07 ފެބުރުއަރީ 2021 - 07:50
ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ކުރިން އެންމެ ގިނައީ ފުއްޕާމޭގެ ކެންސަރު ކަމަށް ވިޔަސް މިހާރު އެންމެ ގިނައީ އަންހެނުންގެ އުރަމަތީގެ ކެންސަރު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކެންސަރާ ބެހޭ ޖާނަލް "ސީއޭ" ގައި ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނީ މިދިޔަ އަހަރު އެކަނި ވެސް އަލަށް އުރަމަތީގެ ކެންސަރު ޖެހުނު މީހުންގެ އަދަދު 2.3 މިލިއަނަށް އަރާ ކަމަށެވެ. އެއީ 11.7 ޕަސެންޓުގެ އިތުރުވުމެކެވެ. ޕުއްމާގެ ކެންސަރުގެ ނިސްބަތް ހުރީ 11.4 ޕަސެންޓުގަ އެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ފާއިތުވި ވިއްސަކަށް އަހަރު އެންމެ އާންމު ކެންސަރަކީ ފުއްޕާމޭގެ ކެންސަރު ކަމަށް ވިޔަސް، އުރަމަތީގެ ކެންސަރުޖެހޭ މީހުންގެ އަދަދު ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވަމުންނެވެ.
މިކަމާ ބެހޭ ގޮތުން އެމެރިކަން ކެންސަ ސޮސައިޓީގެ ޕްރިންސިޕަލް ސައިންޓިސްޓް/އެޕިޑަމޮލޮޖިސްޓް ޔޫނާ ސަންގް ވިދާޅުވީ ބަލީގެ ވައްތަރު ބަދަލުވެ، އިތުރުވަމުން ދިއުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ.
For the first time, female breast cancer has surpassed lung cancer as the most commonly diagnosed cancer in the world according to the latest @AmericanCancer & @IARCWHO report. https://t.co/SmX8czB4Wx #GlobalCancerStats🗺️#WorldCancerDay pic.twitter.com/IUMFkMUzx2
— CA: A Cancer Journal for Clinicians (@CAonline) February 4, 2021
"މިއިން ދެނީ ވަރަށް ނުރައްކާތެރި ސިގްނަލެއް. އަދި އުރަމަތީގެ ކެންސަރުގެ ކޭސްތައް އިތުރުވަމުން ދަނީ ހައިރާންވާހާ މިންވަރަށް،" އޭނާ ވިދާޅުވި އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އުރަމަތީގެ ކެންސަރު ބަލީގެ 2.3 މިލިއަން ކޭސް ރިޕޯޓްކޮށްފައިފައި ވާއިރު ފުއްޕާމޭގެ ކެންސަރުގެ 2.2 މިލިއަން ކޭސް ރިޕޯޓްކުރި އެވެ.
މި ދެ ކެންސަރާ ގުޅޭ ގޮތުން އެންމެ ފަހުން އެއްކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު މިހާތަނަށް ފުއްޕާމޭގެ ކެންސަރަކީ އެ ބަލީގެ ބާވަތުގެ ތެރެއިން އެންމެ އާންމު ވައްތަރެވެ. އެގޮތުން 2018 ގައި ފުއްޕާމޭގެ ކެންސަރުގެ އާ ކޭސްތަކުގެ އަދަދު އުޅުނީ 2,093,876 ގަ އެވެ. އޭރު އުރަމަތީގެ ކެންސަރުގެ އާ ކޭސްތަކުގެ އަދަދަކީ 2,088,849 އެވެ.
19.3 million new cancer cases & nearly 10 million cancer deaths occurred around the world in 2020. Read more: https://t.co/SmX8czB4Wx @AmericanCancer @IARCWHO #GlobalCancerStats🗺️ pic.twitter.com/jBZuoVbb19
— CA: A Cancer Journal for Clinicians (@CAonline) February 5, 2021
ސަންގް ވިދާޅުވި ގޮތުގައި އުރަމަތީގެ ކެންސަރާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނުރަނގަޅު އާދަތަކުގެ ސަބަބުން ބަލި އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.
އޭގެ ތެރޭގައި ބަރުދަން އިތުރުވުމާއި ހަރަކާތްތެރިކަން ކުޑަވުމާއި ބަނގުރާ ފަދަ ތަކެތި ބޭނުންކުރުމާއި ދަރިން ހޯދުން ފަސްކުރުމާއި މަދުން ދަރިން ހޯދުމާއި ގާތުން ދިނުން މަދުވުން ފަދަ ކަންކަން ހިމެނެ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އުރަމައްޗާއި ފުއްޕާމޭގެ ކެންސަރުގެ އިތުރުން ދެން ކެންސަރުގެ އެންމެ ގިނަ އާންމު ވައްތަރުތަކަކީ ބަނޑާއި ކޮލޮރެކްޓަލް އަދި ލިވާގެ ކެންސަރެވެ.
ކެންސަރުގެ އާ ދިރާސާ ރިޕޯޓްގެ ނަތީޖާތަކަށް ބަލައި، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 2040 ވަނަ އަހަރު އަންނަ އިރު ކެންސަރު ބަލީގެ މީހުންގެ އަދަދު 28.4 މިލިއަނަށް އަރާނެ އެވެ. އެއީ އެއީ މިދިޔަ އަހަރުގެ ޖުމްލަ ކޭސްތަކުގެ ނިސްބަތުން ބަލާ ނަމަ 47 ޕަސެންޓުގެ އިތުރުވުމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ 2000 އިން 2020 ވަނަ އަހަރާ ދެމެދު ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު 10 މިލިއަނުން 19.3 މިލިއަނަށް އިތުރުވެފައިވެ އެވެ. އަދި އަންދާޒާކޮށްފައިވާ ގޮތުގައި ކޮންމެ ފަސް މީހަކުން އެކަކީ ކެންސަރުގެ ޝިކާރައަކަށްވުމުގެ ފުރުސަތު އޮތް މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
23 August 2022
އުރަމަތީގަ ގަނޑުލަފަ ހުރ ގިނަދުވަސްވެ އަޅާނުލާ ހުރެގެން ކެންސަރަށް ބަދަލުވަނީ
ދަގަނޑު
09 February 2021
ދަނގަނޑު ލައްވާފަހުންނަ ބުރާ އަޅާތީ ވާ ކަމެއް ގޮތައް ގިނަ މާހިރުން ބުނަނީ. ލޭސް ބުރާއެޅުން ގިނަކުރަންޖެހޭ.