މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ނަމަސްތޭ ލަންޑަން" އާއި "ނަމަސްތޭ އިންގްލެންޑް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ވިޕުލް ޝާހް މުޅިން އަލަށް ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އަހަރު ކުރު ފިލްމުތަކަކުން ޑައިރެކްޝަނަކަށް ނުކުތް ބަތަލާ ޝެފާލީ ޝާހްގެ ފިރިމީހާ ޕްރޮޑިއުސްކުރާ އަލަތު ވެބް ސީރީޒަކީ "ހިއުމަން" އެވެ. މީގެ ކާސްޓްގައި ޝެފާލީގެ އިތުރުން ކްރިތީ ކުލްހާރީ ވެސް ހިމެނެ އެވެ.

ވިޕުލް އާއި މޮޒެޒް ސިންގް ޑައިރެކްޓްކުރާ މި ސީރީޒަކީ މެޑިކަލް ޓްރައިލްތަކަށް އިންސާނުން ބޭނުންކުރާ ގޮތް ދައްކުވައިދޭނެ މެޑިކަލް ތުރިލާއެކެވެ.

ވިޕުލް ބުނިގޮތުގައި "ހިއުމަން" އަކީ އޭނާގެ ތިން އަހަރު ލިޔެފައި އޮތް އެއްޗެއް ކަމަށާއި މީގެ މަސައްކަތް އަލުން ފެށީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 އާ އެކު އިންސާނުން ތަޖުރިބާކުރަން ޖެހުނު ކަންކަން ވެސް ވާހަކައިގެ ތެރެއަށް ގެނެސްގެން ކަމަށެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި "ހިއުމަން" ގެނެސްދޭން ނިންމި ނަމަވެސް ދައްކާނެ ޕްލެޓްފޯމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވިދުޔަތަށް "ސަނަކް"

މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ކާމިޔާބު ފިލްމު "ޚުދާ ހާފިޒް" ގެ ބަތަލު "ސަނަކް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިހާރު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ފިލްމަކީ ވިދުޔަތާ އެކު "ކޮމާންޑޯ" ސީރީޒް ގެނެސްދޭ ޕްރޮޑިއުސަރު ވިޕިލް ޝާހް ޕްރޮޑިއުސްކުރާ އެއްޗެކެވެ. "ސަނަކް" ގެ ބަތަލާ އަކީ ބެންގާލީ ފިލްމުތައް ކުޅޭ ރުކްމިނީ މައިތުރާ އެވެ.

ކަނިޝްކް ވަރުމާ ޑައިރެކްޓްކުރާ މި ފިލްމަށް ވިދުޔަތު ސޮއިކުރި އިރު "ޚުދާ ހާފިޒް" ގެ ސީކްއެލްގެ ޝޫޓިން އެޕްރީލްގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ފާރޫގް ކަރީބް ޑައިރެކްޓްކުރާ ފިލްމެކެވެ.

ވިދުޔަތުގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން ޒީ ޕްލެކްސް އިން ޕްރިމިއާކުރި "ދަ ޕަވާ" އެވެ.

ސޮނީން އިތުރު އާ ސިލްސިލާއެއް

ހޯމަ ދުވަހުގެ ރޭ ސޮނީ ޓީވީން "ކިޔު އުއްތޭ ދިލް ތޯޅް އާޔީ" ގެނެސްދޭން ފަށާފައި ވަނިކޮށް އަނެއްކާ ވެސް އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "ސަރްގަމް ކޭ ސާދީ ސައްޓީ" އެވެ. މީގައި ކިޔައިދޭނީ ސަރްގަމް ކިޔާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ސަރަގްމަގްގެ ރޯލުން ފެންނާނީ މިދިޔަ އަހަރު ސޮނީން ގެނެސްދިން "މޭރޭ ޑޭޑް ކީ ދުލްހަން" ގެ މުހިއްމު ރޯލެއް ކުޅުނު އަންޖަލީ ތަތުރާރީ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ކުނާލް ސަލޫޖާ، ދަރުޝަން ޖަރީވާލާ އަދި ވިޝްނޫ ބޯލާނީ ހިމެނެ އެވެ.

"ސަރްގަމް ކޭ ސާދީ ސައްޓީ" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރިތިކްގެ ވެބް ސީރީޒްގެ ޝޫޓިން އެޕްރީލްގައި

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ސޮއިކޮށްފައިވާ ފުރަތަމަ ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ޝޫޓިން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ސީރީޒަކީ ހަމަ އެ ނަމުގައި ބީބީސީން ޓޮމް ހިޑެލްސްޓަންއާ އެކު ގެނެސްދީފައިވާ ސީރީޒް އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. ރިޕޯޓްތައް ބުނާގޮތުން "ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަންގެ ޕްރޮޑިއުސަރަކީ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އެވެ.

ދެހާސް ނަވާރައިގެ އެންމެ ކާމިޔާބު ފިލްމު "ވޯ" ކުޅުނު ރިތިކް ދާދި ފަހުން ވަނީ "ފައިޓާ" ކިޔާ ފިލްމަކަށް ސޮއިކޮށްފަ އެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް އަންނަ އަހަރު ރިލީޒްކުރާ އެ ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454