މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 ޑިސެމްބަރ 2020 - 07:56

މިހާރު ޝޫޓިން ފަށާފައިވާ ކާތިކް އާރިޔަންގެ ފިލްމު "ދަމާކާ" ގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ކާތިކް ފެންނަނީ އޭނާ ލޮކްޑައުންގެ ތެރޭގައި ދިގުކުރި އިސްތަށިގަނޑާ އެކީގަ އެވެ. "ދަމާކާ" ގައި އޭނާ ކުޅެނީ އަރުޖުން ޕަތަކް ކިޔާ ނޫސްވެރިއެއްގެ ރޯލެވެ. މި ފިލްމަކީ 2013 ގެ ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ރާމް މަދްވާނީ ޑައިރެކްޓްކުރާ ފިލްމެކެވެ.

މީގެ ހަތަރު އަހަރު ކުރިން ސޯނަމް ކަޕޫރާ އެކު "ނީރްޖާ" ގެނެސްދިން މަދްވާނީ އެންމެ ފަހުގެ އުފެއްދުމަކީ ޖޫން މަހު ހޮޓްސްޓާ އިން ޕްރިމިއާކުރި ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ "ދަމާކާ" ގެ މަންޒަރުތައް މުމްބާއީގައި ނަގާއިރު މީޑިއާތަކުން ބުނީ ފިލްމުގެ ޓީމުން އަމާޒު ހިފާފައި އޮތީ އެންމެ 20 ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލާ ގޮތަށް ކަމަށެވެ.

މި ފިލްމުގެ މަސައްކަތް ފެށި އިރު، ކާތިކް ކުރިން ޝޫޓިން ފަށާފައިވާ ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ހިމެނެ އެވެ.

"ދަމާކާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވިވެކްގެ "ރޯޒީ" ގެ ޝޫޓިން ފަށައިފި

ދާދި ފަހުން އެކްޓަރު ވިވެކް އޮބެރޯއީ އުފެއްދި އަމިއްލަ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓުން އިއުލާންކުރި ދެ ފިލްމުގެ ތެރެއިން "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ ކުރީގެ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ. ވިވެކް ވެސް މުހިއްމު ރޯލެއް ކުޅޭ "ރޯޒީ" އަކީ ބިރުވެރި ހާދިސާތަކެއް ފެނިގެންދާނެ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ވިޝާލް ރަންޖަން މިޝްރާ އެވެ.

ވިވެކްގެ ކުންފުނިން އިއުލާންކުރި ފުރަތަމަ ފިލްމު "އިތީ" ގެ ޑައިރެކްޓަރަކީ ވެސް ވިޝާލް އެވެ.

"ޚުދާ ހާފިޒް" ސްޓާ ގޯލްޑަށް

މި އަހަރު ޑިޖިޓަލްކޮށް ޕްރިމިއާކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޚުދާ ހާފިޒް" މި މަހުގެ 27 ގައި ސްޓާ ގޯލްޑް އިން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފާރޫގް ކަބީރް ޑައިރެކްޓްކުރި މި ފިލްމަކީ ވަޒީފާއެއް ހޯދަން ގައުމަށް ބޭރަށްދާ ޒުވާން ފިރިހެނެއްގެ އަނބިމީހާ ކިޑްނެޕްކުރުމުން އޭނާ ހޯދަން ކުރާ މަސައްކަތް ދައްކުވައިދޭ އެކްޝަން ތުރިލާއެކެވެ.

"ޚުދާ ހާފިޒް" ގެ ލީޑް ރޯލު ކުޅުނީ ވިދުޔަތު ޖަމްވަލް އާއި ޝިވަލީކާ އޮބެރޯއި އެވެ. އިތުރު ކާސްޓުންގެ ތެރެގައި އައްނޫ ކަޕޫރާއި އަހާނާ ކުމްރާ އާއި ނަވާބް ޝާހާއި ޝިވް ޕަންޑިތު ފަދަ ތަރިން ހިމެނެ އެވެ.

"ޚުދާ ހާފިޒް" ގެ ކާމިޔާބީއާ ގުޅިގެން މީގެ ސީކްއެލްއެއް ވެސް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ޝޫޓިން ފަށާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

"ކޫލީ ނަމްބަރު 1" އިން އާ ލަވައެެއް

އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ކޫލީ ނަމްބަރު 1" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ވަރުން ދަވަނާއި ސާރާ އަލީ ޚާނާ އެކު ގިނަ އަދަދެއްގެ ބެކް ޑާންސަރުން ވެސް ފެނިގެންދާ މި ލަވަ އަކީ 1995 ގެ "ކޫލީ ނަމްބަރު 1" ގައި ވެސް ހިމެނޭ ލަވަ "މިރްޗީ ލަގީ ތޯ" އެވެ. ކުރީގެ ލަވަ ވެސް ކިޔާފައިވާ ކުމާރު ސާނޫ އާއި އަލްކާ ޔަގްނިކްގެ ތެރެއަށް ސާރާ އާއި ޕޫނަމް ތިވާރީގެ އަޑު ވެސް ހިމަނާފައިވެ އެވެ.

މި ލަވައިގެ މިއުޒިކް ހަދާފައި ވަނީ އާނަންދު-މިލިންދެވެ.

ކުރީގެ "ކޫލީ ނަމްބަރު 1" އަކީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ޑޭވިޑް ގެނެސްދިން ފިލްމެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454