ރިޕޯޓް / އިބްތިހާލްގެ މަރު

އާފިޔާގެ ހަޔާތުން ފެންނަ އަނިޔާގެ އެހެން ސަފުހާއެއް

މުހައްމަދު އިބްތިހާލް: އޭނާގެ މަރަށް އިންސާފު ލިބުނަސް، އޭނާގެ މަންމައަށް ލިބުނު އަނިޔާތަކަށް އިންސާފެއް ނުލިބޭ --- ފޮޓޯ/އައްސަދު ފޮޓޯގްރަފީ

މުޅި ރާއްޖެ ސިއްސުވާލި މުހައްމަދު އިބްތިހާލްގެ އަނިޔާވެރި، ރަހުމް ކުޑަ، މަރުގެ މައްސަލައަށް، ފަސް އަހަރު ފަހުން އިންސާފު ލިބުނީ އެވެ. އޭނާ މަރާލި އޭނާގެ މަންމަ އާފިޔާ މުހައްމަދު 20 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ކުރުވި އެ މަރަށް އިންސާފު ނުލިބިގެން އުފުލި އަޑުތަކަށް ވެސް ނިމުމެއް އައީ އެވެ. ނަމަވެސް ކުށުގެ އަސާސީ އަދަބަށް ވުރެ ދެ ގުނަ ބޮޑު އަދަބެއް އާފިޔާގެ މައްޗަށް ކަނޑައެޅުމުން ވެސް ބައެއް މީހުންނަށް އެވަރު ނުފުދުނެވެ. "ތިޔަ ދިނީ އަދަބެއް ހެއްޔޭ؟"އޭ ބުނެ، ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ އުޅެ އެވެ.

އެކަމަކު ގާނޫނުގެ ފޮތުން އިބްތިހާލަށް ދެވެން އޮތް އިންސާފާ ހަމައަށް ވާސިލްވެވިއްޖެ އެވެ. އެކަމަކު، އެ އަނިޔާވެރިކަމާއި ރަހުމް ކުޑަކަމުން އާފިޔާ ދެކެ އާންމުން ކިތައްމެ ރުޅިއައި ނަމަވެސް، މާޒީގައި އޭނާއަށް ލިބުނު ކަމަށް ބުނާ އަނިޔާ އާއި ޖިންސީ ގޯނާތަކަށް އިންސާފު ހޯދައި ދޭނީ ކާކު ހެއްޔެވެ؟ އެއީ ދިވެހި މުޖުތަމައުގެ ކިހާ ވިޔާނުދާ ސަފުހާއެއް ހެއްޔެވެ؟

އާފިޔާ ހައްޔަރުކޮށް ހެދި ނަފުސާނީ ޓެސްޓްތަކުން އެނގެނީ އޭނާގެ ޑިޕްރެޝަނާ އެކު "އާދަޔާ ޚިލާފް ރުޅިވެރި ވިސްނުން" ހުރިކަމެވެ. އަމިއްލަ ދަރިފުޅު އެހާ އަނިޔާވެރި ގޮތަކަށް މަރާލަން އޭނާގެ އެ ރުޅިވެރިކަން ސަބަބަކަށް ވީ އިރު، އަނެއްކޮޅުން އާފިޔާގެ ދެން ތިބި ދެ ދަރިން ދެކެ ލޯބިވެ، އަޅާލުން އެހާ ރަނގަޅު ކަމަށް، އަވަށްޓެރިންގެ ހެކިބަހުން އެނގެ އެވެ. އެހެންކަމުން އޭނާގެ އަނިޔާގެ ޝިކާރައަކަށް ކުށެއް ނެތް، މައުސޫމް އިބްތިހާލް ވާން ޖެހުނީ ކީއްވެ ހެއްޔެވެ؟

ވޭތުވެދިޔަ ފަސް އަހަރު މުޅިންހެން އިވެނީ އިބްތިހާލަށް އާފިޔާ ކުރި ރަހުމްކުޑަ، ލާއިންސާނީ އަނިޔާތަކާއި އެ ކުއްޖާގެ ފަހު ވަގުތުކޮޅުގެ އަސަރުގަދަ ވާހަކަތަކެވެ. އެ ކުއްޖާއަށް ކާން ނުދީ ބެހެއްޓުން ފަދަ ބޮޑެތި އިހުމާލުތަކާއި ކުލުނުގެ ކަންފުޅެއް ވެސް ނެތް، އަމަލްތަކުން އާފިޔާގެ މައިވަންތަކަން އޮތީ ފުރިފަ އެވެ. އެ ވާހަކަތައް އަޑުއަހާކަށް ފަސޭހައެއް ނޫނެވެ.

ޝަރީއަތުގެ ގިނަ މަރުހަލާތަކުގައި ވަކީލެއްގެ އެހީތެރިކަން އާފިޔާ ބޭނުން ނުކުރި އެވެ. އޭނާ ޖަވާބު ދެމުން ދިޔައީ މުޅިން ވެސް ބޮލުގެ އިޝާރާތުން ނުވަތަ ކުރުކުރު ޖުމްލަތަކުންނެވެ. އެހެންކަމުން ގިނަ ބަޔަކަށް، އާފިޔާގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ނޭނގެ އެވެ. އެ ބައި ބޮޑަށް މި އެނގުނީ، އިބްތިހާލަށް މަރަށް ފަސް އަހަރާއި 11 މަސް ފުރުނު ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުންނެވެ.

ތިން ގަޑިއިރަށް ވުރެ ދިގު ވަގުތު ނެގި ހުކުމް އިއްވުމުގެ މަޖިލީހުގައި ހާމަވި ތަފްސީލުތަކުން އެނގުނީ އަނިޔާވެރި ގޮތަކަށް އިބްތިހާލް މަރާލުމުގެ ޒިންމާ ހަމައެކަނި އާފިޔާގެ ބޮލުގައި އެޅުވެން ނެތް ކަމެވެ. އޭގައި މުޖުތަމައު އާއި މައިންބަފައިންނާއި ބެލެނިވެރިންނާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ވެސް ފެއިލްވެފައި އޮތް ކަމެވެ.

އާފިޔާ ބުނާ ގޮތުން އޭނާއަށް ވަނީ އެކި މީސްމީހުންގެ ފުށުން ޖިންސީ ގޯނާތަކާއި ފުރައްސާރަ އާއި މަލާމާތް ރައްދުވެފަ އެވެ. އާފިޔާ އުޅެ ބޮޑުވި މާހައުލާއި އެކި މީހުންގެ ފަރާތުން އޭނާއަށް ލިބުނު އަނިޔާތަކުގެ ސީރިއަސްކަމާއި އިބްތިހާލްގެ މަރާ އޮތް ގުޅުމުގެ ބޮޑުކަން ވިސްނިގެން ފަނޑިޔާރު ވެސް ވަނީ "އާފިިޔާއަށް އަދިއަދަށް ވެސް އިންސާފު ނުލިބޭ" ކަމަށް ވިދާޅުވެފަ އެވެ. ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށުން ކުށްވެރިވެފައި ހުރި މީހަކަށް އޭގެ ކުރިން ލިބިފައި ހުރި އަނިޔާތަކަށް އިންސާފު ނުލިބޭ ވާހަކަ ފަނޑިޔާރަކު ހުކުމުގައި ވިދާޅުވުމަކީ އާދައިގެ ކަމެއް ނޫނެވެ.

އާފިޔާ --- ފޮޓޯ/މިހާރު

ފުލުހުންގެ ތަހުގީގަށާއި އޭނާގެ ނަފްސާނީ ހާލަތު ބެލި ޑޮކްޓަރުންނަށް ކިޔައިދިން ވާހަކަތަކަށް ބިނާކޮށް، ހުކުމުގައި ބުނެފައި ވަނީ އާފިޔާގެ އުމުރުން ހަތް އަހަރުގައި އޭނާގެ ބައްޕަ ނިޔާވުމުން މަންމަ އާއި އާއިލާއާ އެކު ރަކީދޫގައި ދިރިއުޅެނިކޮށް އެންމެ ފުރަތަމަ ޖިިންސީ ގޯނާއާ ކުރިމަތިލާން ޖެހުނީ ތިމާގެ މީހެއްގެ ފިރިމީހާގެ ފަރާތުން ކަމަށެވެ. އެކަން އޭނާގެ އާއިލާއާ ހިއްސާ ކުރުމުން، ދިވެހި މުޖުތަމައުގެ އާންމު އުސޫލުގެ ތެރެއިން، ސިއްރުކުރީ އެވެ. އާއިލާ އިން ތުހުމަތުކުރީ އެ މީހާ ބަދުނާމު ކުރަން އާފިޔާ މަސައްކަތް ކުރަނީ ކަމަށެވެ.

އޭގެ ފަހުން 2007ގައި ކިޔަވަންވެގެން އާފިޔާ މާލެ އަ އެވެ. އެކަމަކު މާލޭގައި އޭނާ ދިރިއުޅުނު ގެއިން ވެސް ކުރިމަތިލާން ޖެހުނީ އިތުރު އަނިޔާ އާއި ހިތްދަތިކަމެވެ. ކިޔެވުމުގެ ބަދަލުގައި އާފިޔާ ހުންނަން ޖެހުނީ ނޯކަރެއްގެ ގޮތުގައި ކަމަށް ވާހަކަތަކުން އެނގެ އެވެ. އެގެއިން ވެސް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށްވެ އެވެ.

އެނބުރި ރަކީދޫއަށް ދިޔައީ، އާފިޔާ ބުނެފައިވާ ގޮތުގައި، "އެ އަނިޔާތަކަށް ކެތްނުކުރެވިގެންނެ"ވެ. ކިޔެވުމުގެ އުއްމީދުގައި ދެން ދަތުރުކުރީ މ. މަޑުއްވަރީއަށެވެ. އެ ރަށު ސްކޫލުން ގްރޭޑް 10 ނިމެންދެން ކިޔެވި ނަމަވެސް، އެ ރަށުން ވެސް ޖިންސީ ގޯނާތަކާ ކުރިމަތިވި ކަމަށް، އޭނާގެ ވާހަކަތަކުން އެނގެ އެވެ.

އަނެއްކާވެސް ރަކީދޫއަށެވެ. އަނެއްކާވެސް ތިމާގެ މީހެއްގެ ފިރިމީހާގެ ޖިންސީ ގޯނާތަކެވެ. އޭރު އޭނާގެ މަންމަ އޭރު ދިރިއުޅެމުން ދިޔައީ ވ. ކެޔޮދޫގަ އެވެ. ދެން އޭނާ ބަދަލުވީ މަންމަ ކައިރިއަށެވެ. އެކަމަކު އެއީ، އޭނާ ކިޔައިދިން ވާހަކަތަކުން ހާމަވާ ގޮތުގައި، ޖިންސީ ގޯނާތަކުން ހިމާޔަތް ލިބުނު ހިޔާވަނި ކަމަށް ނޫނެވެ. ދޮންބައްޕަގެ ޖިންސީ ގޯނާތަކުން އޭނާގެ ހަޔާތުގައި ޒަހަމްތައް އުފެއްދި އެވެ.

އެ ހިސާބުން އެކަމެއް ނުނިމުނެވެ. ތަހުގީގަށް އޭނާ ދިން 14 ސަފުހާގެ ބަޔާނުން ފެންނަން އޮތީ، އޭނާ ލައްވާ މަޖުބޫރުކޮށްގެން ހަށިވިއްކުވި ކަމަށެވެ. އާއިލާއަށް ފައިސާ ހޯދަން އޭނާ ލައްވާ ގަދަކަމުން އެކަން ކުރުވީ، މަންމައަށް އެނގިގެން ކަމަށް ވެސް، ބަޔާނުގައިވެ އެވެ.

އާފިޔާ ބުނެފައިވާ ގޮތުގައި "ދުވާލަކު އެތައް ބަޔަކު ގަދަކަމުން ޖިންސީ ގުޅުން ހިންގި" އެވެ. ދޮންބައްޕަގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ ގޯނާތަކަށް ދެކޮޅުހަދާ ނަމަ، މަންމަ އޭނާއަށް އަނިޔާކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އާފިޔާގެ ވާހަކަތަކުން ހާމަވި އަނެއް ކަމަކީ އެކި މީސްމީހުން އޭނާ ރޭޕްކޮށް، ލިބެމުން ދިޔަ ޖިންސީ ގޯނާތަކަށް ފަހު ނަހަލާލަށް ބަނޑުބޮޑުވުމުން ދަރި ވައްޓާލަން އާއިލާއިން މަސައްކަތްކުރިކަމެވެ. އެކަމާ އާފިޔާ ދެކޮޅުހަދައި، އެނބުރި ރަކީދޫއަށް ދިޔަ އެވެ. ދުނިޔެއަށް އުފަންވީ އިބްތިހާލެވެ. ރަކީދުއަށް ދާށާއި އެހެން ކަންކަމުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވީ އޭނާގެ އޭރުގެ ލޯބިވެރިޔާ އަދި މިހާރު އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީގެވެ.

އާފިޔާ އުއްމީދުކުރީ، އޭނާ ބުނި ގޮތުގައި، ފިރިމީހާގެ އެހީތެރިކަމާ އެކު، ރަށުގައި ރީތިކޮށް ދިރިއުޅެވޭނެ ކަމަށެވެ. ނަމަވެސް އުފަން ރަށުން ވެސް އެ ހިތްހަމަޖެހުމެއް ނުލިބުނު ކަމަށް، ބަޔާނުގައިވެ އެވެ.

އިބްތިހާލަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ރަށު ބައެއް މީހުން ތަފާތު ވާހަކަތައް ދެއްކި އެވެ. އެއިން ކޮންމެ ވާހަކައަކުން ވެސް އޭނާގެ ހިތުގައި އުފެދެމުން ދިޔައީ، ދަރިފުޅާ މެދު ރުޅިވެރިކަމެވެ. އިބްތިހާލްގެ ކުށެއް ނެތެވެ. އެކަމަކު އޭނާގެ އެ މައުސޫމްކަމުން އާފިޔާގެ ހިތުގައި ރަހުމެއް ނުއުފެދުނެވެ. އަޅާނުލުމާއި އަނިޔާކުރުމަކީ، ރަށުގެ އެންމެންނަށް އެނގޭ ހަގީގަތްތަކެވެ. ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ރަށުގެ ވެރިންނަށް ވެސް އެނގެ އެވެ. ދެތިން ފަހަރު ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން އިބްތިހާލް ކައިރިއަށް ޒިޔާރަތް ކުރި އެވެ. އެކަމަކު ރުޅުވެރި، އަނިޔާވެރި އާފިޔާގެ ކައިރިން ސަލާމަތްކޮށްގެން ދައުލަތުގެ ބެލުމުގެ ދަށަކަށް ނުގެންދިޔަ އެވެ.

މިފަދަ ކޮންމެ ވާހަކައެއް ވެގެން ދިޔައީ އިބްތިހާލާ މެދު އާފިޔާގެ ރުޅިވެރިކަން އިތުރުވެގެންދިޔަ ސަބަބަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކި ފަހަރު މަތިން އިބްތިހާލަށް އަނިޔާކޮށް، އިހުމާލުވަމުން ދިޔަކަން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ރަށުގެ ވެރިންނަށް ވެސް އެނގި ތިބެ އިބްތިހާލަށް ދައުލަތުން ރައްކާތެރި ކަމެއް ނުދިނެވެ.

އިބްތިހާލަށް އާފިޔާގެ ފަރާތުން މަރުގެ އެތި ފަހަރު އަމާޒުވުމުގެ 24 ގަޑިއިރު ކުރިން ވެސް ރަށު މީހެއްގެ ފަރާތުން އާފިޔާއަށް ލިބުނީ، އޭނާ ބުނާ ގޮތުން، ނުބައި "ވަސްވާހެކެވެ." އާފިޔާގެ ބަޔާނުގައި އޮތީ އިބްތިހާލް "މަރާލާފައި ފޮށްޓަކަށް ލާފައި އެއްލައިލާށޭ" އެ މީހާ ބުނި ކަމަށެވެ.

އެކަމަކު އާފިޔާ ތުހުމަތުކުރާ މީހުންނާ ތަހުގީގުގައި ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އޭގެ ކުރިން ވެސް އެއީ ތަހުގީގުކުރި މައްސަލަތަކެއް ނޫނެވެ. އެހެންކަމުން، އެހެން މީހުންނަށް އޭނާ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ސީދާ އެނގޭނެ ގޮތެއް ނެތެވެ.

ނަމަވެސް ސިލްސިލާ އަނިޔާތަކެއްގައި އިބްތިހާލްގެ ކުރު ހަޔާތް ވޭތުކުރި ގޮތާއި، އޭގެ ޒިންމާ ނަގަން ޖެހޭ މީހަކަށް އާފިޔާ ވުމުން، އޭނާއާ މެދު އާންމުންގެ ހިތުގައި އޮތް ރުޅިވެރިކަން ބޮޑެވެ. އާފިޔާއަށް ލިބުނު އަނިޔާތަކާއި ބަދު ބަަސްތަކާ ގުޅިގެން ނަމަވެސް ކުޑަކުއްޖަކަށް އެވަރުގެ އަނިޔާތަކެއް ދިނުން، ގާނޫނީ ހަމައަކުން ވެސް، ދީނީ އަދި އިޖުތިމާއީ ހަމަޔަކުން ވެސް ގަބޫލެއް ނުކުރެވޭނެ އެވެ.

މި ބޮޑު މައްސަލައިން ފާހަގަވާ ކަމަކީ، މުޖުތަމައުގައި އޮތް ތަފާތު އަނިޔާވެރިކަމެވެ. އާފިޔާގެ ހަޔާތަކީ އޭގެ މިސާލެކެވެ. އޭނާގެ އަނދިިރި ސަފުހާތަކުން ދައްކައިދެނީ އިސްލާހުކުރަން ޖެހޭ ކަންކަމެވެ. އާއިލާ ތެރެއިންނާއި މުޖުތަމައު، އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ އެތައް ކަމެކެވެ. ޖިންސީ އަަނިޔާ އާންމުވެފައި އޮތް ވަރެވެ.

33 ކޮމެންޓް, 226 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 88%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައި ހޭޓް މައި ލައިފް

01 January 2021

ޚުދު އަހަރެން މިއީ ކުޑައިރު ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ މީހެއް. އެހެންނަމަވެސް، ކުށެއްނެތް މައުސޫމް ތުއްތު ކުއްޖަކަށް އަނިޔާއެއް ނުކުރެވެނެ. ހިތެއް ހުރިއްޔާ ކެތެއް ނުވާނެ.

The name is already taken The name is available. Register?

ޙުސެން

31 December 2020

މާޒީ އެއް ބަދަލެއް ނުކުރެވޭނެ، ނަމަވެސް މުސްތަގުބަލުގާ އެކަހަލަ ކަމެއް ތަކުރާރުވުން ހުއްޓުވިދާނެ. އޭ މުސްލިމު އަހުންނާ އުހުތުންނޭ ވިސްނާ ފިކުރުކުރާށޭ!

The name is already taken The name is available. Register?

ޢަލީ ޙުސައިން

31 December 2020

އަހަރެމެން ކިޔަވަން އުޅުނު އިރުވެސް ޖިންސީ ގޯނާ އާއި ކުރިމަތި ލި އެތައް ކުދިން އުޅޭ

The name is already taken The name is available. Register?

މުސަޅު

31 December 2020

ފިރިހެނެއްނަމަ އޭނާގެ ހަޔާތުން ފެންނަ އަނިޔާގެ ސަފުހާތަކޭ ކިޔާފަ ސިމްޕާތީ ހޯދާކަށް ނޫޅޭނެ

The name is already taken The name is available. Register?

ާފިޔާ

31 December 2020

އެ މައުސޫމް ކުއްޖާ މަރާލީ އެތަށް ދުވަހެއްގެ އަނިޔާތަކަކަށް ފަހު. ހތަށް ކެއްނުވޭ

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

30 December 2020

އާފިޔާ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެނބި އަމިއްލަ ދަރިފުޅު މަރާލުމުގައި އެތަކެއް ބައެއްގެ އިހްމާލު އެބައޮތް.

The name is already taken The name is available. Register?

ފެށުން

30 December 2020

ޖެންޑާ މިނިސްޓްރީގެ ފަރާތުން އަތޮޅަކަށް އެންމެ މުޢައްޒަފެއް ލައިގެން ގަނަތެޅުވުންވެސް އެއީ ބޮޑު އިހުމާލެއް. ކޮންމެ ރަށަކަށް ސެންޓަރެއް ހަދަންޖެހޭ ވަރަށް މައްސަލަތަށް ހުރިކަން ވަރަށް ސާފު

The name is already taken The name is available. Register?

ހޮޓްކިންގ

30 December 2020

ކުށެއްކުރީމާ އެކަމުގެ ވާހަކަ ދައްކަން އަހަރެމެން ވަރަށް މޮޅެވެ. ޒިނޭކުރުމަކީ ގިނަފަހަރަށް މުޅިންވެސް އަންހެންމީހާ ބަދުނާމުވެ ހުރިހާ ދެރައެއް އުފުލަންޖެހޭކަމެއްގެ ގޮތުގާމިރާއްޖޭގެ އާދަކާދަދެމިއޮތެވެ. ޒިނޭކުރާ ފިރިހެންމީހާ ފިލާހިރެވެއެވެ. 4 މީހުން ގެ ހެކިބަސްނުލިބުމަކީ ޒިނޭގެ މައްސަލަ އިންސާފުންނިބެލެންވީ ކަމެއްތީއެވެ. މިވަރުންވެސް ޑީއެންއޭ ހެކީގެގޮތުގާ ބަލައިނުގަތުމީ ލަދުވެތި ނާއިންސާފުކަމެކެވެ.

The name is already taken The name is available. Register?

ކޫލްކިންގް.

31 December 2020

ތިޔައީ މުޅިން ގޯސްވާހަކައެއް ނޫން. ޒިނޭގެ ސަބަބުން ގިނަފަހަރު ދުނިޔެމަތީގަ ބަދުނާމުވެ ފަޟީހަތްވާނީ އަންހެނުން. ހަތަރު ހެކިން ނެތީމަ ފިރިހެންގޮލާ ބަޗާނެ. އެކަން އެންމެންވެސް އެބަ ގަބޫލުކުރޭ. އެހެންވީމަ ދީނުގަވެސް އަންހެނުންނަށް އިތުރަށް ރައްކާތެރިކަން ލިބިދޭން އަންގަވާފަ އޮންނަނީ. ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުން ނިވާވާންށާައި، މަހުރަމަކާ އެކު ދަތުރުފަތުރު ކުރުމަށް އަންގަވާފަ އޮންނަނީ ހަމަ މަޖަލަކަށްނޫން.

The name is already taken The name is available. Register?

އައިސަ

31 December 2020

ދިވެހީންގެ ހިތުގައި އީމާންތެރި ކަމެއް ނޯވޭ.. އެންމެފުރަތަމަ އަންހެން ކުއްޖާގެ އިއްފަތަށް އަރައިގަންނަނީ އޭނާގެ މަހުރަމު މީހުން

The name is already taken The name is available. Register?

ހާސަރު

30 December 2020

އިބްތިހާލުގެ މަރާލުމުން އާފިޔާއަށް ހުކުމް ކުރެވިއްޖެ ، އެކަމަކު ހަގީގީ މައްސަލަ އަދި އޮތީ އޮތް ގޮތަށް! ހަގީގީ މައްސަލަ އަކީ ޖިންސީ ގޯނާ ، ޖިންސީ އަނިޔާ ، ޖިންސީ ފުރައްސާރަ ، ހަށިވިއްކުން. މިހުރިހާ ކަމަކީވެސް އާފިޔާ ކަހަލަ އެތައް ބަޔަކަށް ކޮންމެދުވަހަކު ދިމާވަމުންދާ ކަންތައް ، ހުއްޓުވަންވީ މިކަންތައް ، އަދަބުދޭންވީ މިކުށްތައް ކުރާ މީހުނަށް .

The name is already taken The name is available. Register?

ޢާފިޔާ އަކީ އަނިޔާވެރި ޤާތިލެއް

30 December 2020

ތި މާއާއި މެދު ނުބައިކޮށް ކަން ހިނގިއެއް ކަ މަކު، ކުޑަ ދަރި މަރައިގެން ނުވާނެ އެވެ. ނަހަލާލަށް ބަލިވެ އިނު މުން ދަރިވައްޓާލަން އުޅުނީ މައި އެކަ މާ ދެކޮޅު ހަދައި، ރަކީދޫ އަށް ދެވުނު މީހަކަށް، ހަށިވިއްކުވި އިރުވެސް ދެކޮޅު ހަދަން ކެރޭނެ ކަން ޔަޤީނެވެ. ކިތަން މެ ލިއު މެއް ލިޔުނަސް "ދުނބުރިއެއް އަނބަކަށް ނުހެދޭނެއެވެ." ޢާފިޔާ އަކީ ވަރަށް އަނިޔާވެރި ނުބައި ނުލަފާ ޤާތިލެކެވެ. އޭނާއާއި މެދު ކުޑަވެސް ރަޙު މެއް މިހިތަކު ނެތެވެ.

The name is already taken The name is available. Register?

ރޮވެނީ

30 December 2020

އެއްބަޔަކު ކުދިން ނުލިބިގެން އުޅެނީ. ޤައިމު ބޭނުން ނޫންއިރު ދިންނަމަ.

The name is already taken The name is available. Register?

ސައިކޭޓްރިސްޓް

31 December 2020

މިފަދަ ކަންތައްތަ ތަހަންމަލް ނުކުރާ މީހުންނަށް ގިނަ ފަހަރަށް މިކަންތައްތަކުގެ ވޭނާ، މަޖްބޫރީ، އެހެންނޫނީ ސައިކޮލޯޖިކަލް އިފެކްޓް އިހްސާސެއް ނުކުރެވޭނެ. މާދެން މާތް ބަޔަކަށް ހެދެން އުޅޭނެ މި ދިވެހިން.

The name is already taken The name is available. Register?

12134

30 December 2020

ކިތެއްމެވަރަކަށް ޤާނޫނާއި ޤަވާއިދުހެދިޔަސް އެކަންކުރަންތިބޭ މީހުން ޒިންމާ އަދާނުކުރާ ނަމަ ކުރެވޭނެކަމެއް ނޯންނާނެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454