ނަޝީދު: ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
18 ޑިސެމްބަރ 2020 - 18:04
ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނު ކަމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި ނަޝީދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށް ހެދި ކަމަށާއި އެކަމަކު ޔާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެއީކީ ކޮންމެހެން އަޅުގަނޑު އުފާ ފާޅު ކުރަމުން، ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތި ބޭފުޅުންނަށް ފާހަގަ ކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް ވެސް ކުރި. އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމާ މެދު އިތުބާރު ބޮޑުވެއްޖެ ކަމަށާއި އަދި ރައީސް ޔާމީނަށް އިސްތިއުނާފްގެ ފުރިހަމަ ހައްގު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ނުވިޔަސް، ރާއްޖޭގެ ގާނޫނުތަކާއި ހަމަތައް ހިފަހައްޓަންޖެހޭ ކަމަށާއި ވެރިކަމަކީ ހިތުހުރި ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫންކަން ހުރިހާ ރައީސުން ވެސް ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެބަ ސާފުވާން ޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ. އަޅުގަނޑުމެންނަކީ މުހިންމު ބައެއް ނޫންކަން، ވެރިންނަކީ މުހިންމު ބައެއް ނޫންކަން އަޅުގަނޑުމެން ހުރިހާ ވެރިން އަދި ދެން އަންނަން ތިބި ވެރިން ވެެސް އެބަ ދަންނަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކާ ދިމާވާއިރު އިދިކޮޅު ފަރާތްތައް ޖަލުގައި ތިބުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޔާމީން ޖަލުގައި ހުންނެވިޔަސް، ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިނިވަންކޮށް ބަހައްޓަން އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ބޮޑު ތަފާތަކުން އޭނާ އިންތިޚާބުގައި ބަލިކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ނުނިމި އޮތީ އެ މައްސަލާގެ ބޮޑުކަމުން ކަމަށާއި އިތުރު އާ ހެކިތައް ލިބިފައިވާތީ އެކަންކަމަށް އިތުރު ވަގުތު ނަގަނީ ކަމަށެވެ. އަދި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލަކީ އެކަމަށް ގާބިލް ބޭފުޅުން ކަމަށާއި އެއްވެސް މީހެއް މޫނަށް ބެލުމެއް ނެތި އިންސާފު ގާއިމް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި މޫނާ
19 December 2020
ދެން ކަލޭ ރޮއެރޮއެ ގޮސް މަރުވެބަލަ. ޕްލީޒް
މުލޭ
19 December 2020
އުފަލުން ތޯ؟
ކަމްޒީ
19 December 2020
އަސްލު ތިޔަ ރޮވުނީ ޖަލަށްލިއަސް ޖަލުގަ ޔާމީން ނުހުރެދާނެތީ. ފުރަތަމަ ގަބޫލުވެސް ނުކުރެވުނީ ޔާމީން ޖަލަށްލެވުނު ކަމަށް. ދެން އިރުކޮޅަކުން ބިރުގަތީ ތިމަންނަ ހެދި ގޮތަށް ދުވަސްކޮޅަކުން ޔާމީންވެސް ޖަލުން ދޫވެ ބޭރަށް ފުރާފާނެތީ. މުއިއްޒު އާ ނުބެހެން ތި އުޅެނީ އެކަން ކޮށްފިނަމަ ތިކޮޅަށް ލިބޭ ވޯޓް މަދުވެދާނެތީ. މުއިއްޒު އެހެން ހުރީމަ ތިކޮޅުން ކެމްޕޭނަށް އުކާނެ މާ ގިނަ ގާ ލިބޭނެ. އިންތިޚާބު ނިމުނީމަ އަދި ފެންނާނެ މީހުން މިނިވަންކޮށް ބަހައްޓާ މަންޒަރު
ސާފުނުވި
19 December 2020
މަނިކުފާނަށް ރޮވުނީ ޔާމިން ޖަލަށްލުމުގެ އުފަލުގައި ޕާޓީ ބަޔަކު ކެއްކި ބޮނޑިބަތްގަނޑު ކޭ ފަހުންތޯ ނުވަތަ އޭގެ ކުރިންތޯ ސާފެއްނުވި ތިޔަ ވާހަކައިން. ގައިމުވެސް ބަޔަކު އެކަމާ ގުޅިގެން ބޮނޑިބަތް ކައްކައިގެން އެކި މީހުންނަށް ދައުވަތު ދީ ހެދި. މަނިކުފާނު އެ ކާން ދިޔަ ކަމެއް ނުދާ ކަމެއް ނޭނގެ. ހެހެ.
ވަސަންތީ
19 December 2020
އަޅުގަނޑަށް ރޮވުނީ އުފަލުން.
ސިރުފާ
19 December 2020
ތިބޭފުޅާ ތެދެއްނުހައްދަވާނެ.
ދޮންބެއްޔާ
19 December 2020
ބައެއް މީހުންނަށް އުފަލުންވެސް ރޮވިދާނެ
ހައްޕު
19 December 2020
ކީއްވެހޭ އެދުވަހު ތިޔަ ވާހަކަ ނުދައްކައި ވަންހަނާ ކުރީ. ވަކިމުއްދަތަކަށް ފަހު ބޭސް އެކްސަޕައރ ވާފަފައިން ތިޔަ ކަރުނައިގެ މުއްދަތު ފާއިތުވެ ބާރުކެނޑުނު ފަހުން ތިޔަވާހަކައެއް ތިޔަދެއްކީ މުއްދަތު ހަމަވާ ބެސްދީގެން އިތުރު ބައްޔެއް އުފަންކުރުވުމަށޭ ބުނުމުގެ ޖާގައެބައޮތް.
އައިލް
19 December 2020
މީނަ ދައްކާވާހަކަ އެކޮޅުކޮޅުން ތަރުޖަމާކުރީމައި ނޫނީ އަސްލު އެބުނާއެއްޗެއް ނޭގޭނެ..
SHAHIN
19 December 2020
ނުހައްޤުން މީހުން ޖަލަށް ލުމުން މާދެރަވޭ ނޫންތޯ.