އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ

ވ. ރަކީދޫގައި ބޮޑެތި އަނިޔާތަކެއްގައި މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


ޖެނުއަރީ، 2015 ގައި އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އާފިޔާ ވަނީ ތަހުގީގާއި ބަންދު މުއްދަތު މަޖިލީހުގެ އިތުރުން ޝަރީއަތުގައި ވެސް އެއްބަސްވެފަ އެވެ. މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

އެ އަޑުއެހުމުގައި ކޯޓުން ވަނީ އާފިޔާގެ ނަފްސާނީ ޓެސްޓް ހެދި ޑޮކްޓަރު ކަމަށް ޑރ. އައިޝަތު އަލީ ނާޒްގެ ހެކިބަސް ނަގައިފަ އެވެ. އޭނާ ބުނިގޮތުގައި އާފިޔާގެ ކިބައިގައި ރުޅިވެރި ވިސްނުން ވަރަށް ބޮޑު ކަމަށާއި އޭނާ އިބްތިހާލަށް އަނިޔާކުރީ އަމިއްލަ އިހްތިޔާރުގައި ހުރެގެން ކަމަށެވެ.

މީގެ ކުރީގެ އަޑުއެހުންތަކުގައި އިބްތިހާލް ބެއްލެވި ޑޮކްޓަރުންގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.

އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، އިބްތިހާލަށް އަނިޔާ ލިބެމުންދާކަން އެނގި ތިބެ، އެކަމުގައި އިހުމާލުވި ކަމަށް ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އިހުމާލުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އޭގެ ތެރޭގައި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.