16 ޑިސެމްބަރ 2020 - 09:16
ލިވަޕޫލް (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލިވަޕޫލާއި ޓޮޓެންހަމް ކުޅެ މެޗުގެ ކުރިން ޓޮޓެންހަމް އާއި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ކުރި ތައުރީފަށް އެއްކޮށް އެއްބަސްނުވެވޭނެ ކަމަށް މޮރީނިއޯ ބުނެފި އެވެ.
ލިވަޕޫލް ދަނޑުގައި މިރޭ ކުޅޭ މެޗަކީ ލީގުގެ އެއް ވަނަ އާއި ދެ ވަނައިގެ ކުރިމަތިލުމެކެވެ. ޓޮޓެންހަމް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލާ އެއްވަރަށް 12 މެޗުން 25 ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ގޯލުން ކުރިހޯދައިގެންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މޮރީނިއޯ ޓޮޓެންހަމާ ހަވާލުވި ފަހުން އެ ޓީމު ބަދަލުކޮށްލާފައިވަނީ ނަތީޖާ ނެރޭ މެޝިން (ރިޒަލްޓް މެޝިން) ތަކަކަށް ކަަމަށެވެ. އަދި އެއީ ތަޖުރިބާ އާއި ރަނގަޅު ކޯޗިން އުސޫލުތަކުގެ ތެރެއިން އަންނަ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ކްލޮޕްގެ ވާހަކަތަކާ ބެހޭގޮތުން މޮރީނިއޯ ބުނީ ކްލޮޕްގެ އެ ވާހަަކަތައް އަދި އެންމެ ރަނގަޅުކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ. އޭގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.
"އޭނަ އެހެން އެ ބުނަނީ މި ސީޒަނުގައި އަހަރެމެންގެ ނަތީޖާތަކަށް ބަލާފައި. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަދި އެ ގޮތަށް އަހަރެމެން މިއީ ރިޒަލްޓް މެޝިން އިން ގޮތަށް ބުނަން ރަނގަޅެއް ނޫން. އެއީ ރިޒަލްޓް މެޝިން އަށް ވުމަކީ ވަރަށް ގިނަ ދުވަހުން ކުރެވޭ ކަމެއް،" މޮރީނިއޯ ބުންޏެވެ. "ރިޒަލްޓް މެޝިން އަކީ މިދިޔަ އަހަރުތަކުގައި ލިވަޕޫލް އޮތް ހާލަތު. ރިޒަލްޓް މެޝިން އަކީ އަހަރެން އެންމެ ފުރަތަމަ ޗެލްސީ ގޮވައިގެން ދެ ލީގު ކާމިޔާބުކުރިއިރު އޮތް ޓީމު،"
މޮރީނިއޯ ބުނީ 390 ވަރަކަށް ދުވަހަށް ފަހު ޓޮޓެންހަމްގައި އޭނާ ކުރި މަސައްކަތުގައި ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތަށް ބަަަލައި އެ ޓީމަކީ ރިޒަލްޓް މެޝިނުންގެ ލޭބަލް ދިނުމަކީ އިންސާފުވެރި ގޮތް ކަމަށް ނުދެކޭނެ ކަމަށެވެ.
"ލިވަޕޫލް މިހާރު އެ އޮތް ލެވަލަށް ގެންދިޔައީ 1894 ވަރަަކަށް ދުވަހުން. މި އަދަދު ގޯސް ވިޔަސް އުޅޭނީ މަދު ދުވަހެއްގެ ފަރަގު. ދެން އަހަރެން މި ޓީމުގައި (ޓޮޓެންހަމްގައި) ކުރި މަސައްކަތް މި ގުނަން ޖެހެނީ ކަރަންޓީނު މުއްދަތެއް ވެސް ލައިގެން،" ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
މިއީ 1961 ވަނަ އަހަރަށް ފަހު ޓޮޓެންހަމުން ލީގު ހޯދުމުގެ އެންމެ ފުރުސަތު ބޮޑު އަހަރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އަމުދުން ލިވަޕޫލުގެ އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅަކީ ޓޮޓެންހަމުން އެ ޓީމާ ދެކޮޅަށް ކުޅެން އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި ބުނެ އިނގިރޭސި މީޑިއާ އިން އަންނަނީ ބުނަމުންނެވެ.
މޮރީނިއޯ ބުނީ ލިވަޕޫލްގެ އަނިޔާގެ މައްސަލަތަކުގެ ވާހަކަތައް އެހާ ޝައުގުވެރިނޫން ކަމަށާއި އޭނާ ދެކޭގޮތުގައި ހަމައެކަނި ބޮޑު ގެއްލުމަކީ ވާޖިލް ވެން ޑައިކްގެ ނެތުން ކަމަށެވެ. އަނިޔާގެ ލިސްޓެއް ހަދާނަމަ ޓޮޓެންހަމުގެ 11 ކުޅުންތެރިންގެ އަނިޔާގެ ލިސްޓެއް ވެސް ދެވިދާނެ ކަމަށާއި ލިވަޕޫލްގެ ވަރުގަދަ ކުޅުންތެރިންތަކެއް މި މެޗުގައި ކުޅޭނެކަން ހަނދާން ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
ލިވަޕޫލް އިން މި ފަހަރު ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ޓޮޓެންހަމް ރަށުން ބޭރުގައި އަދި ބަލިނުވެ އެވެ. ލިވަޕޫލް ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒުހާން
17 December 2020
އަސްލު މި ލިޔުމުގަ ބުނަން އުޅެފަ އެއޮތީ ލިވަރޕޫލް ހޯމްގަ ބަލި ނުވާ ވާހަކަ
ރަދީފްއޮފިޝިއަލް
16 December 2020
''މިއީ 1961 ވަނަ އަހަރަށް ފަހު ޓޮޓެންހަމުން ލީގު ހޯދުމުގެ އެންމެ ފުރުސަތު ބޮޑު އަހަރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.'' މީތި ސަޅި.ހާއްސަކޮށް ޖުމްލައިގަ އޮތް އަދަދު.
1828
16 December 2020
2020 އޮކްޓޮބަރ 04 ވަނަ ދުވަހު ޕްރިމިއަރ ލީގްގައި އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަރޕޫލް ކުޅުނު މެޗުގެ ނަތީޖާ ހިމަނާލިނަމަ އިނގޭނެ ލިވަރޕޫލް ހުރިހާ މެޗަކުން މޮޅުވިކަން. އެމެޗުން ލިވަރޕޫލްވީ ހޭބަލަ. 07 - 02ން ވީ ބަލި.
6ވަނަ ތަޝި
16 December 2020
ދެން 7-2 އިން އެސްޓަންވިލާ އިން ލިވަޕޫލް އަށް އެދިނީ ކޯއްޗެއް . މިހެން މިބުނީ ލިވަޕޫލް ބަލިނުވާވާހަކަ ބުނީ މަ
އޮޒިލް
16 December 2020
އެވެސް ގުނަނީ ލިވަޕީލަށް މޮޅެއްގޮތިގައޭ. ހަހަހަ...