ރިޕޯޓް / މީހުން

ފީނައިގެން ހުރިހާ އެއްޗެއް ހޯދި އަންހެން ޑައިވަރު

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރު ޒޫނާ ނަސީމް: ވިހި އަހަރު ވީ ކެރިއަރުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި.

އެއްވެސް މީހަކަށް ހުރިހާ އުފަލެއް ނުލިބޭނެއޭ ބުނީ ކާކު ހެއްޔެވެ؟ ލިބޭނެ އެވެ. ޖެހޭނީ ހޯދާށެވެ. ޒޫނާ ނަސީމް އެކަން ކުރީ އާއްމު ވިސްނުމުގެ ހުރިހާ އިންތަކެއް ފަހަނައަޅާފަ އެވެ. އޭނާއަކީ އަންހެނެކެވެ. އަތްބެކެވެ، މައެކެވެ. ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ޑައިވަރު ވެސް މެ އެވެ.

ސްކޫލް ނިންމި ތަނާ ސަރުކާރުގެ މިނިސްޓްރީއަކުން ލިބުނު ވަޒީފާގައި، ޒޫނާ އަށް މަޑުކޮށްލެވުނީހެވެ. ޑައިވް ސެންޓަރެއްގެ އިދާރީ ކަންކަން ބަލަހައްޓާ މީހަކަށް ވެސް ހުރެވުނީހެވެ. އެކަމަކު އޭނާ އަށް އެ ފުރުސަތުތަކަކުން ނުފުދުނެވެ.

ޒޫނާ ބޭނުންވީ އާދައިގެ ވަޒީފާއެއް ނޫނެވެ. ބޮޑު މުސާރަ ލިބޭ މަސައްކަތެކެވެ. އަމިއްލަ ހަޔާތުގެ ޗާޓު އުމުރުން އެންމެ 16 އަހަރުގައި ވެސް އޭނާގެ ސިކުނޑީގައި އޮތީ ކުރަހާފަ އެވެ. މަގްސަދަކަށް ވީ، މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ކުދިންނާ ދުރުގައި، ދަތި ހާލުގައި އުޅެ ބޮޑުވާން ޖެހުނު ހިތްދަތި ދިރިއުޅުން ނިމުމަކަށް ގެނެސް އުފާވެރިކަން ހޯދުމެވެ. އެ އަޒުމުގައި އޭނާ ފުންމާލީ ކަނޑަށެވެ. އޭގެ ފަހުން 20 އަހަރު ވީ އެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރު އޭނާގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހަދައިފި އެވެ.

ޒޫނާ ނަސީމް ޓޫރިސްޓަކަށް ޑައިވްކުރަން ދަސްކޮށްދެނީ.

ނުވަދިހައިގެ އަހަރުތަކުގައި މާލޭގައި ހިންގަމުން ދިޔަ ސަން ޑައިވިން ސްކޫލްގެ ރިސެޕްޝަނިސްޓަކަށް އުޅެމުން ފުރަތަމަ ފަހަރަށް ފީނި އިރު ޒޫނާ އަށް ލިބުނީ ހައިރާންކަމެކެވެ. އޭނާގެ ތަޖުރިބާ، އާއްމުކޮށް ގަބޫލުކުރެވިފައި އޮންނަ ގޮތާ މުޅިން ތަފާތެވެ.

"ހިތަށްއެރީ މީ މިހާ ފަސޭހަ ކަމެކޭ. ކީއްވެބާއޭ، [ދިވެހި] އަންހެން އިންސްޓްރަކްޓަރަކު ނެތީ،" ޑައިވިން ދަސްކޮށްދިނުމުގެ ރޮނގުން ކުރިއަށް ދާން ނިންމި ސަބަބު ޒޫނާ، 41، ކިޔައިދިނެވެ.

އުމުރުން ކިރިޔާ 18 އަހަރު ފުރުނު ތަނާ ޕަޑީގެ ޑައިވް މާސްޓާ ސެޓްފިކެޓް ހޯދައިގެން ފީނައިގަތް ގޮތަށް ޒޫނާ ހަމަނޭވާ ލީ ރާއްޖޭގެ މުހިއްމު ޑައިވް ސްޕޮޓްތައް ދަސްކޮށްފަ އެވެ. ދެން ކުރިމަތިވީ އިތުރަށް ކުރިއަށްދާން ބޭނުންވާ ފައިސާ ހޯދުމުގެ ގޮންޖެހުމެވެ. އެކަން ކާމިޔާބުކުރީ ސަން ޑައިވިން ސްކޫލުގައި ބޮންޑް އުސޫލުން ކުޑަ ޕޮކެޓް މަނީއަކަށް ފަސް އަހަރު މަސައްކަތްކޮށްދޭން ހުށަހަޅައިގެންނެވެ. ޑައިވް އިންސްޓްރަކްޓަރަކަށް ވުމުގެ ތަމްރީނަށް ދައްކަން ޖެހުނު ތިން ހާހެއްހާ ޑޮލަރު އެ ތަނުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ޝިޔާމް) ހަމަޖައްސައިދެއްވި އެވެ.

އެ ހިސާބުން ޒޫނާ އަމިއްލަ ދިރިއުޅުމެއްގެ ބިންގާ އަޅަން ފެށި އެވެ. ރަށުގައި މައިންބަފައިންނާ އެއްކޮށް އުޅެނިކޮށް އުމުރުން ހަތަރު އަހަރުގައި ކިޔަވަން މާލެ ފޮނުވި ތަނާ، އޭނާގެ ބެލެނިވެރިޔާ މަރުވެ، އުޅެން ޖެހުނީ ދަތި ދިރިއުޅުމެކެވެ. މާލޭގެ އެއް ގެއިން އަނެއް ގެ އަށް ބަދަލުވާން ޖެހި، އެކި މީހުންގެ ފަރާތުން ހިތްދަތި އެތައް ކަމެއް ކުރިމަތިވި އެވެ. އާއިލާގައި އެންމެ ދޮއްޓަށް ހުރި ޒޫނާ ދުށީ އެފަދަ ތަޖުރިބާއެއް ކޮއްކޮމެންނަށް ދިމާނުވާނެ ގޮތް ހޯދައިދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

ޒޫނާ ޑައިވެއްގައި: އޭނާގެ ތަޖުރިބާގައި މިއީ އަންހެނުން ވެސް ކުރަން ބަރާބަރު މަސައްކަތެއް.

"އޭރު ފަސް ކޮއްކޮ ވެސް މާލެ އައިސް އެކި ގޭގޭގައި ތިބީ. އެހެންވެ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބޭނުންވީ އެންމެން އެއްތަންކޮށް އެންމެން އެއް ގެއެއްގައި ދިރިއުޅޭނެ ގޮތެއް ހޯދަން،" ނ. ކުޑަފަރީ އަށް ނިސްބަތްވާ ޒޫނާ ބުންޏެވެ.

"ދެން ވިލިމާލެ އިން މީހަކު ކުއްޔަށް ދިން ވަރަށް ކުޑަކުޑަ ގެއެއް އާދައިގެ ގޮތަކަށް އަޅުުގަނޑުމެން އަމިއްލަ އަށް ހަދައިގެން އުޅެން ފެށީ. މަންމަ އާއި ބައްޕަ ވެސް ފަހުން މާލެ ގެނައީ. އިރާދަކުރެއްވީތީ އަޅުގަނޑަށް ހުރިހާ ކޮއްކޮމެން މީހުންނަށް ހަދައިދެވުނު."

އެންމެ ކުރިންސުރެ ވެސް ޒޫނާ ބޭނުންވީ އެ ދިރިއުޅުން ހޯދޭނެ އާމްދަނީއެކެވެ. އޭނާ އިޚްތިޔާރުކުރީ ދިވެހި އަންހެނުން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ދާއިރާ އެވެ. ޑައިވިން އާއި ޓޫރިޒަމެވެ. މިއަދާ ހަމައަށް ވެސް، ރާއްޖޭގައި ތިބީ ހައެއްކަ އަންހެން ޑައިވް އިންސްޓްރަކްޓަރުންނެވެ. އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތައް ހުރި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ވެސް ދިވެހި އަންހެނުންނާ އެހާ ރައްޓެހި ދާއިރާއެއް ނޫނެވެ.

"އަޅުގަނޑު ފުރަތަމަ ރިސޯޓެއްގައި މަސައްކަތްކުރަން ފެށި އިރު އެއްވެސް ރިސޯޓު ވަޒީފާއަކުން އަންހެނަކު ނުދެކެން،" ޒޫނާ ބުންޏެވެ.

އެކަމަކު އަންހެނަކަށް ވީތީ އޭނާ އަށް ކުރިމަތިވި ގޮންޖެހުމެއް ނެތެވެ.

"ގިނައިން ފިރިހެން އިންސްޓްރަކްޓަރުންނާ އެކީ މަސައްކަތްކުރީ. ފިރިހެނުންނާ އެއްވަރަކަށް ހުރިހާ ކަމެއް ވެސް ކުރެވޭތޯ ބަލަން. އެހެންވީމަ ކަންނޭނގެ، އެމީހުން ވެސް އަންހެނަކަށް ވީތީ ވަކި ތަފާތެއް ނުކުރޭ،" ޒޫޫނާ ކިޔައިދިނެވެ.

ޒޫނާ: ރިސޯޓްތަކުގައި މަސައްކަތްކުރުމަށް ފަހު މިހާރު އަންނަނީ އަމިއްލަ ޑައިވް ސެންޓަރެއް ހުޅުވަން ތައްޔާރުވަމުން.

ސަން ޑައިވިން ސްކޫލްގެ ފަރާތުން ބޮލިފުށި ރިސޯޓުގައި އުޅެފައި، ބޮންޑް ހަމަވެ އަދި އެ ތަން ވިއްކާލީމާ، ޒޫނާ ދިޔައީ ވިލާގެ ސަން އައިލެންޑް ރިސޯޓަށެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓެވެ. އަބަދުވެސް ފުލްވެފައި އޮންނަ އެ ތަނުގައި ވަޒީފާ އަދާކުރި އެއް އަހަރަކީ ޒޫނާ އަށް ވަރަށް ބިޒީ އަދި އަގުހުރި ތަޖުރިބާތަކެއް ލިބުނު ދުވަސްކޮޅެކެވެ. އެއަށް ފަހު މާލޭގެ ފުރަތަމަ ޑައިވް ސެންޓަރު ސީ އެކްސްޕްލޯރާސްގައި އުޅުނު އިރު ދިވެހިންނަށް ޑައިވިން ކިޔަވައިދޭން ލިބުނު ފުރުސަތާ މެދު ވެސް ޒޫނާ ފަޚުރުވެރިވެ އެވެ.

"އެއީ ބައިވަރު ކުދިން ސަރުކާރުގެ ސްކޮލަޝިޕްގައި ސީ އެކްސްޕްލޯރާސް އަށް ކިޔަވަން ދިޔަ ދުވަސްކޮޅެއް. އޭރު އަޅުގަނޑު ކިޔަވައިދިން ގިނަ ދަރިވަރުން މިހާރު ކުރިއަރާފައި ތިބި ވަރު ފެނުނީމާ ވަރަށް އުފާވޭ. އޭގެ ތެރޭގައި ސަފާރީ ބޯޓު އޯނަރުން ކަހަލަ މީހުން އެބަ ތިބި،" އޭނާ ބުންޏެވެ.

ޒޫނާގެ ކެރިއަރު މުޅިން އެހެން ހިސާބަކަށް ގެންދިޔަ ރަނުގެ ފުރުސަތު ލިބުނީ ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ބަންޔަން ޓްރީ މޯލްޑިވްސްގެ މެރިން ރެކްރިއޭޝަން މެނޭޖަރުގެ މަގާމަށް އޭނާ ކުރިމަތިލާން ހުށަހެޅުއްވީ އެ ރިސޯޓުގެ ތިމާވެށީގެ ކަންކަން ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވި އަބްދުލް އަޒީޒް އަބްދުލް ހަކީމް (އެންޑީ އަޒީ) އެވެ. އެ ވަރުގެ ޒިންމާއެއް އޭރު އަދާކުރެވިދާނެ ކަމުގެ ޔަގީންކަމެއް ޒޫނާއަކަށް ނެތެވެ. އެކަމަކު ސީ އެކްސްޕްލޯރާސްގެ ވެރިޔާ އަދި ދިވެހި ފުރަތަމަ ދެ އަންހެން ޑައިވް އިންސްޓްރަކްޓަރުންގެ ތެރޭގައި ޒޫނާއާ އެކު ހިމެނުނު ޝާހީނާ އަލީ ދެއްވި ހިތްވަރާ އެކު އެ ވަޒީފާ ގަބޫލުކުރީ އެވެ.

"ފުރަތަމަ ބުނީ ނުދާނަމޭ. ހިތަށްއެރީ، ހަމަ ހުރެފައި އެ ވަރުގެ ޒިންމާއަކާ ހަވާލުވާން ދިޔައިމަ ލަނޑެއް ވެސް ލިބިދާނޭ. އެކަމަކު ޝާހީނާ ބުނެފި ކޮންމެހެން ވެސް ދާންވާނޭ. އެއްވެސް ސަބަބަކާ ހެދި އަނބުރާ އަންނަން ޖެހިއްޖެއްޔާ ސީ އެކްސްޕްލޯރާޒްގެ ވަޒީފާ އަބަދުވެސް ޒޫނާ އަށް އޮންނާނޭ،" މިހާތަނަށް އަށް ހާހަށް ވުރެ ގިނަ ޑައިވްކޮށް، އެހެން މީހުންނަށް ފީނަން ދަސްކޮށްދީ 700 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ސެޓްފިކެޓް ހޯދައިދީފައިވާ ޒޫނާ ކިޔައިދިނެވެ.

"ބަންޔަން ޓްރީގައި ފުރުސަތު އޮތް ވާހަކަ އަޒީޒު އަޅުގަނޑު ގާތު ވިދާޅުވީމާ ވަރަށް ހައިރާންވި. ފަހުން އެނގުނީ އަޒީޒަކީ އަންހެނުން ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަން. މެނޭޖީރިއަލް ފެންވަރަށް ދާން އަޅުގަނޑަށް އަޒީޒްގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު."

ޒޫނާ (ކ) ޓޫރިސްޓަކާ އެކު ފޮޓޯއަކަށް މަޑުކޮށްލައިގެން.

ވައްބިންފަރުގެ އިތުރުން ބަންޔަން ޓްރީ އިން އިހުރު އަދި ވެލާވަރު ހިންގަން ފަށައި ލަގްޒަރީ ޔޮޓެއްގެ ހިދުމަތް ވެސް ތައާރަފްކުރި އެވެ. އެއާ އެކު ޒޫނާގެ މަސައްކަތް ފަސް ޑައިވް ސެންޓަރާއި ހަތަރު ވޯޓަ ސްޕޯޓްސް ސެންޓަރަށް ފުޅާވެގެން ދިޔަ އެވެ.

އެ ދުވަސްވަރު އޭނާ ވަނީ ދިވެހި ޑައިވަރުންގެ ޖަމްއިއްޔާ ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ވެސް ފަސް އަހަރު ވަންދެން ކޮށްފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މޫދު އަޑީގެ ކެބިނެޓް ބައްދަލުވުމާއި ދުނިޔެ ހޫނުވުމާ ދެކޮޅަށް ކަނޑު އަޑީގައި ކުރި 24 ގަޑި އިރުގެ "މުޒާހަރާ"އަކީ އެ ޖަމްއިއްޔާގެ އިސްނެގުންތަކެވެ.

އެކަމަކު ބަންޔަން ޓްރީގައި އަށް އަހަރު ހޭދަކޮށްފައި 2012ގައި ޒޫނާ އެ ތަނުން ވަކިވީ އެވެ. އަލަތު ދަރިފުޅާ އެކު ޒޫނާ އެ ދަނޑިވަޅުގައި އިޚްތިޔާރުކުރީ އާއިލީ ޒިންމާ އެވެ.

"ވިހަން ވެގެން ނެގި ހަ މަސް ދުވަހުގެ ޗުއްޓީ ހަމަވީމަ އަނބުރާ ވަޒީފާ އަށް ނުކުންނަން ރިސޯޓަށް ދިޔައިން. އެކަމަކު ހަމަ ނުހުރެވުނު. ހަމަ އެ ދުވަހު ހުށަހަޅައިފިން ވަޒީފާ އިން ވަކިވާން. ދަރިފުޅު މަތިން މާ ބޮޑަށް ހަނދާންވީ. އަނެއްކާ ދަރިފުޅު ބެލުމުގެ ބުރަ މަންމަ އަށް ޖައްސަން ބޭނުން ވެސް ނުވީ،" ޑައިވަރަކާ އިނދެގެން މިހާރު ހަތަރު އަހަރާއި ދޮޅު އަހަރުގެ ދެ އަންހެން ކުދިން ތިބި ޒޫނާ ކިޔައިދިނެވެ.

ދަރިންނަށްޓަކައި ވަގުތީ ގޮތުން ކެރިއަރު މަޑުޖައްސާލަން ޖެހުނަސް ޒޫނާ ދެރައެއް ނުވެ އެވެ. އެއާ ޚިލާފަށް އޭނާ އަންނަނީ މަންމައަކަށް ވުމުގެ ހުރިހާ އުފަލެއް ލިބިގަންނަމުންނެވެ.

"ހިތަށްއަރަނީ އެ ދުވަސް ވެސް ލިބިއްޖެއޭ، މި ދުވަސް ވެސް ލިބިއްޖެއޭ،" ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް އެ ތަންތަނުގައި ވެސް ޑައިވްކުރުމުގެ އިތުރުން މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕަށް ވެސް އަރާފައިވާ ޒޫނާ ކިޔައިދިނެވެ.

ޒޫނާ އާއިލާއާ އެކު: ދެ އަންހެންކުދިންގެ މަންމައެއް

ކުދިން ބަލަމުން ވެސް ޒޫނާ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އެއާ ޚިލާފަށް އޭނާ މިހާރު ވަނީ ކެރިއަރުގެ އެންމެ ބޮޑު ދެ ހުވަފެން ހަގީގަތަކަށް ހަދަން ތައްޔާރުވެފަ އެވެ. އެއް ކަމަކީ އޭނާ ދިރިއުޅޭ ވިލިމާލޭގައި ޑައިވް ސްކޫލެއް ހުޅުވުމެވެ. އެއާއެކު، ޝާހީނާ މިހާރު ހިންގަވާ ސީ ސްޕްލޭޝް މޯލްޑިވްސްގެ ކަންކަން ގޭގައި ހުރެގެން ބަލަހައްޓަމުން، ޒޫނާ މި ވަގުތު އަމާޒު ހިފާފައި ހުރީ ޑައިވިންގެ އެންމެ މަތީ ފާހަށެވެ. ގާތްގަނޑަކަށް 15،000 ޑޮލަރުގެ އަގު ބޮޑު ތަމްރީނަކަށް ފަހު ކޯސް ޑައިރެކްޓަރުކަން ލިބޭނެ އެވެ. އެއީ އިންސްޓްރަކްޓަރުން ތަމްރީންކުރެވޭ ފެންވަރެވެ. މިހާރު، ސެންޑީ ހުސެން ރަޝީދު ފިޔަވައި އެހެން ކޯސް ޑައިރެކްޓަރަކު ރާއްޖޭގައި ނެތެވެ.

ދިވެހި ބައެއް ޑައިވަރުންގެ ފޮޓޯއެއްގައި ސެންޑީ ރަޝީދު (ކ)އާ ޖެހިގެން ކޮޅަށް ޒޫނާ (ކ2)

ވިހި އަހަރުގެ ތަޖުރިބާ އިން ޒޫނާ އަށް ނުވިސްނޭ އެއް ކަމެއް އެބަ އޮތެވެ. މިހާ ވަރުގަދަ ޓޫރިޒަމް އިންޑްސްޓްރީއެއް އޮވެފައި ކަނޑު އަޑި މިހާ ޗާލު ގައުމެއްގައި އަންހެން ޑައިވް އިންސްޓްރަކްޓަރުން މިހާ މަދީ ކީއްވެގެން ހެއްޔެވެ؟

"އަޅުގަނޑު ވެސް ދުނިޔޭގެ އެކި ތަންތަނުގައި ޑައިވްކޮށްފިން. ރާއްޖެއާ އަޅާކިޔާލެވޭ ވަރުގެ ތަނަކަށް ވެސް ނުދެވޭ. އަނެއްކާ ރާއްޖޭގައި މި އޮތް ފައްކާ ފިނިހޫނުމިނާއި މި ކަހަލަ މުއްސަނދި ފިޝް ލައިފެއް އެހެން އެއްވެސް ތަނެއްގައި ނެތް،" ބާރު އޮއިވަރުގައި ފީނައި، މިޔަރު ބަލަން ލޯބިކުރާ ޒޫނާ ބުންޏެވެ.

"މައިންބަފައިންނަށް ވެސް ހިތްވަރު ދެވިދާނެ މިކަން ކުރަން. ކުދިންނަށް އިތުބާރުކުރުމާއި ފުރުސަތު ހޯދާނެ މަގު ދައްކައިދިނުން މުހިއްމު. މި ދާއިރާގައި މުސާރަ އެހާ ރަނގަޅު. އަނެއްކާ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެ ރަހުމަތްތެރިންނަށް އެބަ ވޭ. ކުދިން ހޯދަން ބޭނުން ވިޔަސް، ދުރާލާ ރާވައިގެން ބްރޭކެއް ނެގިދާނެ. ހަގީގަތުގައި އަންހެނުން މިކަމަށް ކުރިމަތިނުލާންވީ ކީއްވެގެން ކަމެއް އެއްގޮތަކަށް ވެސް ނުވިސްނޭ."

ތެދެކެވެ. ޒޫނާގެ ހަޔާތުން ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ އެފަދަ ސަބަބެއް ނެތް ކަމެވެ.

18 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރުހަބާ

09 March 2017

ޒޫނާއަށް އިރާދަކުރެއްވިއްޔާ ޑަރެކްޓަރަކަށް ވެވޭނެ، ހިތްވަރު އެބަހުރި، ކެރިއާރގަވެސް އަމިއްލަ ދިރިއުޅުމުގައިވެސް ހުރިހާ ކާމިޔާބެއް ޒޫނާ އަށް މިންވަރުކުރައްވާށި، މިލިޔުން ކިޔާލާފަ ހަގީގަތުގައިވެސް ވަރަށް އަސަރު ކޮށްފި، ޒޫނާ ވަނީ އެތައް ގުރުބާނީ ތަކެއް އާއިލާ އަށްޓަކައި ވެފަ..... ވީ ނީޑް މޯ ޕީޕަލް ލައިކް ޔޫ އިންދިސް ނޭޝަން

The name is already taken The name is available. Register?

ފާތުން

08 November 2016

ސާބަސް! ޔޫ ގޯ ގާލް.

The name is already taken The name is available. Register?

ލުތުފީ

07 November 2016

ޒޫނާއާއި ބައްދަލުވެ، ކޮންމެވެސް ވަރަކަށް ވިޔަފާރި މުޢާމަލާތްކުރެވިފައިވާތީ ޒޫނާ ދަންނަން. ޒޫނާއަކީ ހަގީގަތުގަވެސް ވަރަށް ހިއްވަރުގަދަ އަންހެނެއް. އަދި އެހާމެ މީހުންނާ ރައްޓެހި މީހެއް. ޒޫނާއަށް ފާގަތި މުސްތަގްބަލަކަށް އެދެން.

The name is already taken The name is available. Register?

މަރީ

07 November 2016

ޒޫނާކަހަލަ ކެރޭ ހީވާގި އަންހެނުންގެ ވާހަކަ ތަންކޮޅެއް ބޮޑަށްޖެހޭ މިބޮޑެތިވެގެން އަންނަ ޅަކުދިންނަށްވެސް ކަޔައިދޭން! އޭރުން އަބަދު އައިފޯން އާއި އައިޕެޑާއި އަދިވެސް އެހެން ކޮންމެވެސް ސްކްރީންއެއްގެ ކައިރިން ސަލާމަތްވެ ކަމަކަށްވާކަހަލަ ކަންތައްތައްކުރަން ދެވޭ ހިއްވަރަކަށް ވާނެ. ދުނިޔެއަކީ އެހެން މީހުންކަމެއް ކޮންދޭންދެއް މަޑުނުކޮށް އަމިއްލެއަށް ކެރިގެންގޮސް ކުރަން ބޭނުންވާ އަދި ޙާސިލްކުރަން ބޭނުންވާ މަޤްސަދު ހާސިލްކުރަން މަސައްކަތް ކުރާ މީހުންނަށް ވަރަށް ކާމިޔާބު އަދި ގިނަ އިބުރަތްތަކެއް ލިބޭނެ ތަނެއް. ޒޫނާއަށް އަދި ޒޫނާގެ ފިރިމީހާއަށާއި އާއިލާއަށްވެސް މަރްހަބާ!

The name is already taken The name is available. Register?

ނައީމް

07 November 2016

ޒޫނާ ސްކާއި ޑައިވް ވެސް ކުރީމެއްނުން. އެވާހަކަ ހަނދާން ނައްތާލީ ކީއްވެެބާ.

The name is already taken The name is available. Register?

ރ. މޫސަ

07 November 2016

ޒޫނާ.................

The name is already taken The name is available. Register?

ބީފަނު

07 November 2016

ސާބަހޭ ޒޫނާ ތީ ހިއްވަރުގަދަ އަންހެން ކަނބަލެއް ﷲ ކަމަނާގެ ޢުމުރު ދަންމަވާށި

The name is already taken The name is available. Register?

ޝިފާ

07 November 2016

ތީ ކްލާސް މޭޓް އެއް، ސްކޫލްގައިވެސް ވަރަށް އެކުވެރިކޮށް އުޅުނު ކުއްޖެ. ވަރަށް ބޮޑަށް މަރަޙަބާ

The name is already taken The name is available. Register?

ހުސައިން ރަމީޒް އިބްރާހީމް

07 November 2016

ޒޫނާއަށް ފުރަތަމަވެސް މަރްހަބާއާއި ޝުކުރު ދަންނަވަން! ޒޫނާއަކީ ހިތްހެޔޮ، މީހުނާ ގުޅުންބޮޑު، އަޚުލާގު ރަނގަޅު، އަދި އެހާމެ ހެލްޕްފުލްމީހެއް! ކުރިއެކޭ މިހާރެކޭ ތަފާތެއްނެތް! ކޮންމެމީހަކާ ވާހަކަދެއްކިޔަސް ހެވިލާފާނޫނީ ވާހަކައެއް ނުދައްކާނެ! އަހަރެން ޒޫނާއަށްޓަކާ ފަޚުރުވެރިވަން! ޒޫނާއަކީ އަންހެނެކޭކިޔާފާ އެއްކަމެއްގާވެސް ދޫދޭނޭމީހެއްނޫން! އެއަށްވުރެ އޭނާއަކީ މާ ހިތްވަރުގަދަ މީހެއް! އަހަރެންވެސް ބޭނުންވަނީ ޒޫނާއާއެކު އެންމެ ދުވަހަކު ނަމަވެސް ޑައިވެއްކޮށްލަން! އެކަމަކު އަހަރެންނަކީ ފިންސެއް ލައްވާލައިގެންވެސް ޖަހާލަންއެނގޭމީހެއްނޫން! އެހެންވީމާ އެކަންވާނެއެކޭ ހިތަކުނެތް! އިރާދަ ކުރެއްވިއްޔާ ޒޫނާގެ މުސްތަގްބަލް ވަރަށްއުޖާލާ! ކުރިޔަށް އަދިވެސް ކުރިޔަށް! ހިތްވަރާއެކު ކުރިޔަށްދާން މަސައްކަތްކުރާ މީހަކަށް އުނދަގޫ ކަމެއްނެތް! އެކަންއެވަނީ އަމަލީމަސައްކަތުން ތަޖުރިބާކޮށްފާ! ޒޫނާ! ޒޫނާއަށްވާނެ! އަހަރެންނާ އަހަރެންގެ އާއިލާއިން ޒޫނާއަށް ތާއަބަދުވެސް ކާމިޔާބަށްއެދެން! ފާގަތި މުސްތަގްބަލަކަށް އެދެން! ވަރަށް ވެދުން!

The name is already taken The name is available. Register?

ގުނބޯ

07 November 2016

ތިއީ ވަރަށްރަނގަޅު ދިވެހި ބަތޮލެއް....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454