ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ހިއްކާ ނިންމާފައި: ތިލަފުއްޓާއި ގުޅީފަޅުން ބިން ދޫކުރުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލައިފައި--
08 ޖެނުއަރީ 2021 - 14:26
ތިލަފުއްޓާއި ގުޅީފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމާ ގުޅިގެން، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދު ތަރައްގީކުރަން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުގެ މަޝްވަރާ އާއި ލަފާގެ މަތިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ތިލަފުއްޓާއި ގުޅީފަޅުން ބިންދޫކުރުމާއި ބިން ބޭނުންކުރަން އެކުލަވާލާފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާތީ ވަގުތީ ގޮތުންނާއި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ބިންތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނީ އިތުރަށް ދޫކުރެވެން ހުރި ބިންތައް ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމުމުން ކަމަށެވެ.
ސިނާއީ ރަށް ތިލަފުށި ހިންގަމުން އައި ޖީއެމްއައިޒެޑްއެލްގެ ޒިންމާތައް އެޗްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޖީއެމްއައިޒެޑްއެލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރަން އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީ އަކީ ހަމައެކަނި ހުޅުމާލޭގެ ކަންކަން ބެލެހެއްޓުމަށް އުފެއްދި ކުންފުންޏެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ ދެ ކުންފުނި އެއްކުރަން ނިންމައިފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ގުޅިފަޅުން ހިއްކި ބިމުން އެކި ބޭނުންތަކަށް ބިން ދޫކުރި އެވެ. އެކަމަކު އާންމުކޮށް ދިރިއުޅެން ކަމުނުދާކަމަށް ނިންމައި، އެތަނުގެ ފްލެޓްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ދަށަށް ގެންދިޔަ އެވެ. ފްލެޓް ގަތް މީހުންނަށް ބަދަލު ދޭ ގޮތަށް ވެސް ނިންމި އެވެ.
ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy