ޓެސްލާގެ ސެންޓަރެއް.
31 ޑިސެމްބަރ 2020 - 07:51
މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުނި އަންނަ އަހަރު އިންޑިއާ އަށް މިސްރާބު ޖަހަން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށްދެއްވައި އިންޑިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ނިތިން ގަދްކާރީ ސީއެންއެން ބިޒްނެސް އަށް ވިދާޅުވީ ޓެސްލާގެ ވިޔަފާރި އިންޑިއާގައި އެންމެ ފުރަތަމަ ފަށާނީ އެ ކުންފުނީގެ އުފެއްދުންތައް ވިއްކާ ސޭލްސް ސެންޓަރުތަކާ އެކީގައި ކަމަށެވެ.
"އޭގެ ފަހުން ޓެސްލާގެ ވެހިކަލްތައް އުފެއްދުމުގެ މަސައްކަތް ވެސް އިންޑިއާގައި ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ޓެސްލާގެ ވިޔަފާރި އިންޑިއާގައި ފަށާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އީލޮން ވެސް ވަނީ އާ އަހަރާ އެކު ޓެސްލާ އިންޑިއާގައި އިންވެސްޓްކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއްވެސް ތަފުސީލެއް އޭނާ އާއި ޓެސްލާ އިން ހާމައެއްނުކުރެ އެވެ.
އިންޑިއާގައި ވިޔަފާރި ފެށުމުގެ ވާހަކަ އަކީ މީގެ ތިން އަހަރު ކުރިން ޓެސްލާގެ ތެރޭގައި ދެކެވިފައި އޮތް ވާހަކައެކެވެ. އިންޑިއާ އަކީ ކާރުގެ ވިޔަފާރި އަށް ބަލާ އިރު، ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ ބޮޑު މާކެޓެވެ. އަދި މި އިންޑަސްޓްރީ އަކީ އިންޑިއާގެ ކުންފުނިތަކުގެ ނުފޫޒު ވެސް ގަދަ ދާއިރާއެކެވެ.
ޓެސްލާ އަކީ މިހާރު އިލެކްޓްރިކް ކާރު އުފެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުންފުންޏެކެވެ. އަނެއްކޮޅުން އިންޑިއާ އަކީ ވެސް ތިމާވެށީގެ އެކިއެކި މައްސަލަތަކާ ހުރެ އިލެކްޓްރިކް ވެހިލްތަކަށް ވަަރަށް ބޮޑަށް ހިތްވަރު ދެމުން އަންނަ ގައުމެކެވެ. ސަރުކާރުން އަންނަނީ އެފަދަ އުފެއްދުންތައް ނެރެން ކުންފުނިތަކަށް ބާރު ވެސް އަޅަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ނިތިން.
އިންޑިއާގައި އެންމެ އިލެކްޓްރިކް ކާރު ތައާރަފު ކުރި ކުންފުންޏަކީ ގައުމުގެ ކުންފުނި މަހިންދުރަ އެވެ. އޭގެ ފަހުން ދެކުނު ކޮރެއާގެ ހިއުންޑައި އަދި އޭގެ ފަހަތުން ޓާޓާ އާއި އެމްޖީ މޮޓޯ ފަދަ ކުންފުނިތަކުން އިންޑިއާގެ މާކެޓަށް އިލެކްޓިކް ކާރު ނެރެފައިވެ އެވެ.
އެ މާކެޓަށް ޓެސްލާ ނުކުތުންވެގެން ދާނީ ކާރު އުފައްދާ ކުންފުނިތަކުގެ މެދުގައި އަނެއްކާ ވެސް ބޮޑު ވާދަވެރިކަމެއް އުފެދޭނެ ކަމަކަށެވެ.
ޓެސްލާ އަކީ 2003 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނީގެ އަގު މިހާރު 650 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
31 December 2020
ތިދެން އަހަރުމެން އަތްފޯރާ ހިސާބަށް އައިތާދޯ. ދެން އަންނަ އިންޑިޔާ/ކުޅުދުއްފުށީ ފެރީއަށް އަރުވާނަން.