ލައިފްސްޓައިލް / ޖަޕާން

ޖަޕާނުގެ އާބާދީ އިތުރުވާ ގޮތަށް ބައިވެރިން ހޯދައިދޭން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަނީ

ޖަޕާނުގައި މި އަހަރު އުފަންވި ކުއްޖެއް.

09 ޑިސެމްބަރ 2020 - 07:54

ޖަޕާނުގެ އާބާދީ އިތުރުނުވާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައިވީއެފްގެ އެހީގައި ދަރިން ހޯދަން ބޭނުންވާ މީހުންނަށް ސަރުކާރުން އެކަމަށް ހިނގާ ހަރަދުދޭން ނިންމުމަށް ފަހު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ބައިވެރިން ހޯދައިދޭން ވެސް ފަށައިފި އެވެ.

މި ޕްރޮގާމްގެ އަމާޒަކީ އެ މީހަކާ އެކަށީގެންވާ ކަހަލަ މީހަކު ހޯދައިދީ، ކައިވެނިކޮށް ދަރިން ހޯދަން ހިތްވަރު ދިނުމެވެ. އޭއައިގެ އެހީގައި އެ މީހަކާ އެންމެ ގުޅޭ މީހަކު ހޯދައިދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ އިރު މިކަމަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންމަ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޖަޕާން ފާހަގަކުރެވިފައި ވަނީ ޒުވާން އާބާދީ މަދު، މުސްކުޅިންގެ އާބާދީ ވަރަށް މަތީ ގައުމެއްގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން އެ ގައުމަށް އިޖުތިމާއި، އިގުތިސާދީ ގިނަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. ގައުމުގެ ދަރިމައިވުމުގެ ރޭޓް ދަށްވުމުގެ މާނަ އަކީ ގައުމުގެ މުސްތަގުބަލު ބިނާކުރާނެ މީހުން ވެސް އުފައްދަން ހުރަސްއެޅުމެވެ.

ޖަޕާންގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި އުފަންވީ 865،000 އެއްހާ ކުދިންނެވެ. އެއީ ފާއިތުވި އަހަރުތަކާ އަޅާބަލާ އިރު ރެކޯޑް ދަށްވުމެކެވެ.

ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ޖަޕާންގެ ސަރުކާރުން މިހާރު އެކި ކަހަލަ ސްކީމްތައް ވެސް އަންނަނީ ތައާރަފްކުރަމުންނެވެ. ދަރިން ހޯދަން ހިތްވަރު ދޭން ހިންގާ ޕްރޮގްރާމްތަކަށް އަންނަ އަހަރު ލޯކަލް ގަވަމަންޓްތަކުން ދެ ބިލިއަން ޔެން (19 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނީ މިހާރު ވެސް އެ ގައުމުގައި ބައިވެރިން ހޯދަން ހާއްސަ ޕްލެޓްފޯމްތަކެއް ހުރި ނަމަވެސް އެއިން ދޭ މައުލޫމާތުތަކުގެ ސައްހަކަމާ ދޭތެެރޭ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ. އެހެންވެ އޭއައިގެ އެހީގައި ބައިވެރިން ހޯދަން ފުރުސަތު ލިބީގެން ދިއުމަކީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ އެހީގައި ތިމާއާ އެންމެ ގުޅޭ ބައިވެރިއަކު ފަސޭހަ އިން ހޯދަން މަގުފަހިކޮށްދޭނެ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޭއައިގެ އެހީގައި ބައިވެރިން ހޯދައިދޭ ޕްރޮގްރާމް ސަބްސިޑައިޒްކޮށްގެން ލޯކަލް ގަވަރުމަންޓްތަކުން އޮޕަރޭޓްކުރާ ގޮތަށް ހިންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ މީގެ އެހީގައި ޖަޕާނުގައި ދަރިމައިވާ ރޭޓް އިތުރުވެގެން ދާނެ ކަމަށް." އޮފިޝަލް ވިދާޅުވި އެވެ.

އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމު ކަމަށްވާ ޖަޕާނުގެ މިހާރުގެ އާބާދީ އަކީ 126.5 މިލިއަނެވެ. އެ ގައުމުގައި 65 އަހަރުން މަތީގެ މީހުންގެ އާބާދީގެ މިހާރު 36.17 މިލިއަނަށް އަރަ އެވެ. އެއީ ޖުމްލަ އާބާދީގެ 28.7 ޕަސަންޓެވެ.

ޖަޕާނުގައި އާބާދީ ދަށްވާތީ، ކައިވެނިކޮށް ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އެ ގައުމުގައި އަލަށް ކައިވެނިކުރާ މީހުންނަށް ސަރުކާރުން 600،000 ޔެން (5,700 ޑޮލަރު) ގެ އެލަވަންސެއް ދޭން ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާފައިވެ އެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 16%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454