އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
07 ޖެނުއަރީ 2021 - 10:57
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން ފަސްކުރުމާ ގުޅޭ ހާއްސަ ގާނޫނު އިސްލާހު ކުރަން ޖެހޭނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެމިއޮތަސް އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބޭ ގޮތަށް ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިޚާބާ ބެހޭ ހާއްސަ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ އިންތިޚާބު ބޭއްވޭނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލައި، އާންމު ސިއްހަތަށް ނުރައްކަލެއް ނެތް ކަން ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރުމުންނެވެ. އެކަމާ ގުޅިގެން އިންތިހާބު ބާއްވަން ބޮޑެތި ހުރަސްތަކެއް ހުރުމުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޝަރީފު "މިހާރު" އަށް ވިދާޅުވީ އެ ގާނޫނު ބަދަލު ކުރަން ޖެހޭނީ އިންތިޚާބު ބާއްވަން އިތުރު ހުރަސްތަކެއް ކުރިމަތި ނުވާ ގޮތަށް ކަމަށެވެ. އިންތިޚާބު ބާއްވާނެ ތާރީޚެއްއް ކަނޑައެޅުމުގެ ބާރު އީސީ އަށް ދޫކޮށްލަން ޖެހޭ ކަމަށާއި ކުއްލި ހާލަތު ދެމިއޮތަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބު ބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބާ ބެހޭ ހާއްސަ ގާނޫނަށް ގެންނަން ފެންނަ އިސްލާހާ ގުޅޭ ގޮތުން އީސީ އާއި ރައްޔިތުންގެ މަޖިލީސް އަދި އެޓާނީ ޖެނަރަލް އޮފީހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ޝަރީފު ވިދާޅުވިގޮތުގައި، އާ އިސްލާހާ މެދު އީސީ އާއި ރައްޔިތުން މަޖިލީހުގެ ޑްރާފްޓިން ކޮމިޓީއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބޭނުން ވަނީ އިންތިޚާބާ ބެހޭ ހާއްސަ ގާނޫނުގައި އިތުރު ތާރީޚެއް ނުވަތަ މުއްދަތެއް ހިމަނަން ކަމަށެވެ.
"[ގާނޫނުގައި] ވަކި ތާރީހެއް ކަނޑައެޅީމާ އަނެއްކާވެސް މިއަދު ދިމާވެފައިވާ މައްސަލަ ކުރިމަތިވެދާނެ. އަޅުގަނޑުމެން ގަބޫލު ކުރަނީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން އީސީ އަށް ދޫކޮށްލީމާ ގައިޑްލައިންތަކާ އެއްގޮތައް އިންތިޚާބު ބޭއްވޭނެއެޭ،" ޝަރީފު ވިދާޅުވި އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވައިލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އިސްލާހު ކުރަން އޭޖީ އޮފީހާއި އީސީގެ ހިޔާލު އެއްގޮތް ކަމަށް ޝަރީފު ވިދާޅުވެ އެވެ. މިހާތަނަށް ކުރި މަޝްވަރާތަކުގައި އިންތިޚާބާ ބެހޭ އާންމު ގާނޫނުގައި ހިިމެނޭ ބައެއް މުއްދަތުތައް ކުރުކޮށްލުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި އެކަމަށް އީސީން ތާއީދު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޓާނީ ޖެނެރަލް އޮފީހުން ބޭނުންވޭ އިންތިހާބު ބޭއްވުމުގެ ޕްރޮސެސް ތަންކޮޅެއް ކުރުކޮށްލަން. އެކަމަކު އެއީ އަޅުގަނޑުމެން ތާއީދު ކުރާ ކަމެއް ނޫން. އެންމެ ރަނގަޅު ގޮތް ކަމަކަށް ނުދެކެން،" ޝަރީފު ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އީސީން ފުރަތަމަ ނިންމީ މި އަހަރުގެ މާޗު ތިނެއްގަ އެވެ. ނަމަވެސް ކުއްލި ހާލަތު އުވައިނުލުމުން އެ މުއްދަތު މިހާރު ވަނީ އަންނަ އޭޕްރީލް ތިނަކަށް ފަސްކޮށްފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ކަނޑައެޅި މުއްދަތަށް ވުރެ އިތުރަށް ފަސްކުރަން ޖެހިފައިވާއިރު، އެ މައްސަލައަށް ހައްލެއް ހޯދަން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރަމުން އެބަދެ އެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ މައްސަލައިގައި ގޮތެއް ނިންމާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުން ތަރި
07 January 2021
ޟީ ކިތައްފަހަރު ކިތައްގޮތަށް ކިތައް އަނގައިން ވާހަކަދައްކާ ބޭފުޅެއްތަ؟ މިމީހުނަށްހީވަނީ ދިވެހި ރައްޔިތުނަނަކީ ޤަމާރުންކަމަށްތަ؟ ދެފަހަރު ހަމަޔަށް އެކައްޗެކޭނުކިޔަނީ
އެންމެ ފުންމިނުން
07 January 2021
ދެން ތިހުރިހާ ވާހަކައެއް ނުދައްކާ ކަންކޮށްބަލަ. ކާކުތަ ކިޔަނީ ނުބޭއްވޭނޭ. ތިބޭފުޅާއޭ ތިހުރިހާ އެއްޗެއް ތިޔަކިޔަނީ.
ތިޔައީ ހީލަތެއް
07 January 2021
ތިޔައީ ދެން ތިހެންވީރު ކީއްކުރާ އިންތިހާބުތަކެއް. ސިއްހީ ކިއްލި ނުރައްކަލުގެ ހާލަތުގަވެސް ޝަރީފުމެން ބޭނުންވެއްޖިޔާ އިންތިހާބު ބޭއްވޭގޮތަށް. ތިޔަ ކިޔޭ އެއްޗެއް އެބަ އެގޭތަ. މީހުން ތަންތަނަށް ޖަމާވެ ކެމްޕެއިންކޮށް މީހުންނާ ބަެްދަލުކޮށް، ރަށްރަށަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތެއް ނެތި ސަރުކާރުން ބޭނުންބަޔަކަށް އެކަނި މިނިވަންކަމާއެކު އުޅެވޭ ކުއްލިހާލަތެއްގަ މިނިވަން އިންސާފުވެރި އިންތިހާބެއް ޝަރީފު އަށް ވެސް އެހެންމީހަކަށްވެސް ނ7ބޭއްވޭނެ.
އަލީ
07 January 2021
ފެއިލްވެފަ އޮތް ސަރުކާރެއް.
ދުރޫސުލް އަޚްލާގު
07 January 2021
އީސީސަރީފު އިސްތިއުފާ!