ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލްގައި ބޭއްވުމާ މެދު އީސީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައި. ބައެއް މެމްބަރުން ބޭނުން ވަނީ އިންތިޚާބު އެއަށް ވުރެން ފަހުގެ ތާރީޚެއްގައި ބާއްވަން.
އީސީގެ ރައީސް ޝަރީފް އާއި ކޮމިޝަންގެ މެމްބަރުން އެޗްޕީއޭގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ: އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައި. --ފޮޓޯ/އީސީ
26 ޖެނުއަރީ 2021 - 10:28
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެއްޖެ އެވެ.
އިންތިޚާބުގެ ތާރީޚް ފައިނަލްކުރަން ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުން ނިންމާލަން ޖެހުނީ ގޮތެއް ނުނިންމި އެވެ.
ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ ހިޔާލު ތަފާތުވުން އުފެދި، އެޕްރީލް މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނީތޯ ނުވަތަ އެއަށް ވުރެން ލަސް ތާރީޚަކަށް ބަދަލުކުރާނީތޯ ކުރެވުނު މަޝްވަރާތަކަށް ގޮތެއް ނުނިމުނު ކަމަށެވެ. އެހެންވެ މިއަދު އަނެއްކާ ވެސް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވަން އޮތީ ނިންމައިފަ އެވެ.
"ތާރީޚަކާ މެދު ހިޔާލުތަފާތުވުން ހުރީ، މިއަދު އަނެއްކާވެސް ގޮތެއް ނިންމަން ބައްދަލުވުމެއް ބާއްވާނެ،" ޝަރީފް ވިދާޅުވި އެވެ.
ފަސް މެމްބަރުންގެ ކޮމިޝަންގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ.
އީސީން ކުރިން ތާވަލްކޮށްފައި އޮތީ މާޗް ހައެއްގައި އިންތިޚާބު ބާއްވާށެވެ. އެކަމަކު އިންތިޚާބު ލަސްކުރަން ފާސްކުރި ގާނޫނުގައި، އިންތިޚާބުގެ ތައްޔާރީތައް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ލިއެފައި އޮތުމުން އެ މުއްދަތުގައި ނުބޭއްވުނީ އެވެ. މަޖިލީހުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.
އިންތިޚާބު ލަސްވާ މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. ސަރުކާރުން ގަސްތުގައި އިންތިޚާބު ލަސްކުރަނީ ކަމުގެ ތުހުމަތު އިދިކޮޅުން ކުރެ އެވެ. އެކަމަކު، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ އިންތިޚާބު ލަސްކުރުމަކީ ވިސްނުމެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް 100 އަށް ވުރެން ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މި ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
26 January 2021
ތީކީއެއްގޮތަކައްވެސް ބާއްވަން ވީއެއްޗެއްނޫން,!
ތިމާ
26 January 2021
އިންތިހާބައް ހަރަދު ވާ ވަރާއި މެމްބަރުން ހޮވުނީމަ މުސާރަ އަށް ހޭދަ ވާ ވަރުވެސް ޖަހާލަ ބަލާށެވެ. ރައްޔިތުންނަށް ވެސް އެމީހުންގެ ޓެކްސް ފައިސާ އަށް ވާގޮތް އެނގެން ބޭނުން ވާނެ އެވެ.
ގެދާނޯމޮސް
26 January 2021
މީރައްޔިތުންނަށް މިގައުމު ހަމަމަގަށް އެޅުވުމަށް ރަނގަޅު ނަތީޖާއެއް ދައްކަފާނެތީ ކޯލިޝަނުން ދުރާލާ ރާވައިގެން ބަޖެޓު އީސީ އަށްދަތިކޮށް އިންތިޚާބަށް ދިންވަރުގަދަ ލަނޑެކެވެ.
ނަސީމްބެ
26 January 2021
އިދިކޮޅު ފަރާތަކަށް ނެތް ޗާންސެއް ބަޔަކު ހަމަމަގަށް އަޅުވަން މިހާރަކު އެތިބަ ހިސާބުގައި ތިބެގެން. އެޔަށްވުރެ ކުރިއަށްވެސް އަދި އެރޭކަށްވެސް ނެތް އަވަހަކަށް. އަދުރޭ ޖެހޭނީ ސީދާ ހަރަކާތޭ ކިޔާލަ ކިޔާލަ ހުންނަން. ތިކިޔާ ހަރަކާތުގައި ތިޔަ އުޅެނީ 6 ޔަށްކަ މީހުން އަދުރޭ ލައިގެން. އެހެންނޫނަސް ބޮނޑިބަތް ބޭނުން ނުވާނެ ޔާންޓޭ މިނިވަން ކުރާކަށްވެސް. ހެ ހެ ހެެހެ.
ގަދަހަސަނު
26 January 2021
ދެން ތިޔައިންތިޚާބު ބާއްވާނެކަމެއްނެތް. ނަޝީދަށްމިގައުމުގެ ރަސްކަންދީފާ އަހަރެމެން އެންމެން އަނެއްރާއްޖެއަށް ހިނގާ.
ހަސަންބެ.
26 January 2021
ހަތަރު މެމްބަރުން ތިބި ކޮމެޓީ އެއްގައި ހިޔާލު ތަފާތުވެގެން ގޮތެއް ނުނިމުނޭ ބުނީމާ ގަބޫލެއް ނުކުރެވޭ. ތީހަމަ ސަރުކާރުން އަޑީގައި އޮވެގެން ކުޅުވާ ކުޅިވަރެއް.
ނަޖްވާ
26 January 2021
މި އުޅެނީ އިންތިޚާބު ނުބޭއްވިގެންތަ؟
ނެތީމޭނެތީމޭ
26 January 2021
ކޮބާ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ...