ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި މީހަކު ބޯޑެއް ޝުއޫރު ފާޅުކުރަނީ: ކުޑަކުއްޖަކު މަސްތު ކުރުވައިގެން ރޭޕްކުރި މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މިހާރު
26 ޖެނުއަރީ 2021 - 18:03
ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީ، މަސްތު ކުރުވައިގެން އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ސަލާމަތްވި މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުން ލަސްވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
އޭޕްރީލް، 2014 ގައި ހުޅުމާލޭގައި ކުއްޖަކު ސްކޫލަށް ގެންދިޔަ މަގުމަތީގައި އެ ކުއްޖާ ގެއަކަށް ވައްދައި، މަސްތުވާތަކެތި ދީގެން މަސްތު ކުރުވުމަށް ފަހު އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ އޮކްޓޫބަރު، 2016 ގަ އެވެ. އަނިޔާ ލިބުނު ކުއްޖާ އުމުރެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން ނުލިބި އޮއްވާ އިސްތިއުނާފްގެ މުއްދަތު ހަމަވުމުން ހައި ކޯޓުގައި ދައުލަތުން އެދުނީ މަގްބޫލު އުޒުރެއް އޮތް ކަމަށް ބަލައި، އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމަށެވެ. އެ ހުއްދަ ފެބްރުއަރީ، 2017 ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިނަސް، އިސްތިއުނާފް މައްސަލަ ޕީޖީ އޮފީހުން ހުށަހެޅީ އޭގެ ދެ އަހަރު ފަހުން އޮކްޓޫބަރު، 2019 ގަ އެވެ. ޕީޖީ އޮފީހުން ގަބޫލުކުރީ އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނުމުން އެ މައްސަލަ އިސްތިއުނާފް ކުރެވުނީ ކަމަށެވެ. އެކަމަކު އާންމު އުސޫލުން އިސްތިއުނާފްގެ ހުއްދަ ދިނަސް، އިސްތިއުނާފް މައްސަލަ ހުށަހެޅުމުން ނޫނީ އެ މައްސަލަ ބަލައިގަތް ކަމަކަށް ނުވާނެ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް ކުރުމުގެ ހުއްދަ ދިންތާ ދެ އަހަރާއި އަށް މަސް ފަހުން ކަމަށެވެ. އެއީ އިސްތިއުނާފް ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަށް ވުރެ މާ ދިގު މުއްދަތެއް ކަމަށާއި އަދި ޚާއްސަ ޟަރޫރީ ހާލަތްތަކުގައި އިސްތިއުނާފްގެ މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނަސް، އެ ހާލަތު ނެތިދިއުމަށް ފަހު އެ ހުއްދައެއް ދެމި ނޯންނާނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފަ އިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ މާ ދިގު މުއްދަތެއް ފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޝަރީފް
27 January 2021
އަމިއްލަޔަށް ހަދާ ގާނޫނުތަކުގަ ލިޔެފަ އޮންނަ އެއްޗެއްވެސް ނޭގެ. ދައުލަތުގެ މުއައްސަސާތައް މިހާވަރަށް ބޮއްސުން ލީމަ ދެން ކޮންއިންސާފެއް ގާއިމް ކުރެވޭނީ. މި ގައުމު ރަގަޅުވާނީ ކިހިނެއް ހަދައިގެން ބާއޭ ހިތައްއަރާ. ބޮޑުޚަރަދުކޮށްގެން މި ހޯދާ ތައުލީމް އާއި ތަމްރީނު ގެ މަގުސަދަކީ އިންސާނީ ހައްގުތަށް ނިގުޅައިގަނެވޭނެ ގޮތަށް ނިޒާމް ބައްޓަންކުރުންތޯ ؟
ގޯތި އާދަނު
26 January 2021
ދައުލަތުގެ އިހުމާލު ޕީޖީގެ އިހުމާލު
ފަހުދު
26 January 2021
ޕީޖީގެ ކަމަކީ ފޮނިކެންޑުން. ޝަރީއަތް ކުރެވޭ ހަމަތަކެއްވެސް ނޭންގޭ. ބެލިކޮންމެ ދިމާލަކުންވެސް ފެންނަނީ ސަރުކާރުގެ ނާގާބިލުކަން.
ބަޖިޔާ
26 January 2021
އިންސާފު މަތިން އޮހެނީ
ސަނާ
26 January 2021
އަސްތާ ދުނިޔޭގެ ފެންވަރުގެ ކަމެއް ތި ކޮށްލީ 3 އަހަރުވީއިރު އިސްތިއުނާފް ކޮށްނުލެވޭނީ ވަރަށް ކޮލިޓީ ވީމާ އަދުލުއިންސާފު އުތުރިއަރަނީ ދެއްތޯ ނަޝީދޫ
އަލީ
26 January 2021
މިހިރީ މިގައުމުގަ އަދުލު ިންސާފު ހުރިމިންވަރަކީ.
ލޮޖިކަލީ
26 January 2021
“ޚާއްސަ ޟަރޫރީ ހާލަތްތަކުގައި އިސްތިއުނާފްގެ މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރުމުގެ ހުއްދަ ދިނަސް” ކުއްޖެއް މަސްތުވާތަކެތީގެ ދަލުގައި ޖެއްސުމުގެ ބިންގާ އެޅުމާ، ޖިންސީ އެދުންވެރިކުރުވުމުގެ ދޮރު ހުޅުވުމާއި، ކުއްޖާގެ އަބުރަށް އެރުމާ، ނަފްސާނީ ގޮތުން މުޅި އުމުރަށް މިފަދަ ބޮޑު، ލާއިންސާނީ އަނިޔާއެއް ދިނުން ޚާއްސަ ޟަރޫރީ ޙާލަތަކަށް ނުވޭތޯ
އިންސާފް
26 January 2021
ކުޑަކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލާ މީހުންނަށްވެސް މިނިވަންކަންމަތީ އުޅުމުގެ ފުރުސަތު ދިނުމަކީ ކުއްކުރާ މީހުންނަށް ދެވޭ ހިއްވަރެއް އަދި އަނިޔާ ލިބޭ މީހުންނަށް ދެވޭ ފޫނުބެއްދޭވަރުގެ އަނިޔާއެއް