ރިޕޯޓް / ލޯކަލް ކައުންސިލްތައް

އަންހެނުންނަށް ގޮނޑި ޚާއްސަކުރުން: ހުއްދަ ގޮތުގައި ގެނައި ފުރަތަމަ ތަފާތުކުރުން

އިންތިޚާބެއްގައި ވޯޓުލި މީހެއްގެ އިނގިލީގައި ފާހަގަ ޖަހަނީ: އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ކައުންސިލްތަކުން ޚާއްސަކުރުމަކީ އިންތިޚާބީ މަގާމުތަކެއް ވަކި ބަޔަކަށް ޚާއްސަކުރި ފުރަތަމަ ފަހަރު --- ފޮޓޯ/މިހާރު

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމުން އިންތިޚާބީ ހައްގަކަށް ހުރަސް އެޅޭނެތޯ ނުވަތަ ނޫންތޯ އެއީ އެންމެ ފުޅާކޮށް ކުރެވުނު އެއް ބަހުސެވެ. އެ މީހަކު އިހްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ގާނޫނުއަސާސީން ދީފައި ވަނިކޮށް ވަކި ދާއިރާތަކަކަށް އަންހެނުން އެކަނި ވާދަކުރެވޭ ގޮތް ހެދުމުން އިންތިޚާބީ ހައްގެއް ހަނިވުމަކީ މި މައްސަލަ ފެށޭ ހިސާބެވެ. ވަކި ޖިންސަކަށް ނުވަތަ އެނޫން ވެސް ކަމަކަށް ބަލައި، ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، ވަކި ޖިންސަކަށް ގޮނޑި ޚާއްސަ ކުރުމަކީ އެއް ބައެއްގެ ނަޒަރުގައި ތަފާތު ކުރުމެކެވެ.

އޭގެ އަނެއްކޮޅުގައި ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އެބަ އޮތެވެ. މުޖްތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތި ކަމެއް ލިބިިފައިވާ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބަޔަކަށް އެހީތެރިކަން ދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ. ކައުންސިލްތަކުން އަންހެނުންނަށް ވަކި މިންވަރެއް ހާއްސަކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށް ބުނާ މީހުންގެ ގާނޫނީ ހުއްޖަތަކީ އެ މާއްދާ އެވެ.

އެކަމަކު ޚާއްސަ ރައްކާތެރިކަމެއް ދިނުމުގެ ގޮތުން ކަމަށް ބުނެ އަންހެނުންނަށް ގޮނޑި ޚާއްސަ ކުރަންވީ "އަދުތޯ މާދަންތޯ" އާއި އެކަން އޮންނަންވީ ހަމައެކަނި ކައުންސިލްތަކުގައިތޯ މިއީ އަނެއްކޮޅުން ސުވާލު އުފެދޭ ކަންކަމެވެ. އެ ބަދަލު ގެނައީ އެފަދަ ގިނަ އަދި ހޫނު ބަހުސްތަކެއް ރައްޔިތުންގެ މަޖިލީހާއި އެކި ޕްލެޓްފޯމްތަކުގައި ހިނގުމަށް ފަހު އެވެ. އެއީ ރާއްޖޭގެ ތާރީޚުގައި އަންހެނުންނަށް އިންތިޚާބީ މަގާމުތަކެއް ޚާއްސަކުރި ފުރަތަމަ ފަހަރެވެ.

ލާމަރުކަޒީ ގާނޫނަށް 2019 ގައި ހުށަހެޅި އިސްލާހު ގާނޫނުއަސާސީއާ ޚިލާފް ކަމަށް ބުނެ އެ މާއްދާތައް ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައި ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގަައި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެއީ ގާނޫނުއަސާސީއާ ޚިލާފް މާއްދާތަކެއް ނޫން ކަމަށެވެ. ތަފާތުކުރުމާއި ހަމަހަމަކަމުގެ މައުލޫއުގެ ތެރެއިން ކުރި ބަހުސްތަކަށް ހުކުމުގައި ކޮންމެވެސް ވަރަކަށް ޖަވާބު ވެސް ދީފައިވެ އެވެ.

ހުއްދަ ގޮތެއްގައި ތަފާތު ކުރުމެއް

ވަކި ދާއިރާތަކަކަށް އަންހެނުންނަށް އެކަނި ކުރިމަތިލެވޭ ގޮތް ހެދުން ރަނގަޅުތޯ އުފައްދާ ސުވާލު އޮތީ ތަފާތު ކުރުމެއް ކަމަށް ބުނާ ބުނުމުގަ އެވެ. ހައްގުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަކަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތު ނުކުރެވޭނެ ކަމާއި ގާނޫނުން ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުން ވެސް ގާނޫނުއަސާސީގައި ލާޒިމްކުރެ އެވެ. އެއީ ތަފާތު ނުކުރުމުގެ ހައްގާއި ހަމަހަމަކަމުގެ ހައްގެވެ.

ގާނޫނީ ގޮތުން އެއީ ތަފާތު ކުރުމެވެ. ނަމަވެސް މި މައްސަލާގެ ތަފާތަކީ އެއީ ގާނޫނު ހުއްދަކުރާ ތަފާތު ކުރުމަކަށް ވުމެވެ. ހުކުމުގައި މިކަން ބަޔާން ކޮށްދީފައިވެ އެވެ. ހުކުމުގައިވާ ގޮތުން ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ އޮތުމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި މުތުލަގަށް އޮންނަ ހައްގެއް ނޫނެވެ. އެއީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކުން ވެސް ތަފާތުކުރުން ހުއްދަ ކުރާތީ އެވެ.

"އަންހެނުންނަށް ވަކިވަކި ގޮނޑިތައް ޚާއްސަ ކުރެވިފައިވާ ކަން އެނގެން އޮވެ އެވެ. މިއީ ޖިންސްގެ މެދުގައި ކޮށްފައިވާ ތަފާތެކެވެ. އެހެންކަމުން ފުރަތަމަ ސުވާލުގެ ޖަވާބަކީ ބަޔާންވެދިޔަ ގާނޫނުގެ މާއްދާތަކަކީ ޖިންސުގެ މެދުގައި ތަފާތުކުރާ މާއްދާތަކެކެވެ. އެހެން ނަމަވެސް މި ހިިސާބުން ބަޔާންވެދިޔަ މާއްދާތަކަކީ ގާނޫނުއަސާސީއާ ތައާރުޒުވާ މާއްދާތަކެއް ކަމަށް ކޯޓަކަށް ކަނޑަނޭޅޭނެ އެވެ،" ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ގާނޫނަކުން ބައެއްގެ މެދުގައި ތަފާތުކުރުމެއް ގެނެސްފި ނަމަ، އެއީ ހުއްދަ ތަފާތު ކުރުމެއްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭނެ އެވެ. ހުއްދަ ތަފާތު ކުރުމެއް ކަމަށް ކަނޑައެޅުމުގައި ބަލާނެ ދެ ކަމެއް ހުކުމުގައި ބުނެދިނެވެ. އެއީ ތަފާތު ކުރުން ގެނައީ ބުއްދީގެ ހަމައިން ގަބޫލުކުރެވޭ ގިންތި ކުރުމަކަށް ކަމަށް ވުމާ އެކު އަދި އެ ގިންތީގެ ތެރޭގައި ހިމެނޭ އެންމެން އެ ގިންތިން ބޭރުގައި ތިބި ފަރާތްތަކާ ދެމެދު ތަފާތުކުރާނެ ފަރަގެއް އޮތުމެވެ. އަދި އެ ގާނޫނަކުން ހާސިލްކުރަން ބޭނުންވި މަގްސަދާއި އެ ތަފާތު ކުރުމެއް ބުއްދީގެ ހަމައިން ގުޅުވާލެވުމެވެ.

އެގޮތަށް ޖިންސުގެ ގޮތުންނާއި ސަރަހައްދުގެ ގޮތުންނާއި އުމުރުގެ ގޮތުން ކުރާ މަސައްކަތަށް ބިނާކޮށް ގިންތި ކުރެވިދާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ، އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަ ކުރި ކުރުމަކީ ޖިންސުގެ ގޮތުން ތަފާތު ކުރުމަކަށް ވިޔަސް، އެކަން ކުރީ ބުއްދީގެ ހަމައިން ގަބޫލުކުރެވޭ ގިންތި ކުރުމަކަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ. އެއީ އަންހެނަކަށް ވީތީ މުޖްތަމައުގައި ގަބޫލުކުރާ ކުރުންތަކެއް ސަބަބުން އަންހެނުންނަށް ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ބައިވެެރިވާން ހުރަސް އެޅިފައި އޮތް އޮތުމަށް ދީފައިވާ ފަރުވާއެއް ކަމަށް ވެސް ހުކުމުގައި ކަނޑައެޅި އެވެ.

"ސުވާލު އުފައްދާފައިވާ ހައްގު ހިފަހައްޓާފައިވަނީ ނުވަތަ ހަނިކޮށްފައިވަނީ ހަމައެކަނި ފިރިހެނަކަށް ވީތީއެއް ނޫނެވެ،" ހުކުމުގައި އިތުރަށް ބުނެފައިވެ އެވެ.

ރައްޔިތުންގެ ބަހެއް ނެތި ހައްގެއް ހިފެހެއްޓުން

ގާނޫނުއަސާސީއާ އެ ގާނޫނު ޚިލާފްވާ ކަމަށް ބުނެ މޫސަގެ ފަރާތުން ހުށަހެޅުއްވި އަނެއް ނުކުތާއަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި، އަސާސީ ހައްގުތައް ލިބިދިނުމުގައި ވަކި ޖިންސަކަށް ވީތީ ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައި ތަފާތު ނުކުރެވޭނެ ކަމަށް ބުނެފައި ވަނިކޮށް ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމެވެ. ސަބަބެއްގެ ގޮތުގައި އޭނާ ދައްކަވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އެވެ.

އިންތިޚާބުގެ ވޯޓު ކަރުދާސްތަކެއް --- ފޮޓޯ/މިހާރު

ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ ބާބުގައި ބަޔާންކުރާ އެއްވެސް މާއްދާއަކަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލެއް މަޖިލީހުން ފާސްކޮށް އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން އެ ބިލަކަށް ރުހުން ދިނުމުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި އެ ބިލަށް ރައްޔިތުންގެ އާނ ބަސް ނުލިބިއްޖެ ނަމަ، އެ ބިލެއް އޮޓަމެޓިކުން ބާތިލްވެ، އެ ބިލް ތަސްދީގުކުރުމުގެ ފުރުސަތު ރައީސަށް ގެއްލޭނެ އެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރީ މި އިޖްރާއާތު ފުރިހަމަ ކުރުމެއް ނެތި އަދި ގާނޫނުއަސާސީއަށް އިސްލާހު ވެސް ގެނައުމެއް ނެތި، އާންމު ގާނޫނަކުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި އެހެން އޮތަސް، ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އޮތް ގޮތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގުތައް ހަނިކޮށްފައިވާ މިންވަރަށް އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަން ބަޔާން ކޮށްފައިި އޮތުމުން ގާނޫނަކުން އަސާސީ ހައްގެއް ހިފެހެއްޓުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. އަދި އަސާސީ ކޮންމެ ހައްގެއް ހަނިކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ގާނޫނަކުން ކަމަށް ބުނެވެން ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ބައެއް މިސާލުތައް ގާނޫނުއަސާސީ އާއި އެހެން ބައެއް ގާނޫނުތައް އަޅާބެލުމަށް ފަހު ހުކުމުގައި ބުނެދީފައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީތައް ހަދައި، ހިންގުމާއި ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު ދިވެހި "ކޮންމެ ރައްޔިތަކަށް" ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް، ޕާޓީތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށް ކަނޑައަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ އިސްތިސްނާތަކަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ގާނޫނަކުން ގެންނަ ހަނިކުރުމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"މިއިން އެނގެނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތަކާއި މިނިވަންކަމަކީ މުތުލަގު ހައްގުތަކެއް ކަމަށް ގާނޫނުއަސާސީ އެކަށައެޅި ދުސްތޫރީ މެމްބަރުންގެ ވިސްނުމުގައި ގެންގުޅެފައި ނުވާކަން ގާނޫނުއަސާސީގެ މާއްދާތަކުގެ ތެރެއިން ވެސް ފެންނަން އޮތްކަމެވެ،" ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން އަސާސީ ހައްގެއް ހަނިކުރާ ނުވަތަ ހިފަހައްޓާ ބިލްތަކާ މެދު ކޯޓުތަކުގައި ޗެލެންޖް ކުރަން ވާނީ އެ ހައްގެއް ހިފެހެއްޓި މިންވަރަކީ އެކަށީގެންވާ މިންވަރެއްތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށެވެ.

މިއަށް ވުރެ ރަނގަޅު އެހެން ގޮތެއް އޮވެދާނެ

ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހެ އެވެ. ނަމަވެސް ސިޔާސީ ދާއިރާގައި އަންހެނުން އިތުރުކުރަން މިއަށް ވުރެ ރަނގަޅު އެހެން ފޯމިއުލާއެއް ނެތީތޯ މިއީ އަދި މާ ފުޅާކޮށް ބަހުސް ކުރެވޭނެ މައުލޫއުއެކެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގާ ސިިޔާސީ ޕާޓީތަކުން އިންތިޚާބުތަކަށް ވަކި އަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރުން ލާޒިމް ކުރުވުމަކީ ވެސް އެއް ފޯމިއުލާ އެވެ.

ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް އަންހެނުންނަށް ސިޔާސީ އަދި އިންތިޚާބީ މަގާމުތަކުގެ ވަކި ޕަސެންޓެއް ދޭން ލާޒިމް ކުރުމުގައި ބޭނުންކުރާ އުސޫލުތަކުގައި ތަފާތުތަކެއް ހުރެ އެވެ. އެކަން އެގޮތަށް އޮތުމަކީ މިހާރު ކައުންސިލްތަކުގެ ވަކި ކޯޓާއެއް އަންހެނުންނަށް ކަނޑައެޅި ކަނޑައެޅުން ގާނޫނީ ގޮތުން ގޯސް ވާނެ ސަބަބެއް ނޫނެވެ.

"އެކަން ކުރެވޭނެ މިއަށް ވުރެ ރަނގަޅު ގޮތްތަކެއް އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. ނަމަވެސް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކުން ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކޮށްފައިވާ ކަމެއް ކުރެވޭނެ އެއަށް ވުރެ މާ ރަނގަޅު ގޮތެއް އެބަ އޮތް ކަމަށް ބުނެ ބަދަލުކުރުމަކީ ގާނޫނުއަސާސީ ތަސައްވުރުކުރާ ތިން ބާރުު ވަކިކުރެވިފައިވާ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ބާރުގެ ދައުރެއް ނޫނެވެ،" ހައި ކޯޓުުގެ ހުކުމުގައިވެ އެވެ.

އިހްލާސްތެރި ނިޔަތެއް އޮތް ނަމަ، އަންހެނުންނަށް 33 ޕަސެންޓް ދޭންވީ ހަމައެކަނި ކައުންސިލްތަކުންތޯ އާއި އެ ނޫން މަގާމުތަކުގައި މިފަދަ ކޯޓާއެއް ނެތުމަކީ ވެސް އުފެދޭ ސުވާލެކެވެ. ކައުންސިލްތަކުގެ ބާރުވެރިކަން މިއަދު ކޮންމެ ގޮތަކަށް އޮތަސް، ކައުންސިލް އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން ކައުންސިލްތަކަކީ ހަމައެކަނި ނޫސްބަޔާން ނެރެން ތިބޭ ބަޔަކަށް ނުވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ސަބަބަކީ ކޮންމެ ސަރުކާރަކުން ވެސް ކައުންސިލްތަކުގެ ފިޔަ ކޮށާލާ ހިސާބަކީ އެ ސަރުކާރަކަށް ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ގެއްލޭ ހިސާބު ކަމަށް ވާތީ އެވެ. އައްޑު އާއި މާލެއަކީ އޭގެ މިސާލުތަކެވެ.

އެހެންވެ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ގާނޫނުތައް ހަދާ މަޖިލީހުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ނުކުރީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ވަޒީރުންގެ މަޖިލީހުގަ އާއި ސިޔާސީ މަގާމުތަކުގައި އަންހެނުންނަށް ވަކި ކޯޓާއެއް އަދިވެސް ކަނޑައެއްނާޅަ އެވެ. ނަމަވެސް އެ މަގާމުތަކުގައި ކޯޓާއެއް ނެތުމަކީ ކައުންސިލްތަކުގައި އަންހެނުންނަށް އޮތް ކޯޓާ އުނިކުރަން ދެއްކޭނެ ބަހަނާއެއް ވެސް ނޫނެވެ.

އަންހެނުންނަށް ކައުންސިލްތަކުގެ ކޯޓާއެއް ކަނޑައެޅުމަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، ގެނައި ބޮޑު ބަދަލެކެވެ. ނަމަވެސް ކައުންސިލްތަކާ ހަމައިން އެ ބަދަލު ނިންމާލާ ނަމަ އޭގެ ނިޔަތާ މެދު ސުވާލު އުފެދިދާނެ އެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާއިރު، ދެން އޮތީ އެ މައްސަލައަށް އެންމެ ފަހުގެ ހުކުމް އަންނާނެ ގޮތަކަށް އިންތިޒާރުކުރުމެވެ.

15 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު3434343

27 January 2021

ގަދަކަމަށް މީހުންގެ ފިކުރާ ކުޅުމަކީ ސްޓާލިންގ ފަދަ ހުދުމުހްތާރުވެރިންގެ ސިފައެއް

The name is already taken The name is available. Register?

ޝޯމޭން

27 January 2021

ތިހާފުޅާދާއިރާއެއްގަ ވާހަކަ ދެއްކުމަށްވުރެ ބޮޑަށް ސާފުމާނަދޭހަވާ ކަމެއް ތިކަމަކީ. އަންހެނުންނަށް ގޮނޑި ތަބަކަށް ލާފަދިނީމަ ފިރިހެނުންގެ ހައްގު އުނިވީ. ކުރިންވެސް ދެބައިމީހުންނަށް ކުރިމަތިލެވޭ. ތާއީދު އޮތިއްޔާ ވޯޓުވެސް ހޯދޭ އަދި ހޮވެންވެސް ހޮވޭ. ވޯޓުލާންދަނީކީ ފިރިހެނުން އެކަންޏެއްވެސް ނޫން. ތިފެށުނީ ތަފާތުކުރުން. ތިތަފާތުކުރުން ތިއޮތީ ހަމަހަމަ މުޖުތަމައެއްގަ ފިރިހެނުންގެ ހައްގު އުނިވާގޮތައް.

The name is already taken The name is available. Register?

ހަސަނުބެ232323

27 January 2021

133% = 100%: ދިވެހިރާއްޖެ. އަވަހަށް މެތަމެޓިކްސް ސިލަބަސް ބަދަލުކުރޭ. މިއީ ވެސް އަދުރަމެޓިކްސްގެ ބާވަތެއް ކަމަށް ބެލެވެނީ

The name is already taken The name is available. Register?

ހަސަންކޮއި

27 January 2021

ތިއީ ރޭޝިއޯ. މާމޮޅުވެގެން ނޫޅެ އޭތި % ބަދަލުކޮށްލާ. އެވަރު ނޭގެންޏާ ތިޔަބުނާ މީހަކުގެ އެހީ ހޯދާ!

The name is already taken The name is available. Register?

ރީނދޫހޮވާ

27 January 2021

ތިޔަ 33 ޕަސެންޓަށް ކުރިމަތިލާ ހޮވޭނީ ރީނދޫ ޕާޓީ މީހުން. އެއީ މަގްސަދަކީ.

The name is already taken The name is available. Register?

ރާއްޖެ

27 January 2021

މިހާރު މިވީ ގޮތުން އެންމެ ވޯޓެއް ލިބޭ އަންހެން ކައުންސެލަރަށްވެސް ގޮނޑިއެއް ލިބިދާނެ. އެކަމަކު އޭނާ އަށް ވުރެ ގިނަ ވޯޓް ލިބޭ ފިރިހެން މީހާ އަށް ގޮނޑިއެއް ނުލިބޭނެ.

The name is already taken The name is available. Register?

ދިވެހިރ

27 January 2021

އޭނަޔާއި ފިރިހެނެއް ވާދަ ނުކުރާނެ.

The name is already taken The name is available. Register?

ގަދަހަސަނު

27 January 2021

ވަކިޖިންސަކަށް ނިސްބަތްވީތީ މިފަދަކަންކަމުގާ ޚާއްސަގޮތެއް އޮތުމަކީ ގަބޫލުކުރެވޭކަމެއްނޫން. އަނެއްކާ މިއީ އަންހެނުންނާ ފިރިހެނުން ހަމަ ޒަމާން.

The name is already taken The name is available. Register?

ވިސްނު

27 January 2021

ހަގީގަތުގައި ވަރަށްބޮޑު ތަފާތުކުރުމެއް. މިހާރު އަންހެނުންނަށް %133 އަދި ފިރިހެނުންނަށް %100. މިއީ ކިހިނެތްކުރި ހަމަހަމައެއްތޯ؟ އަނެއްކާ ވޯޓުލާންދާ މީހާއަށް އެބަ މަޖުބޫރުވޭ ވަކި ޖިންސަކަށް ވޯޓުލާން. ވީއިރު ކޮބައިތޯ ވޯޓުލާމީހާގެ ހައްޤު؟ އޭނަ ބޭނުން މީހަކަށް އޭނައަށް ވޯޓު ނުލެވެންވީ ކީއްވެތޯ؟ ގާނޫނާ އެއްޗެހި ހަދާއިރު ހަމަބުއްދި ވެސް އިސްކުރަންވާނެ ނޫންތޯ؟

The name is already taken The name is available. Register?

ހަސަނު22222

27 January 2021

މީޓޫ ކެމްޕޭނުގެ ބާރު

The name is already taken The name is available. Register?

ޚިޔާލުން

27 January 2021

އަންހެނުންނަށް ވަކި ގޮނޑިތަކެއް ހުރުމަކީ މައްސަލައެއް ނޫން. އެކަމަކު މައްސަލައަކީ ވޯޓުލާންދާ މީހުންނަށް އަންހެނަކަށް ވޯޓުލާން މަޖުބޫރުވުން. އެމީހުން ބޭނުން މީހަކަށް ވޯޓުލުމުގެ ހައްގު އެބަގެއްލޭ. ތީގެން ހަގީގަތުގައި އަންހެނުން ބާރުވެރިވުމުގެ ބަދަލުގައި ވާނީ ނިކަމެތި. ނިކަން ވިސްނާ، ފާސްނުވާ ކުއްޖަކު ޕްރޮމޯޓުކުރަމުން ގޮސް ސުކޫލު ނިމޭއިރު އެކުއްޖާއަށް ލިބިފައި ހުންނާނެ ތަޢުލީމު. މިކަން ކުރެވޭނީ ތައުލީމީ، ފަންނީ، އަދި މާލީ ގޮތުން ކުރިއަރުވައިގެން.

The name is already taken The name is available. Register?

އިހޫ

27 January 2021

މިވީހާ ދުވަހު ކައުންސިލަރުންނަށް އެތިބީ ފާސްނުވާ ފިރިހެން ކުދިންނެއް ނޫންތަ؟ ފާސްނުވާ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ތެރެއިން ވެސް ރަގަޅުވާނީ ފިރިހެން ކުއްޖާ؟؟

The name is already taken The name is available. Register?

ސަލީ

27 January 2021

ކީއްކުރަން 33% ޖެހީ،.. މިހާރު ތީ ތަފާތު ކުރުމަކީ. 50 ކޮޅަކަށް ދިނީމަ ހައްލުވީ ސަޅިވެސް ވީ.

The name is already taken The name is available. Register?

އަހުމަދު55

27 January 2021

ތިގަވައިދުގ އަސްލު އޮންނަންވީ ކޮންމެ ޖިންސަކުންވެސް މަދުވެގެން 33 ޕަސެންޓު ގޮނޑިއަށް މީހުން ހޮވަންޖެެހޭނެކަމަށް އޭރުން ހައްލުވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454