މާލެ ސަރަހައްދުގައި ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ފަހުން ދަރިވަރުން ސްކޫލަށް ގޮސް ކިޔަވައިދެން ފެށުމާ އެކު ބެލެނިވެރިންނާއި ޓީޗަރުން ވިސްނަން ޖެހޭ ކަންކަން އެބަ ހުއްޓެވެ.
ހިރިޔާ ސްކޫލުގެ ދަރިވަރުން ކުލާހުގައި: ގިނަ ކަންކަން ހަވާލުނުކޮށް ފުރަތަމަ ބަލަންވީ ކުރީގެ ހާލަތަށް މަޑުމަޑުން ދާން - ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
11 ޖެނުއަރީ 2021 - 10:10
ނިމިގެން މި ދިޔައީ ހުރިހާ ގޮތަކުން ވެސް ވަރަށް އުނދަގޫ އަހަރެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް، އޭގެ ކުރިން ސްކޫލުތައް ބަންދުކޮށްފައިނުވާހާ ދިގު މުއްދަތަކަށް ރާއްޖޭގެ 212 ސްކޫލެއް ބަންދުކުރަން މަޖުބޫރުވި އެވެ. އެއާ އެކު އެތައް ހާސް ދަރިވަރުންގެ ކިޔެވުމަށް ލޮލުންއަރައި އެ ކުދިންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަ އެވެ. ބައެއް ކުދިންނަށް ނަފްސާނީ ގޮތުންނެވެ. އަނެއް ބައި ދަރިވަރުން ކިޔެވުން މަތިން ފޫހިވުމެވެ.
އެންމެ ގިނަ ދުވަހު ސްކޫލްތައް ބަންދުކުރަން ޖެހުނީ ކޮވިޑް އެންމެ ބޮޑަށް ފެތުރުނު މާލެ ސަރަހައްދުގަ އެވެ. ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ފަހުން އިއްޔެ އިން ފެށިގެން އެ ކުދިންނަށް ވެސް ސްކޫލަށް ދެވެ އެވެ. އެކަމަކު އެތައް މަހެއް ވަންދެން ގޭގައި ތިބުމަށް ފަހު މާލެ ސަރަހައްދުގެ ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް ސްކޫލް ފެށުނަސް ބެލެނިވެރިންނާއި ޓީޗަރުން ވިސްނަން ޖެހޭ ވަރަށް މުހިއްމު ކަންތައްތައް އެބަ ހުއްޓެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ކޮވިޑްގެ ސަބަބުން އެންމެ ބޮޑު އެއް ގެއްލުމެއް ލިބުނީ ތައުލީމީ ދާއިރާއަށެވެ. އިގުތިސޯދީ ގޮތުން ކުރިމަތިވި ބޮޑު ގޮންޖެހުމުގައި ވިޔަފާރިތައް އަޑިއަޅާލިޔަސް އެ ތަންތަން އަލުން ކޮޅަށް ޖެހިދާނެ އެވެ. އެކަމަކު ދަރިވަރުންގެ ހަޔާތުން ގެއްލުނު އަހަރާއި ފިލާވަޅުތަކާއި ނަފްސާނީ ގޮތުން ކުރިމަތިވި ގެއްލުމަކީ އަލުން އިޔާދަވާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ސްކޫލުތައް އަލުން ހުޅުވި މި ދަނޑިވަޅުގައި ދަރިވަރުން ސްކޫލަށް ފޮނުވައިދޭން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަތީ، އެ ގެއްލުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާތީ އެވެ.
އެތައް ދުވަހެއް ވަންދެން ގޭގައި ތިބުމަށް ފަހު އަނބުރާ ސްކޫލަށް ދިއުމުން އެކި ކުދިންނަށް ތަޖުރިބާ ކުރެވޭނީ އެކި ގޮތަށެވެ. ރައްޓެހި ކުދިންނާއި ލޯބިވާ ޓީޗަރުންނާ އަލުން ބައްދަލުވާތީ ބައި ދަރިވަރުން ތިބީ އުފަލުންނެވެ. ނަމަވެސް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ސްކޫލަށް ދާން ބޭނުން ނުވާ ދަރިވަރުން ވެސް ތިބެދާނެ އެވެ.
ސައިކޮލޮޖީ ދާއިރާއިން ޑިގްރީ ހާސިލްކުރައްވައި، ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅަކު ވިދާޅުވި ގޮތުގައި ބެލެނިވެރިން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ، އަލުން ސްކޫލަށް ދިއުމަކީ ހުރިހާ ކުދިން އުފާވާނެ ކަމެއް ކަމަށް އުއްމީދުނުކުރުމެވެ. އެކި ކުދިންގެ އިހްސާސްތައް ހުންނާނީ އެކި ގޮތަށް ކަމަށާއި ގޮތެއް ނިންމުމުގެ ކުރިން އެ ކުއްޖާގެ އަމިއްލަ އިހްސާސްތަކާއި ބޭނުންވާ ކަންކަން ދެނެގަތުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ދަރިވަރުންނަށް އެ ކުދިން އަމިއްލައަށް ކަންތައްތައް ކުރުމުގެ ޖާގަ ދިނަސް ގްރޭޑު 1،2،3ގެ ދަރިވަރުންނަށް، ބެލެނިވެރިން ވިސްނާ ގޮތުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ ކުއްޖާ އަމިއްލައަށް ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ނުލިބުމެވެ.
"ކުއްޖާ އެއްވެސް ވަރަކަށް ވާހަކަ ދައްކަން ބޭނުންތޯ ވާނެ ބަލަން. ކުއްޖާގެ ބޮޑީ ލެންގުއޭޖް އެނގޭނެ ބައެއް ކަންކަން. އުފާވެފައި ހުރިކަން ނޫނީ ހާސްވެފައި ހުރިކަން ލަފާކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލަށް ދަރިވަރަކު ވަނުމުގެ ކުރިން ހުން ބަލަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
އެހާ ގިނަ ދުވަހު ސްކޫލަށް ނުގޮސް އަދި ކޮވިޑާ ދެކޮޅު ފިޔަވަޅުތަކާ އެކު ކުރިއަށް ވުރެ މިނިވަންކަން ގެއްލި، ގޭގައި ތިބެން ޖެހުމުން އެކި ކުދިންނަށް ކޮށްފައިވާ އަސަރު ތަފާތުވާނެ އެވެ. އެހެންކަމުން ދަރިން ސްކޫލަށް ގެންދަން ޖެހިލުންވާނެ ބެލެނިވެރިން ވެސް އުޅޭނެ އެވެ. ހަމައެހެން ސްކޫލަށް ދާން ބޭނުންނުވާ ދަރިވަރުން ވެސް ތިބޭނެ އެވެ. ކުއްޖާ ބޭނުންވާ ކަންކަން އަމިއްލައަށް ހާމަކުރުމުގެ ފުރުސަތު ދޭން ޖެހެނީ އެހެންވެގެންނެވެ.
"ބައެއް ބެލެނިވެރިން ބުނާނެ ތިމަންނަ ބޭނުމެއް ނޫނޭ [ދަރިފުޅު ސްކޫލަށް ފޮނުވާކަށް]. އެކަމަކު އެ ކުއްޖާ މި ހުންނަނީ ސްކޫލަށް ދާން ވަރަށް ބޭނުންވެފައި. އެހެން ކުދިންނާ ވާހަކަ ނުދެއްކި، ފުރުސަތުތައް ނުލިބި ހުރެފައި ސްކޫލަށް ދެވޭތީ އުފާވެފައި،" ކުރިން ވާހަކަދެއްކެވި ނަފުސާނީ އިލްމުވެރިޔާ ވިދާޅުވި އެވެ.
"ބެލެނިވެރިޔާގެ މި ހުންނަ ބިރުވެރިކަމަށް ބަރޯސާވެގެން ކުއްޖާއަށް ލިބެން ޖެހޭ ފުރުސަތުތައް ނުލިބި ހުރަހަކަށް ވެގެން އެކްޓު ކުރަންޏާ ކުއްޖަކަށް ނުލިބޭނެ އަމިއްލަ ހިޔާލާއި އަމިއްލަ ފިއާސް އެއްޗެހި އެކްސްޕްލޯ ކުރާކަށް."
ސްކޫލާ ދުރުގައި އެހާ ގިނަ ދުވަހު ހޭދަކުރުމުން ދެން ދިމާވެދާނެ އަނެއް މައްސަލައަކީ، ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، ގޭގައި ނިންމަން ހަވާލުކުރާ ފިލާވަޅުތައް ހެދުމަކީ ބުރަ ކަމެއް ކަމަށް، ކުދިންނަށް އިހުސާސްވުމެވެ. އޭގެ ހައްލަކަށް ވާނީ ކުއްޖާގެ އަމިއްލަ ވަގުތުގައި ކަންކަން ކުރުމުގެ ފުރުސަތު ދިނުމެވެ. ކުރީގެ ރޫޓިން އަށް ގެންދެވޭނީ މަޑުމަޑުންނެވެ. އެހެންކަމުން ކުއްލިއަކަށް ބައިވަރު ފިލާވަޅުތަކެއް ހަދަން މަޖުބޫރުކުރުމަށް ވުރެ ބެލެނިވެރިން ސަމާލުކަން ދޭންވީ ކުއްޖާގެ ދުޅަހެޔޮ ކަމަށް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
މާލޭގެ ގިނަ ގޭގޭގެ ހާލަތު ހުންނަ ގޮތުން ބައެއް ދަރިވަރުންނަށް އެންމެ ރައްކާތެރި މާހައުލެއް ލިބުން ކައިރީ ވެސް ސްކޫލުގަ އެވެ. މި އޮތް ހުރިހާ ދުވަހު ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުންނަށް ދިޔައީ އެ ފުރުސަތު ނުލިބި އެވެ. އެކަމަކު ސްކޫލުތައް ހުޅުވުމާ އެކު، އެއްކޮށް ކިޔަވާ ރަހުމަތްތެރިންނާއި ޓީޗަރުންނާ ބައްދަލުވެވެ އެވެ. އެކަމަކު ކޮވިޑްގެ ހާލަތު އަދިވެސް މުޅިން ނެތިގެން ނުދާތީ، ސްކޫލްތައް އަލުން ބަންދުކުރަން ޖެހޭ ހިސާބަށް، ބަލި ފެތުރޭ ކަހަލަ ގޮތެއް ވެސް ވެދާނެ އެވެ. ނަމަވެސް އެ ނަޒަރުން ވިސްނައި، ކުދިންނަށް އެ ނުރައްކާ މާ ބޮޑަށް ކިޔައިދިނުން ރަނގަޅެއް ނޫނެވެ. ތަޖުރިބާާކާރުން ބުނާ ގޮތުގައި އޭރުން އަނެއްކާ ކުދިން މާޔޫސްވާނީ އެވެ.
"ކުދިން ވިސްނާފާނެ އަނެއްކާވެސް ގޭގައި ތިބެން ޖެހިދާނެއޭ. މާދަން ސްކޫލަށް ނުދާނީ ހެއްޔޭ؟ ދެން ކިހިނެއް ހެއްޔޭ ވާނީ؟،" ތަޖުރިބާކާރަކު ބުންޏެވެ.
"ކުދިންނަށް ދޭންވީ އުއްމީދު. ދިރިއުޅުމުގައި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އެ ކަންކަމަށް މި ދަނީ އެޑްރެސް ކުރަމުންނޭ، ބޮޑެތި މީހުން މި ތިބީ އެ ކުދިންނަށް އަޅާލާށޭ، ކުދިން ވެސް ދަސްކުރަންވީއޭ ނިއު ނޯމަލްގައި އުޅެން."
އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ލީލާ އަހުމަދު ވިދާޅުވި ގޮތުގައި ގޭތެރޭގައި ބަންދުވެ އެ ހާސްކަމުގައި އެތައް ދުވަހަކު ތިބުމަށް ފަހު އަނބުރާ ސްކޫލަށް ދާން ފެށި މި ދަނޑިވަޅުގައި ކުދިންނަށް މާ ބޮޑަށް ޕްރެޝަރުކުރުން ރަނގަޅެއް ނޫނެވެ.
ޓީޗަރުން އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ، ލީލާ ވިދާޅުވި ގޮތުގައި، ސްކޫލު މާހައުލަކީ ރައްކާތެރި ތަނެއްކަން އެ ކުދިންނަށް ކަށަވަރުކޮށްދިނުމަށެވެ. އެ ޔަގީންކަން ސިކުނޑީގައި ނެތް ނަމަ، ކިތައްމެ ވަރަކަށް ފިލާވަޅުތަކެއް ދިނަސް އަދި ކިޔައިދިނަސް ފުރިހަމަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލީލާ ވިދާޅުވީ ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ، އެ ކުއްޖާ އުފާވެރި ކުއްޖަކަށް ހެދިގެން ކަމަށެވެ. އުފާނުވާ ކުއްޖަކަށް ކިތައްމެ ވަރަކަށް ކިޔަވައިދިނަސް، އެއް ޓިއުޝަން ކްލާހުން އަނެއް ޓިއުޝަން ކްލާހަށް ގެންދިޔަސް ސިކުނޑި ހުޅުވަން ޖެހޭ ވަރަކަށް ނުހުޅުވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕްރީ ސްކޫލެއްގެ ދަރިވަރަކު ގޮވައިގެން ބެލިވެރިޔާ ދަނީ: ދަށް ގްރޭޑްތަކުގެ ކުދިންނަށް ވެސް މިހާރު ވަނީ ސްކޫލް ހުޅުވާފައި -- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
"ގިނަ ދުވަހު ގޭގައި ތިބެފައި ދަރިވަރުންނާ ބައްދަލުވުމުން ގާތްވާން ބޭނުންވާނެ. އެކަމަކު އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިއްމު ކަންތައް،" ޕްރައިމަރީ ޓީޗަރުން ތަމްރީންކުރަން ގައުމީ ޔުނިވާސިޓީގައި ދިގު މުއްދަތެއް ހޭދަކުރެއްވުމަށް ފަހު، މި ވަގުތު އެ ޔުނިވާސިޓީގެ ސްޓޫޑެންޓް އޮފް ޑީންގެ މަގާމުގައި ހުންނެވި ލީލާ ވިދާޅުވި އެވެ.
ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ކޮންމެ ކުލާހެއްގައި ތިބޭ ދަރިވަރުންގެ އަދަދު ވަނީ 10-15 އަށް މަދުކޮށްފަ އެވެ. ލީލާ ވިދާޅުވި ގޮތުގައި ކްލާސްރޫމުގައި ދަރިވަރުން މަދުވުމަކީ ޓީޗަރުންނަށް ކިޔަވައިދޭން ފަސޭހަވާނެ ކަމެކެވެ.
"އުނދަގޫވާނެ ހަމައެކަނި އެއްޗަކީ، ވަރަށް ބުރަވާނެ އެ ސޭފްޓީ ޔަގީންކަން ކަށަވަރުކޮށްދޭން. އެ ބަޔަށް ސަމާލުވީމަ ސްކޫލު ތެރޭގައި ނާންނާނެ އިތުރު މައްސަލައެއް،" ލީލާ ވިދާޅުވި އެވެ.
ގޭގައި ހަދަން ފިލާވަޅު ދިނުމަކީ އޭނާ އެއްގޮތަކަށް ތަރުހީބު ދެއްވާ ކަމެއް ނޫނެވެ. ހާއްސަކޮށް ނަފްސާނީ ގޮތުން ދަރިވަރުންނަށް އެކި މައްސަލަތައް ކުރިމަތިވެފައިވާ މި ހާލަތުގައި ގޭގައި ހަދަން ފިލާވަޅު ދިނުން ރަނގަޅު ނޫން ކަމަށް ލީލާ ވިދާޅުވި އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ތަޖުރިބާކާރުންގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވީ ކުއްލިއަކަށް އިމްތިހާނެއްގައި ބައިވެރިކުރުމުގެ ވިސްނުމަށް ވުރެ ކުދިންނާ ގުޅިގެން ކަންކަން ދަސްކޮށްދިނުމުގެ މާހައުލެއް އުފެއްދުން މުހިއްމު ކަމަށެވެ. ކޮވިޑްގެ ކުރިން ކިޔެވުން ކުރިން ގެންދިޔަ ސްޕީޑަށް ވުރެ މި ވަގުތު ކަންކަން މަދުކޮށް، ލަސްކޮށްލުން ފައިދާ ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާކީ
11 January 2021
ތައުލީމީ ވަޒީރަކީ ކަންނެތް، ނާގާބިލް، ދެއްކުންތެރި ވަޒީރެއް. އަދި އަމިއްލަ ވުޒާރާގެ އަދި ލިބިފައިވާ ތައުލީމާ ތަރުބިއްޔަތު ދޫކޮށް ރައީސް ނަޝީދުގެ ވިހަގަދަ އެކްޓިވިސްޓު ކަމަށް ކިޔަމަންތެރިކަމާއި ކަނުކަމާއި އެކު ލޯބިކުރާ ވަޒީރެއް. ދެން ތައުލީމީ ސިޔާސަތު ހުންނާނެ ގޮތް ވިސްނާލާ!
ރާބިޔާ
11 January 2021
މިހުރިހާ ދުވަހު ކުދިން ގޭގައި ހަމަ ތިބީކީ ނޫން. ޢޮންލައިންކޮށްވެސް ކިޔެވި. ވަރަށް ގިނައިން ހޯމްވާރކް ދިން. ޙަމަ ވަރަށް ބުރަކޮށް މުދައްރިސުންނާއި، ދަރިވަރުނާއި ބެލެނިވެރިންވެސް އޮންލައިން ލަރނިންގަ އުޅުނީ. ޢެވެސް އާ ތަޖުރިބާއެއް. ސްކޫލް ހުޅުވިގެން ވެސް ސްކޫލަށް މިދެވެނީ މަދު ދުވަހަކު، ކުޑަވަގުތު ކޮޅަކަށް. ވީމާ، ހަމަ ކޮންޓެންޓް ކަވަރ ކުރުމަކީ ގޮންޖެހުމަކަށްވާނެ. ޢެ ކިޔަވާދޭ އެއްޗެހި ކުދިންނަށް ރަނގަޅަށް އެނގޭތޯވެސް ބަލަން ޖެހޭނެ.
އައްޒާމް
11 January 2021
މިހާރުވެސް ކުދިންގެ އުމުން ބައިއަހަރު ގެއްލިއްޖެ. އަނެއްކާ ގާހަކަ ސްޕީޑުގާ ގޮސް ސިލަބަސް ނިންމާފާ ކުދިން ފާސްނުވީމާ، އަނެއްކާ އިތުރުއަހަރެއް އަމިއްލައަށް ކިޔަވައިގެން، އޯލެވެލްހަދާ ފާސްވާއިރު ހުންނާނީ ގާތްގަނޑަކަށް 18 އަހަރުވެފާ. މިހެންވީމާ ތިތަނުން އެއްވެސް ތަޖުރިބާކާރެއް މިކަމުގެ ޒިންމާނަގާނެތޯ؟
އެނޯން
11 January 2021
ގޭތެރޭންނެއް ނޫނޭ ޕްރެޝަރ އަންނަނީ ! ތިޔޮއް އުފުލަން ޖެހޭ ފޮތް ދަބަހުން އެކަނިވެސް މީހަކު މޮޔަވެދާނެ !!!
ބަޑީ
11 January 2021
ދެން ކީއްކުރަންތޯ އެހެންވީރުން ސްކޫލަށް ފޮނުވަނީ؟ ސްކޫލަށް ފޮނުވަން މަޖުބޫރިއްޔާ، ފޮތްދަބަސްނުދީ ފޮނުވާ، އޭރަށް މޮޔަވާކަށް ނުޖެހޭނެނޫންތޯ. ކޮންމެ ކުއްޖަކީ އެންމެ ގިނަ އެއްޗެހި އެގޭ އެންމެ މޮޅުކުއްޖާއަށްވެސް ވާންޖެހޭ އެކަމު އެއްޗެއް ކިޔަވާދީގެންނުވޭ.