މުނިފޫހިފިލުވުން / ބޮލީވުޑް

މިހާރު އޮތް އެންމެ ބޮޑު ކަމަކީ ކައިވެނި: ރަންބީރް

ރަންބީރް.

25 ޑިސެމްބަރ 2020 - 11:05

ހަޔާތުގައި މިހާރު އޮތް އެންމެ ބޮޑު އަދި މުހިންމު ކަމަކީ ކައިވެނިކުރުން ކަމަށް ބޮލީވުޑްގެ އެކްޓަރު ރަންބީރް ބުނެފި އެވެ.

އޭނާ އާއި ބަތަލާ އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. ނަމަވެސް އަދި މިހާތަނަށް ކައިވެނިކުރުމުގެ ކޮޅުމަތި ފެންނާކަށް ނެތެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދިން އިންޓަވިއުއެއްގައި ރަންބީރް ހިއްސާކުރި ވާހަކަތަކުގެ ތެރޭގައި ކައިވެނީގެ ވާހަކަ ވެސް ހިމެނެ އެވެ. އޭނާ ބުނީ ހަޔާތުގައި މިހާރު ދެން ހާސިލުކުރަން އޮތް އެންމެ ބޮޑު ކަމަކީ ކައިވެނި ކަމަށެވެ.

މި އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅު ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަން މި އަހަރު ކުރިމަތި ނުވި ނަމަ އޭނާ މިހާރު ހުރީހީ ކައިވެނިކޮށްގެން ކަމަށެވެ.

"ތެދަށް ބުނަންޏާ އަސްލު އެއީ މި އަހަރު ވެފައި އޮންނާނެ ކަމެއް. އަހަރެންގެ ހަޔާތުގައި މިހާރު ބާކީ އޮތް އެެންމެ މުހިއްމު ކަމަކީ ވެސް ކައިވެނި،" ރަންބީރް، 38، ބުންޏެވެ.

ނަމަވެސް ކައިވެނިކުރާނެ އިރަކާ ބެހޭ ގޮތުން އޭނާ ވާހަކައެއް ނުދެއްކަ އެވެ. ބެލެވޭ ގޮތުން އަންނަ އަހަރު ރަންބީރާއި އާލިއާ ކައިވެނިކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަނެއްކޮޅުން މި ދެ މީހުންގެ ގުޅުމަށް ދެ ފަރާތުގެ އާއިލާ ވެސް ވަރަށް ރުހެ އެވެ. މިހާރު ވެސް ރަންބީރްގެ މަންމަ ނީޓޫ ސިންގް އާއި ދައްތަ ރިދިމާ ކަޕޫރާއި އާލިއާއާ ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.

އާލިއާއާ ބެހޭ ގޮތުން އިންޓަވިއުގައި ރަންބީރް ބުނީ "ލޯބިވެރިޔާ އަކީ ވަރަށް އަވަހަށް ކަންކަން ހާސިލުކުރާ މީހެއް" ކަމަށެވެ.

"ކެރިއާ ވައިސްކޮށް ބަލައިފިއްޔާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އާލިއާ ވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައި. އެގޮތުން އޭނާއާ އަހަންނާ އަޅާކިޔާ ކަމަށް ވަންޏާ އަހަރެން ބުނާނީ ތަންކޮޅެއް ފަހަތުގައޭ އަހަރެން ހުރީ،" 2012 ގައި ބޮލީވުޑަށް ނުކުތް ބަތަލާއާ ބެހޭ ގޮތުން ރަންބީރް ބުންޏެވެ.

އާލިއާއާ ރަންބީރް ލޯބީގެ ގޮތުން ގުޅުނީ ކެޓްރީނާ ކެއިފާ އެކު ދޮޅު އަހަރެއްހާ ދުވަސްވަންދެން ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވުމަށް ފަހު އެވެ. އޭރު ދެ މީހުން އުޅުނީ ލިވް-އިން ރިލޭޝަންޝިޕެއްގަ އެވެ.

ކެޓްރީނާއާ ރަންބީރް ގުޅުނީ ދީޕިކާ ޕަދްކޯންއާ ވެސް ވަރަށް ސީރިއަސް ގުޅުމެއް ބޭއްވުމަށް ފަހު އެވެ. އެކަމަކު ދީޕިކާ މިހާރު ހުރީ ރަންވީރު ސިންގްއާ ކައިވެނިކޮށްގެންނެވެ. އެ ކައިވެންޏަށް މިހާރު ދެ އަހަރެވެ.

ރަންބީރްގެ "ބުރައްމަސްތުރާ" އާއި "ޝަމްޝޭރާ" މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިރު، އަންނަ މަހު އޭނާ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ޝޫޓިން ފަށާނެ އެވެ. ރަންބީރް ވަނީ މިދިޔަ އަހަރު "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" އަށް ވެސް ސޮއިކޮށްފަ އެވެ.

"ބުރައްމަސްތުރާ" އަކީ ރަންބީރާ އާއި އާލިއާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454