ޓީޗަރުންނަށް ވެކްސިން ދޭން ފެށީ ސްކޫލުތަކުގެ މާހައުލަށް ރައްކާތެރިކަން ގެންނަން ކަމަށް އެޗްއީއޯސީން ބުނޭ.
ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގެ ޓީޗަރުންތަކެއް ކޮވިޑް ވެކްސިން ޖެހުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހްޔިއްދީން ސްކޫލު
04 ފެބުރުއަރީ 2021 - 14:54
ހަލުއިކަމާ އެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުގެ ޓީޗަރުންނަށް މިއަދު ވެކްސިން ދޭން ފަށައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް އޮފިޝަލެއް ކަމަށް ވާ ތަސްލީމާ އުސްމާން ވިދާޅުވީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ބަލައި ޓީޗަރުންނަށް ވެކްސިން ދެނީ "ސްކޫލްތައް ރައްކާތެރިކުރުމުގެ ބޭނުމުގައި" ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އިތުރު ސަރަހައްދުތަކުގެ ޓީޗަރުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއާ އެކު މިދިޔަ ހޯމަ ދުވަހު ވެކްސިން ދޭން ފެށި އައްޑޫގައި ވެސް އަންނަނީ ޓީޗަރުންނަށް ވެކްސިން ދެމުންނެވެ.
COVID19 Vaccination program began for teachers. 👍👍👍👏👏👏💚💚💚. Thank you all for considering teachers in the priority list. @aisthly @MoEdumv @HPA_MV @rah8121 #vaccinatedagainstcovid19 #dhifaau #HPA #SafetyFirst pic.twitter.com/FbUYVYyRNB
— Kalaafaanu School (@kalaafaanu_mv) February 3, 2021
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާވެސް ބަލި ޖެހޭ މީހުންގެ އަދަދު މި ވަނީ އިތުރުވެފަ އެވެ. އެއާ އެކު ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "މިހާރު" އަށް ވިދާޅުވީ ވެކްސިން ލިބޭ ފުރަތަމަ ބެޗުގައި ޓީޗަރުން ހިމެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓީޗަރުންނަށް ވެކްސިން ދިނުމަކީ ސްކޫލް މާހައުލުގެ ރައްކާތެރިކަމާ މެދު ބެލެނިވެރިންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
ޑރ. އައިޝަތު އަލީ ޓީޗަރުން ސިފަކުރެއްވީ އަހަރެމެންގެ "އަންސަންގް ހީރޯސް"ގެ ގޮތުގަ އެވެ.
ކޮވިޑުން ރައްކާތެރިވާން މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތައް ވަނީ ކުރިއަށް އޮތް ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ. އެކަމަކު ސްކޫލަށް ދިއުން ހުއްޓާލައިފި ނަމަ އޭގެ ނޭދެވޭ އަސަރު ދަރިވަރުގެ މުޅި އުމުރަށް ކުރާނެތީ ގްރޭޑު 1-12ގެ ދަރިވަރުންނަށް އަންނަނީ ސްކޫލުގައި ކިޔަވައިދެމުންނެވެ.
މިހާތަނަށް ސްކޫލެއްގެ ތެރޭގައި އެއްވެސް ގޮތަކަށް ބަލި ފެތުރިފައެއް ނުވެ އެވެ. އެކަމަކު ބައެއް ސްކޫލްތަކުގެ ވަކިވަކި ދަރިވަރުންނާއި ޓީޗަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަސޮރު
05 February 2021
ވެކްސިން ޖަހަންވީމާ ޓީޗަރުން ފުރަންޓުލައިންގަ މަސައްކަތްކުރާ ބަޔަކަށް ވެފައި އެލަވަންސް ދޭންވީމާ އެންމެ ލޯރިސްކުމީހުންނަށްވީމާ އަޖައިބެއްނުވެ. އެމީހުންނަކީ އަބަދުވެސް ފެންކައްކާބޮލީގެ ޢިއްޒަތް ދެވިފައިވާ ބައެއް. ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް އަމިއްލަޖީބުން ޚަރަދުކުރަންޖެހޭ ސިވިލްސާވިސްގެ ބަޔަކު ޓީޗަރުންނޫނީ ނުފެނެ. މުއައްސަސާ ހިންގުމަށް ފަންޑުހޯދަން ވެލިކަން ސާފުކުރުންފަދަ މަގާމާ ގުޅުމެއްނެތް ކަންކަން ކުރަންޖެހޭ ދެވަނަ ބަޔަކުވެސް ނުދެކެނެ.