އޭސީ މިލާނުގެ ހަކާން ޗަނައޮގްލޫ (ކ) އާއި ތެއޯ ހެނާންޑޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
24 ޑިސެމްބަރ 2020 - 11:07
މިލާން (ޑިސެމްބަރު 24) – ފަހު ވަގުތު ތެއޯ ހެނާންޑޭޒް ވައްދާލި ގޯލުން ލާޒިއޯ 3-2 އިން ބަލިކޮށް އޭސީ މިލާނުން، އިޓާލިއަން ލީގު ފިނި މޫސުމަށް މެދުކަނޑާލިއިރު ތާވަލުގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.
މިލާން އެއް ވަނައިގައި އޮތީ 34 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ރޭ ހެލަސް ވެރޯނާ އަތުން 2-1 އިން މޮޅުވި އިންޓަ މިލާނެވެ. އަދި ތިން ވަނައިގައި އޮތީ ރޭ 3-2 އިން ކަލިއާރީ އަތުން މޮޅުވި ރޯމާ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ އެއް ވަނަ މަގާމާ 10 ޕޮއިންޓުގެ ފަރަގެއްގައި 24 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ޔުވެންޓަސް ފަހަތަށް ސޮއްސާލީ އަންގާރަ ދުވަހުގެރޭ ފިއޮރެންޓީނާ އަތުން 3-0 އިން ބަލިވުމުންނާއި ނަޕޯލީ އަތުން މޮޅުވި މެޗު ކެންސަލްކޮށް އަލުން ކުޅެން ޖެހުމުން އެ މެޗުގެ ތިން ޕޮއިންޓް އަތުލުމުންނެވެ.
ސެންސީރޯގައި މިލާން ކުޅުނު ފުރަތަމަ ހާފުގައި އަންޓޭ ރެބިޗާއި ހަކާން ޗަނައޮގްލޫގެ ލަނޑުތަކުން އެ ޓީމު ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އޭގެ ފަހުން ލުއިސް އަލްބާޓޯ އާއި ޗީރޯ އިމޮބިލޭގެ ލަނޑުތަކުން ލާޒިއޯ އެއްވަރުކުރި އެވެ. މިލާން މޮޅުވި ލަނޑު ހެނާންޑޭޒް ވައްދާލީ އިތުރު ވަގުތުގެ ތެރޭގަ އެވެ.
މި މޮޅާ އެކު މިލާން ވަނީ މާޗު މަހުން ފެށިގެން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް ބޮޅެއް އިތުރުކޮށްފަ އެވެ. އެ ޓީމު މި ސީޒަނުގެ ލީގުގައި މިހާތޔަނަށް 14 މެޗުން 34 ޕޮއިންޓް ހޯދިއިރު މިދިޔަ ސީޒަނުގައި އެ އަދަދަށް މެޗުން ހޯދުނީ އޭގެ ދެބައިކުޅަ އެއް ބައި ޕޮއިންޓެވެ.
ރަށުން ބޭރުގައި އިންޓަ ކުޅުނު މެޗުގެ 51 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒްގެ ގޯލުން އެ ޓީމު ކުރި ހޯދި އެވެ. އެކަމަކު ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވެރޯނާގެ އިވާން އިލިޗް އެއްވަރުކުރި އެވެ. އިންޓަ މޮޅުވީ މިލަން ސްކްރިނިއާ ޖެހި ގޯލުންނެވެ. މިއީ އެ ޓީމު ލީގުގައި ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމޭ1
24 December 2020
އޭ ސީ މިލާން ތަށިނަގާތަން ބަލަން ވ.ބޭނުން
ކުމާރުު
24 December 2020
ކީޕް ޑްރީމިން