކަށް ގޮސް އެ މަނިކުފާނު ހިމާޔަތް ކުރުމަށްޓަކަ އެވެ.

މާލެ އަށް ކުރި ދަތުރުގައި ބެންގަލޯރުގެ މަތިން ބޯޓުތައް އުދުހެމުން އައީ 37،000 ފޫޓު އުހުގަ އެވެ. އޭރު ބެންގަލޯރާއި ޓްރިވެންޑްރަމާ ދެމެދު ކޮޅިގަނޑުތަކެއް ވަނީ އުފެދިފަ އެވެ. އެހެންކަމުން، ސްކޮޑްރަންއާ އެކު ދަތުރުކުރި މިރާޖް މަރުކާގެ ފައިޓަރު ބޯޓުތަކާއި ނިޔަމިކަމުގައި ބޭނުންކުރާ އޭއެން-32 މަރުކާގެ ބޯޓުތަކުގެ ދަތުރަށް ވަރަށް ބޮޑަށް ހުރަސްއެޅުނެވެ.

ޓްރިވެންޑްރަމާއި މާލެއާ ދެމެދުގެ ވައިގެ ސަރަހައްދަކީ، ޓްރިވެންޑްރަމްގެ އެއާ ޓްރެފިކް ކޮންޓްރޯލް އިން ބަލަހައްޓާ ސަރަހައްދެކެވެ. ނަމަވެސް މާލެ އަރައި އުޅޭ ޓެރަރިސްޓުންގެ އަތުގައި ނުވަތަ އިންޑިއާގައި ތިބެދާނެ ކަމަށް ބެލެވޭ ތަމަޅަ ޓެރަރިސްޓުންގެ ގާތް އެކުވެރިންގެ އަތުގައި، މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް ފާރަލައި ބެލޭ ފަދަ ވަސީލަތްތަކެއް ހުރެދާނެ ކަމަށް ބެލެވޭތީ، ސްކޯޑްރަންގެ ބޯޓުތަކުން ނިންމީ، އެ މީހުންގެ ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް ޓްރިވެންޑްރަމްގެ އެއާ ޓްރެފިކް ކޮންޓްރޯލާ ހިއްސާ ނުކުރުމަށެވެ.

އިންޑިއާ ސިފައިން މާލެ ތެރެ ބަލައި ފާސްކުރި އިރު އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ.

އެހެންކަމުން ޓްރިވެންޑްރަމުން ފެށިގެން މާލެއާ ދެމެދު އޮތް ސަރަހައްދުގައި ދަތުރު ކުރި އިރު، އެ ސަރަހައްދުގައި އެހެން ބޯޓުތައް ހަރަކާތްތެރިވާ ގޮތް ދެނެގަތީ، ސްކޯޑްރަންގެ ބޯޓުތަކުގެ ޕައިލެޓުން ހަމަ ލޮލުން ބަލައިގެންނެވެ. އެއީ އެހެން ބޯޓުތަކުގެ ނިޔަމިކަމުގެ ބޮކިތަކަށް ބަލައިގެންނާއި އެ ބޯޓުތަކުން ކޮޅުނބާއި ޓްރިވެންޑްރަމްގެ އެއާ ޓްރެފިކް ކޮންޓްރޯލާ ދެމެދު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހައިގެންނެވެ.

ހުޅުލެ އަށް ޖައްސަން 20 މިނެޓަށް ވުމުން ބޯޓުތަކުން އާގްރާގެ ވައިގެ މަރުކަޒަށް ގުޅައި ދަތުރުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރި އެވެ. އެއަށް ފަހު ބޯޓުތައް ތިރިކުރަން ފެށި އެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 9:25 ގައި ސްކޯޑްރަންގެ ބޯޓުތަކުން ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ގުޅުން އުފެއްދި އެވެ. އަދި ހުޅުލެ އާއި ސްކޯޑްރަންގެ ބޯޓުތަކާ އެކު މުއާމަލާތު ކުރަމުން ދިޔައީ ހާއްސަ ކޯޑެއް ބޭނުންކޮށްގެންނެވެ.

ހަމަޖެހިފައި އޮތީ ތިން ބޯޓުގެ ތެރެއިން އެންމެ ކުރީގައި އޮތް ބޯޓު ނުޖައްސައި ހުޅުލޭ މަތިން އުދުހިފައި ދިއުމަށެވެ. ހުޅުލެ އަށް ޖައްސާނީ ދެ ވަނަ ބޯޓާއި ތިން ވަނަ ބޯޓެވެ. އެ ދެ ބޯޓުގެ ކޯލް ސައިން އަކީ "ފްރެންޑްލީ ވަން" އާއި "ފްރެންޑްލީ ޓޫ" އެވެ. ޕާސްވޯޑެއްގެ ގޮތުގައި ބޭނުންކުރީ "ހަދިޔާ" އެވެ.

ހުޅުލެއާ 25 ކިލޯމީޓަރަށް ކައިރިވުމުން، ރަންވޭގެ ބޮކިތައް ދިއްލައިދިނުމަށް ބޯޓުތަކުން އެދުނެވެ. އޭގެ ކުރިން ބޯޓުގެ މާލިމީން ވަނީ ބޯޓުގައި ހުރި ނިޔަމިކަމުގެ އާލާތްތަކުގެ އެހީގައި، ރަންވޭއާ ބޯޓު ސީދާ ކޮށްފަ އެވެ. ބޯޓުގެ އެދުމުގެ މަތިން ހުޅުލޭ ރަންވޭގެ ބޮކިތައް ދިއްލައިލުމަށް ފަހު އެންމެ 10 ސިކުންތު ތެރޭގައި ނިވައިލި އެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ބޯޓުތައް ރަންވޭއާ ބަރާބަރަށް ސީދާ ކޮށް މިސްރާބު ކަށަވަރު ކުރި އެވެ. އެއަށް ފަހު ހުޅުލެއާ ދިމާލަށް ދަތުރުކުރަމުން ބޯޓުތައް ތިރިކުރަމުން އައީ ރޭގަނޑުގެ ކަނު އަނދިރީގަ އެވެ. ހުޅުލޭ ރަންވޭއެއް މާސިންގާ ކަނޑެއް ވަތްކެއް ނުވެ އެވެ.

1980ގެ އަހަރުތަކުގައި ހުޅުލޭ އެއާޕޯޓް އޮތް ގޮތް.

ކަނު އަނދިރީގެ ތެރޭގައި ބޯޓު ތިރިކުރަމުން އައި އިރު، ރަންވޭގެ ސީދާ ޕޮސިޝަނަކީ ކޮބައިކަން ކަށަވަރުކޮށެއް ނޭނގެ އެވެ. އަދި ބޯޓުގެ އުސްމިނަށް އެއްވެސް ބަދަލެއް ގެނެވޭނީ ވަށައިގެންވާ މާހައުލުން އެއްވެސް އެއްޗެއް ފެނިގެން ކަމަށްވާ އިރު، ކައިރީގައިވާ ތިލަ ފަޅުތަކާއި ފަރުތަކުގެ ސަބަބުން ރާޑަރުތަކުގައި އެކި ކުލަތަކުން ކުރަހައިދޭ ކުރެހުންގަނޑު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުފެނެ އެވެ.

ނަމަވެސް ކޮނޑުގައި އެޅިފައި އޮތް މުހިންމު ޒިންމާގެ ސަބަބުން، އެއްފަހަރުން ބޯޓު ހުޅުލޭ ރަންވޭ އަށް ތިރިކުރުން ނޫން ގޮތެއް ނެތެވެ. ބޯޓު ޖައްސަން އެކަށީގެންވާ މާހައުލެއް ގާއިމުވަންދެން މަޑުކުރެވޭކަށް ވެސް ނެތެވެ. ރަންވޭގައި ޖެއްސުމަށްޓަކައި ހުޅުލޭގެ މަތިން އިތުރު ބުރެއް އެޅޭނެ ފުރުސަތެއް ވެސް ނެތެވެ. ބޯޓުތައް ހުޅުލެއާ ކައިރިވަމުން އައި އިރު، ކޮކްޕިޓުން ބޭރު ބަލައިލުމުން ވަށައިގެންވާ ކަނޑާއި ހުޅުލެ އާއި މާލެ އިން ފެންނަ މަދު އަދަދެއްގެ ބޮކީގެ އަލިކަމެއް ނޫނީ ޕައިލެޓުންނަކަށް ނުފެނެ އެވެ.

އެހެންކަމުން ހުޅުލެ އަށް ޖައްސަން އައި ފުރަތަމަ ބޯޓުގައި ކާނަލް ޖޯޝީ އިނީ ފަސޭހަ އިން ހުޅުލެ ފެންނާނެ ހިސާބެއްގަ އެވެ. އެއީ ބޯޓު ތިރިކުރާ އެންމެ ފަހު ވަގުތު ވެސް ކަމެއް ބަދަލު ކުރަން ޖެހިދާނެ ކަމަށްޓަކަ އެވެ. ބޯޓުގެ ޕައިލެޓާއި އިންޖިނޭރާއި ނެވިގޭޝަން އޮފިސަރާ ދެމެދު މުވާސަލާތީ ވަސީލަތުން ދެކެވޭ ވާހަކަތައް ފިޔަވައި ބޯޓުގެ ތެރެ އިން އެއްވެސް މީހެއްގެ އަޑެއް ނީވެ އެވެ.

ސްކޯޑްރަން 44ގެ ތިން ބޯޓު އާގްރާ އިން ފުރައިގެން 3،000 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަޑައްތު ކޮށް ހުޅުލެ އަށް ތިރިކުރަން ތައްޔާރުވެފައިވާ އިރު، ކޮމާންޑަރުންގެ ހިތުގައި އުފެދުނު ސުވާލަކީ މި ކަންތައް މި ދަނީ ރަނގަޅަށް ހެއްޔެވެ؟ ސިފައިން ބޯޓުން ފޭބުމާ އެކު، ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ހެއްޔެވެ؟

(ފަހު ބައި މާދަމާ)

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 22%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ވާފިރު

06 March 2018

"ނޮވެމްބަރު3 ގެ އަނެއްފަރާތް: 1-އާގްރާ ގައި އޮތް ސްކޯޑްރަން 44 ގެ ކޮމާންޑަރަށް ރާއްޖެ އަންނަން ޖެހިދާނެކަން އޭގެ 3 ދުވަސްކުރިން އެގުނު. 2- ލަންކާގައި ތިބި ތަމަޅައިންގެ ތެރެއިން ލަންކާގައި އެވަގުތު ހިގަމުންދިޔަ ދާޚިލީ ހަގުރާމަ ނިންމަން އައި އިންޑިޔަން ޕީސް ކީޕިން ފޯސް އާއި އެކު، ޕްރަބާކަރަންގެ އެލްޓީޓީ އާއި ދެކޮޅަށް ހަގުރާމަ ކުރަމުން އައި ޕީއެލްއޯޓީ ގެ މީހުން ރާއްޖެއަށް ހ ހާޖަރާގޭ އަބުދުއްﷲ ލުތުފީ އަށް ގެނެވުނީ އިންޑިޔާގެ އިންޓެލިޖެންސް އަށް ނޭގިތޯ އުފެދޭ ބޮޑުސުވާލުގެ ޖަވާބު ނުލިބޭ. 3- އުމާ މަހޭޝްވަރަމް އޭގެ އަހަރެއް ހާ ދުވަސްފަހުން،ދިވެހި ހައިކަމިޝަން ގެ ކައިރީގެ ގޯޅިއެއްގައި މަރާލާފަ އޮތުމުގެ ބޭނުމަކީ ކޮބާއިބާ؟ 4- ރާއްޖެ އައި ތަމަޅައިންގެ އިސް ވެރިޔާ ވަސަންތީ މަރުވިގޮތްވެސް ބަލަންޖެހޭ. ބޮލަށް އަރާފައި ހުރި އުންޑައަރާފަހުރިގޮތާ، ޝަހީދު ހުސެން އާދަމް ގެ ބަޑީގެ އުންޑައިގެ މިސްރާބާ ތަފާތުކަން އިގޭ. މިކަހަލަ އެތަށް ކަމެއް "ނޮވެމްބަރު3 ގެ އަނެއްފަރާތުން" އެގެން އެބަހުރި

The name is already taken The name is available. Register?

އިބްރަތެއް

04 November 2016

މިހަމަލާގެ މަޢުލޫމާތު އޭރުގެ މަސްޢޫލުވެރިންނަށް ލިބިފައިވާކަން ރައީސް މަޢުމޫންވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ. ވީމާ ދިފާޢަށްޓަކައި ކުޑަވެގެން މައިގޭޓްގެ ގާރޑްޕޯސްޓްމީހާއަށް މެގަޒިނެއްހާ ވަރު ދެވޭނެ ގޮޅިއެއް ހުރިނަމަވެސް "ޝަހީދު ޙުސައިން އާދަމްގެ ފަހުގެ އެދުން" (ވަޒަންދީ! ހުސްވީ.) ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބުނީސް. އަދި 2ފޫޓް2ފޫޓް ގޮޅިއެއްހުރިނަމަ އެތަނުގާ މެޝިން ބަޑިން ބޭރަށް ހަމަލާދީ ސަލާމަތުން އެތެރެއަށް ވަނުމުގެ ފުރުޞަތު ލިބުނީސް. އަދި ސިފައިންގެ ވަށައިން ބަޑިބުރުޒުތައް ހެދުމުގެ ފުރުޞަތުވެސް ލިބުނުކަމަށް ޤަބޫލުކުރެވެއެވެ. "ފުރާނައަކީ އިޢާދަ ނުކުރެވޭނެ ގެއްލުމެއް" ޝަޙީދުންނަށް ހެޔޮ ރަޙްމަތް ލައްވާށީ! އާމީން.

The name is already taken The name is available. Register?

ސަޅި

04 November 2016

މާދަން ޖެހޭނެ ނިމްމަން

The name is already taken The name is available. Register?

އިބްރާހިމް

04 November 2016

ވަރައް ފުރިހަމަ ކިޔާ ހިތުން ކިޔާލެވުނު

The name is already taken The name is available. Register?

ޟަރުޤާމް

04 November 2016

ވަރަށް ސަޅި ރިޕޯޓެއް.. މިހާރުނޫހަކީ ވަރަށް ސަޅި ނޫހެއްކަން ފާހަގަކުރެވޭ..

The name is already taken The name is available. Register?

މެންޓަލިސްޓް

04 November 2016

މިހާރު ނިއުސް ގެ ރިޕޯޓަރުންނަށް ވަރަށް ރަގަޅު ސުވާލެއް އެބައޮތް ، ނޮވެމްބަރ3 ގެ ތަހުގީގު ބަޔާންތަކުން ކީއްވެތޯ އިބްރާހިން ހުސެން ޒަކީގެ ނަން ފޮހެން ޖެހުނީ ؟؟ މިސުވާލުގެ ޖަވާބު ރައީސްމައުމޫން ކައިރުން އައްސަވާ ދެއްވުމަށް ވަރަށް އަދަބު ވެރިކަމާއިއެކު ދަންނަވަން ،،، ވަރަށް ސަލާމް

The name is already taken The name is available. Register?

ރެބިޓް

04 November 2016

ދެވަނަބައި ރަނގަޅު. ނަަަމަވަސް ފުރަތަމަަބައިގައި ބައެއް މަޢުލޫމާތު ސައްޙަ ނޫން ކަން ފާހަގަކޮށްލެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454