ލަނޑު ޖެހުމަށް ފަހު އިބްރަހިމޮވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2021 - 09:27
މިލާން (ޖެނުއަރީ 19) - އިޓާލިއަން ލީގުގައި ރޭ ޒަލަޓާން އިބްރަހިމޮވިޗް ޖެހި ދެ ގޯލުން 2-0 އިން ކަލިއަރީ އަތުން މޮޅުވެ ލީގުގެ އެއް ވަނައިގައި އޭސީ މިލާނުން ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ އިންޓަ އިން ވަނީ ޔުވެންޓަސް ބަލިކޮށް މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ރޭގެ މެޗުން މޮޅުވެ އިންޓަ އާއި މިލާނުގެ މެޗު ހަމަވިއިރު، މިލާން ތިން ޕޮއިންޓުގެ ލީޑު ދެމެހެއްޓީ 18 މެޗުން 43 ޕޮއިންޓް ހަަމަކޮށްގެންނެވެ. އިންޓަ ދެ ވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ.
ރޭ ރަށުންބޭރުގައި ކުޅުނު މެޗުގައި މިލާނުން ލީޑުނެގީ ހަތް ވަަނަ މިނިޓްގައި އިބްރަހިމޮވިޗް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އިބްރަހިމޮވިޗަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އިބްރަހިމޮވިޗް މިލާނުގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 52 ވަނަ މިނިޓްގަ އެވެ. މިލާނުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ އަލެކްސިސް ސީލްމޭކާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހާފައިވާއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ބައެއް މެޗުތައް ވަނީ ގެއްލިފަ އެވެ. މިލާނުން ވަނީ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗްގެ ސޮއި ހޯދައިފަ އެވެ. މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ އިބްރަހިމޮވިޗާއި މަންޒުކިޗްގެ ތަޖުރިބާއާ އެކު މިލާނުން ލީގު ހޯދަން ކުރާ މަސައްކަތަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރާކަމަށެވެ.
މިލާނުން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު އިބްރަހިމޮވިޗް އެ ޓީމަށް ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy