ދުނިޔޭގެ ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީ ލީޑުގައި، ލިވަޕޫލް ބަލިވެ ލެސްޓާ ތިން ވަނަ އަށް

04 ފެބުރުއަރީ 2021 - 08:20

ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 2-0 އިން ބާންލީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ލީޑު ދެމެހެއްޓިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވުމުގެ ފައިދާނަަގައި ލެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 22 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ރޭ ފުލަމް އަތުން 2-0 އިން މޮޅުވި ލެސްޓާ ތިން ވަނަ އަށް ޖެހިލީ 22 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ހަތަރު ވަނަ އަށް ވެއްޓުނީ އަމިއްލަ ދަނޑުގައި ރޭ ބްރައިޓަން އަތުން 1-0 އިން ބަލިވުމުންނެވެ. ލިވަޕޫލަށް 22 މެޗުން ލިބުނީ 40 ޕޮއިންޓެވެ.

ބާންލީ ދަނޑުގައި ސިޓީ މޮޅުކޮށްދިނީ ގަބްރިއެލް ޖީސޫސް އާއި ރަހީމް ސްޓާލިންގެ ގޯލުތަކުންނެވެ. މި ނަތީޖާއާ އެކު ސިޓީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުން ވަނީ މޮޅުވެފަ އެވެ. ލީގުގައި ސިޓީ ދެން ކުޅޭ މެޗުގައި ނުކުންނާނީ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ.

ބްރައިޓަން އިން ރޭ ޕްރިމިއާ ލީގުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިކުރިއިރު، މެޗުގައި ފެނުނު ހަމައެކަނި ގޯލު ބްރައިޓަން އިން ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. އެ ޓީމުގެ ލަނޑު ޖަހައިދިނީ ކޮލަމްބިއާގެ މިޑްފީލްޑަރު ސްޓީވެން އަލްޒާޓޭ އެވެ.

ލިވަޕޫލުން އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ކުޅުނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. ބްރައިޓަން އިން 1984 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިކުރިއިރު، ރޭގެ މެޗުން ލިވަޕޫލަށް ލަނޑެއް ނުޖެހުމަކީ ވެސް ފަހަތަށް އެޅި ފިޔަވަޅެކެވެ. މިއީ ލީގުގައި އަމިއްލަ ދަނޑުގައި ގޯލެއް ކާމިޔާބުނުކުރެވި އެ ޓީމުން ޖެހިޖެހިގެން ނިންމާލި ތިން ވަނަ މެޗެވެ. އެންމެ ފަހުން އެ ޓީމު އެ ކަހަލަ ޓްރެކެއްގައި ދިޔައީ 1984 ވަނަ އަހަރު އެވެ. އަދި އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވިއިރު މިއީ މިދިޔަ އަށް އަހަރު ތެރޭގައި އެ ގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި މޮޅުވީ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ އެކި މައްސަލަތަކުގެ ސަބަބުން ކުޅުންތެރިން ފިޒިކަލީ އަސަރުކޮށްފައިވާއިރު، މެންޓަލީ ވެސް ޓީމުގެ ހާލަތު އެހާ ރަނގަޅެއް ނޫން ކަމަށެވެ.

ލީގުގެ 18 ވަނައިގައި އޮތް ފުލަމް ދަނޑުގައި އެ ޓީމު އަތުން ލެސްޓާ މޮޅުވީ ފުރަތަމަ ހާފުގެ ލަނޑުތަކުންނެވެ. ޖޭމްސް މެޑިސަން ތަނަވަސްކޮށްދިން ދެ ފުރުސަތުގައި ލެސްޓާގެ ލަނޑުތައް ޖެހީ ކެެލެޗީ އިހެނާޗޯ އާއި ޖޭމްސް ޖަސްޓިން އެވެ.

ރޭ ކުޅުނު އަނެއް ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު ވެސްޓް ހޭމް އިން ވަނީ ރަށުންބޭރުގައި ޖެސޭ ލިންގާޑްގެ ދެ ގޯލާ އެކު 3-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އެވަޓަން އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ. ވެސްޓް ހޭމް ފަސް ވަނައިގައި އޮތީ 22 މެޗުން 38 ޕޮއިންޓާ އެކު އެވެ. އެވަޓަން ހަ ވަނަ އަށް ޖެހިލީ 20 މެޗުން 36 ޕޮއިންޓް ހަަމަކޮށްގެންނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454