02 ޖެނުއަރީ 2021 - 08:28
ކުޑަކުދިންގެ މައުލޫމާތު ރައްކާތެރިކޮށްނުދޭ ކަމަށް ބުނެ އިނގިރޭސިވިލާތުގެ 12 އަހަރުގެ އަންހެން ކުއްޖަކު ޓިކްޓޮކާ ދެކޮޅަށް ލަންޑަން ހައި ކޯޓުގައި ދައުވާއުވާކޮށްފި އެވެ.
ނަން ހާމަކޮށްފައި ނުވާ އެ ކުއްޖާ، ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަށް ދައުވާކުރާ މައްސަލާގައި ބުނެފައި ވަނީ ކުޑަކުދިންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.
ބާރަ އަހަރުގެ ކުއްޖާ ދައުވާކުރާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުޑަކުދިންގެ ކޮމިޝަނަރު އޭން ލޯންގްފީލްޑް ވިދާޅުވީ އިނގިރޭސިވިލާއި އީޔޫގެ ޑޭޓާ ޕްރޮޓެކްޝަން ގާނޫނުތަކާ ހިލާފަށް ޓިކްޓޮކުން އަމަލުކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ޝަކުވާތައް ތަކުރާރުކޮށް ކުރިން ވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ޓިކްޓޮކް ބޭނުންްކުރާ މީހުންގެ ސަމާލުކަން ހޯދަން ކުޑަކުދިންނާ ބެހޭ ކޮންޓެންޓްތައް އޭގެ ތެރެއަށް ގެނެސް، އެއިން މާލީ މަންފާ ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާރަ އަހަރުގެ ކުއްޖާ ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިދިޔަ ބުދަ ދުވަހު ބާއްވާފައިވާ އިރު، މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވެފައި ވަނީ މައްސަލަ ހުށަހެޅި ކުއްޖާއާ ގުޅުން ހުރި ވީޑިއޯތަކެއްގެ ސަބަބުން އެ ކުއްޖާ އަށް ބުލީއާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކުއްޖާއާ ބެހޭ މައުލޫމާތު އާންމުކޮށްފި ނަމަ ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރޭގައި އެ ކުއްޖާ އަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި މައްސަލާގައި ޓިކްޓޮކުން ބުނީ އެ ޕްލެޓްފޯމަކީ އަބަދު ވެސް އުސޫލުތައް ހިފަހައްޓާ އެއްޗެއް ކަމަށާއި އުސޫލުތައް އޮންނަ ގޮތުން 13 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް ބޭނުން ވެސް ނުކުރެވޭނެ ކަމަށެވެ.
އޭން ލޯންގްފީލްޑް.
"ކޯޓަށް ހުށަހެޅި މައްސަލާގައި ކުރިއަށްދާނެ ގޮތަކާ ދޭތެރޭ އަހަރެމެން މިހާރު އަންނަނީ ގާނޫނީ ޓީމާއާ އެކު މަޝްވަރާކުރަމުން،" ޓިކްޓޮކުން ބުންޏެވެ. "އެކަމަކު ކަށަވަރުކޮށްދޭން ބޭނުންވާ ކަމަކީ މި ޕްލެޓްފޯމަކީ އަބަދު ވެސް ޑޭޓާ ޕްރައިވެސީ އަށް ވަރަށް ބޮޑު އިސްކަމެއްދޭ، އަދި ޓިކްޓޮކް ހާއްސަކޮށްފައިވާ އުމުރަށް ވުރެ ހަގު ކުދިންނަށް ބޭނުން ވެސް ކުރުމުގެ ހުއްދަ ވެސް އޮންނަ އެއްޗެއް ނޫންކަން."
ކުޑަކުދިންނާ ގުޅުން ހުރި ޑޭޓާތަކެއްގެ މައްސަލާގައި މިދިޔަ އަހަރު ވެސް ޓިކްޓޮކަށް މިފަދަ މައްސަލައަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން 5.7 މިލިއަން ޑޮލަރުން ޓިކްޓޮކް ޖޫރިމަނާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy