ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މާނޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 ޑިސެމްބަރ 2020 - 09:30
ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 7-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ސައުތެމްޓަން 1-0 އިން ބަލިކޮށް މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލުން ރަށުންބޭރުގައި ހޯދި އެންމެ ފަރަގު ބޮޑު ނަތީޖާ އަށް ފަހު އެ ޓީމުން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ ރޭ އާސެނަލް އަތުން 2-1 އިން މޮޅުވި އެވަޓަން އެވެ. އެވަޓަން އަށް 14 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. މިރޭ ޓޮޓެންހަމް ދަނޑުގައި އެ ޓީމުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް ދެ ވަނަ އަށް އެރޭނެ އެވެ.
މުހައްމަދު ސަލާހު ފުރަތަމަ އެގާރައިގައި ނުހިމަނައި ރޭގެ މެޗު ލިވަޕޫލުން ފެށިއިރު، އެ ޓީމަށް ތިން ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖަޕާނުގެ ޓަކޫމީ މިނަމީނޯ އެވެ. ޕެލަސް އަށް އެއްވަރުކުރަން ޖޯޑަން އަޔޫ އަށް ލިބުނު ދެ ފުރުސަތެއް ނަގާލިއިރު ލިވަޕޫލުން ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. ލީޑުފުޅާކޮށްދިނީ ސަޑިއޯ މާނޭ އެވެ. ތިން ވަނަ ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ އެ ޓީމަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. މާނޭގެ ބަދަލުގައި ސަލާހު ކުޅެން އެރުވިތާ ކުޑައިރުކޮޅެއްގެ ތެރޭ އޭނާ ވަނީ ފިރްމީނޯ އަށް ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލިވަޕޫލްގެ ފަހު ދެ ގޯލު ޖެހީ ސަލާހު އެވެ.
މިއީ ކްރިސްޓަލް ޕެލަސް ތާރީހުގައި އެ ޓީމު ކޮޅަށް އަމިއްލަ ދަނޑުގައި އެއް މެޗެއްގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އެ ޓީމުގެ ކޯޗު އަދި ލިވަޕޫލަށް ކުރިން އިރުޝާދުދިން ރޯއީ ހޮޖްސަން ބުނީ ހުރިހާ ގޮތަކުން ބެލިޔަސް ލިވަޕޫލް ފެނުނީ ތަފާތު ރޫހެއްގައި މޮޅަށް ކުޅެލިތަން ކަމަށެވެ.
ރޭގެ ނަތީޖާއާ އެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެ ޓީމުގައި ހުރެ ލީގުގައި 127 މޮޅު ހޯދައިފަ އެވެ. މިއީ އެ ކްލަބް ތާރީހުގައި ރެކޯޑެކެވެ. ކްލޮޕް ބުނީ ލިވަޕޫލްގެ އަނިޔާގެ ވާހަކަތައް ބަޔަކަށް ޝައުގުވެރިނުވި ކަމުގައި ވިޔަސް އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެ ހާލަތު އޮވެ މިހާ ރަނގަޅު ނަތީޖާއެއް ނެރޭތީ ހިތްހަމަ ޖެހޭ ކަމަށެވެ.
ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ސައުތެމްޓަން ދަނޑުގައި ރޭ ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ ރަހީމް ސްޓާލިން އެވެ. އިތުރު ގޯލެއް ޖަހަން ސިޓީން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ސައުތެމްޓަން އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ފޯވާޑް ޑެނީ އިންގްސް ބަދަލުކުރަން ޖެހުމެވެ.
އަނިޔާގެ ސަބަބުން ޕިއޭ އެމެރިކް އޮބާމަޔަން ނުލައި އާސެނަލުން ރޭގެ މެޗު ކުޅުނުއިރު މެޗުގެ 22 ވަނަ މިނިޓްގައި އެވަޓަން އިން ލީޑުނެގި ގޯލަކީ އާސެނަލްގެ ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 35 ވަނަ މިނިޓްގައި އެވަޓަންގެ ޓޮމް ޑޭވިސް އާސެނަލްގެ އެއިންސްލީ މައިޓްލަންޑް-ނައިލްސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ނިކޮލަސް ޕެޕޭ ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔެރީ މިނާ ވަނީ އަލުން އެވަޓަން އަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގި ކޮމިޝަނަރ
20 December 2020
ރަދީފްބެއްޔާއަށް އާސެނަލްފެނޭތޭ. ހޯދާހޯދާވެސް މަށަށް އާސެނަލް ނުފެނިގެން މިއުޅޭނީ. ރަދީފްބެއްޔާ މަށަށް އާސެނަލް ދައްކާލަބަލަ. ކޮރެންކޭ ރަދީފަށް ވަރަށްބޯކޮށް ސަލާމްބުނި. ލެއްގިކޮމިޝަނަރުގެ ދުވާއަކީ އާސެނަލްއަށް ޖެހިފައިވާ މޮޅުނުވުމުގެ އެސްފީނާއިން އަވަހަށް އަރައިގަތުން. މިހާރު ދުވަމުންދަނީ ރެލުގޭޝަންވަސް
ރަދީފްއޮފިޝިއަލް
20 December 2020
ޖަސްޓް ބެންޑް. ދެން ބަލާލާ.ވ.ވެދުން
ބީ.އެސް.ބީ ވެންގާ
20 December 2020
ހަލޮ ހަލޯވް. ގޫނާ ވެންގާ ބޯއީސް އަށް އާރޓޭޓާ ސަލާމް ބުނި އަދި ވަކިން ހާއްސަކޮށް އެންމެންގެ ފްރޭންޑް ރަދީފް ބާއީ އަށް. އޯކޭތޭންކްސްބާއީ. އޯ... ވެންގާ ބޯއީސް ވެންގާ ބޯއީސް ވެންގާ ބޯއީސް ވެންގާ ބޯއީސް...
ރަދީފްއޮފިޝިއަލް
20 December 2020
މަރުހަބާ @ލެއްގިކޮމިޝަނަރ.މަރުހަބާ އެވަޓަން.އާޓެޓާ އެއީ އާސެނަލް ފަދަ ކްލަބެއް މެނޭޖް ކުރެވޭ ފެންވަރު ހުރި މީހެއް ނޫންކަން ކްލަބުން ނެރޭ ނަތީޖާތައް ކިޔައިދޭ.ފުރަތަމަ ވެސް އޮޒިލާ ޖެހިގަތުން އެއީ ކުރި ދެރަކަމެއް.އާސެނަލްގެ ވެރިން ބަދަލުކޮށް ޕޮޗެޓީނޯ ކަހަލަ މޮޅު ކޯޗެއް ގެނެސްގެން ނޫން ގޮތަކަށް އާސެނަލް ސަލާމަތް ނުވާނެކަމަށް އެލަން ޝިއަރާ ފަދަ މޮޅު އެނަލިސްޓުން ވެސް ވަނީ ބީބީސީ އެމްއޯޑީގަ ފާހަގަކޮށްފަ.ވ.ވެދުން
ލެއްގި ކޮމިޝަނަރ
20 December 2020
އެލަން ޝިއަރާއަށް ވުރެން މާކުރިން މަބުނިންދޯ އެމެރިކާގެ ޔަހޫދީ ކޮރެންކޭގެ އަތްދަށުން ޓީމްސަލާމަތްކުރަން ޖެހޭވާހަކަ. އާޓެޓާއާ ހަވާލުކުރިދުވަހުވެސް މަބުނިންދޯ ހީނާއެކަދަމީގެ ކުދިންވެސް މެނޭޖްނުކުރެވޭ ވަރުގެ ކުޑަކުޖަކާއޭ ޓީމް ތިހަވާލުކުރީ. ރަދީފްމެން ޅަވީމަ އެދުވަހު މަލާމަތްކުރީ. އަހަރުމެން އެދުވަހުވެސް އެހެންބުނީ ތަޖުރިބާގެއަލީގައޭ. ރަދީފްމެން ތަޖުރިބާ ނެތީމަ އެހެންވަނީ
އޮޒިލް
20 December 2020
ޕޮޗްއެއް ނުގެނެވޭނެ. އެއީ ފޯމާ ސްޕާސް މެނޭޖަރު.
ރަދީފްއޮފިޝިއަލް
20 December 2020
އެހެންތަ އޮޒިލް.އެކަމަކު ފުޓްބޯޅައިގެ މާޒީ ކިޔައިދެނީ އެހެން ވާހަކައެއް.ރައިވަލް ކްލަބްގެ ކޯޗްކަމާ ހަވާލުވުން އެއީ އާކަމެއް ނޫން.ފުޓްބޯޅައިގަ ކޮންމެފަދަ ކަމެއްވެސް ހިނގާފާނެ. މިސާލު:1)ހެރީ ރެޑްނެޕް (ޕޯޓްސްމައުތު އިން ސައުތުއެމްޓަން އަށް) 2)ޖޯޖް ގްރެހެމް (އާސެނަލް-ސްޕާސް) 3)ސެން ގޮރާން އެރިކްސަން (ރޯމާ - ލާޒިއޯ) 4)މޮރީނިއޯ (ބާސާގެ ބެކްސީޓްގަ މަސައްްކަތްކުރި ، ނަމަވެސް ފަހުން ރެއާލްގަ ވެސް މަސައްކަތްކުރި) ވ.ވެދުން