29 ޖެނުއަރީ 2021 - 21:10
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ހުޅުވާލާފައިވާ ފުރުސަތު އަންނަ މަހު 11 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23، 2020 ގައެވެ.
އީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އަންނަ މަހު 11 އަށް ހަމަވާ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބަށް ވާދަ ކުރަން ހުޅުވާލުމުން 877 ގޮނޑި އަށް، ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް މިހާތަނަށް 100އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
އީސީން މިރޭ ވަނީ ކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ބަންދުވާ ތާރީހެއް އިއުލާންކޮށްފަ އެވެ. އެގޮތުން އަންނަ މަހު އަށެއްގެ ފަހުން ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަނަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިދިޔަ އަހަރު އޭޕްރިލް މަހު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ކޮވިޑް-19 އާ ގުޅިގެން ލަސްވެ، މި އަހަރު އޭޕްރީލަށް ވަނީ ފަސްވެފަ އެވެ. އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންސްތަކާ އެއްގޮތަށް އިންތިހާބު ކުރިޔަށް ގެންދެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy