15 ފެބުރުއަރީ 2021 - 07:03
ބަތަލާ ސޯނަމް ކަޕޫރްގެ އާ ފިލްމު "ބްލައިންޑް" ގެ ޝޫޓިން ފެށިތާ 39 ދުވަހުގެ ތެރޭގައި އޭގެ މަސައްކަތް ނިންމާލައިފި އެވެ.
ފިލްމުގެ ޓީމާ އެކު ނަގާފައިވާ ވީޑިއޯކޮޅަކާ އެކު ސޯނަމް ވަނީ އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެެވެ. "ބްލައިންޑް" ހަމަ އެ ނަމުގައި ގެނެސްދިން ކޮރެއާ ފިލްމެއް އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގައި ސޯނަމް ފެންނާނީ ދިމާވާ ހާދިސާއެއްގެ ސަބަބުން ލޯ އަނދިރިވާ މީހެއްގެ ރޯލެވެ.
ސްކޮޓްލެންޑް ގްލަސްގޯގައި ޝޫޓްކުރި "ބްލައިންޑް" އަކީ ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށް، ޝޯމް މަކީޖާ ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ކާސްޓްގައި ވިނޭ ޕަތަކާއި ޕޫރަބް ކޯލީގެ އިތުރުން ލިލީތާ ޑޫބޭ ހިމެނެ އެވެ.
ފިލްމު ރިލީޒްކުރާ ތާރީހެއް އަދި އިއުލާން ނުކުރާ އިރު، ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޕްރަބާސްގެ "ރާދޭ ޝާމް" މި އަހަރުގެ ޖުލައި 30 ގައި ސިނަމާތަކަށް ގެންނަން ނިންމައި އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.
ޓީ ސީޒީރުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ޑައިރެކްޓަރު ރާދާ ކްރިޝްނާ ކުމާރު ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ޑްރާމާއެކެވެ.
"ބާހްބަލީ" ކުޅެގެން މަޝްހޫރުވި އެކްޓަރު ޕްރަބާސްއާ އެކު "ރާދޭ ޝާމް" ގެ ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭ އެވެ. ޔޫރަޕްގައި ވަރަށް ބޮޑު ބައި ޝޫޓްކުރި ފިލްމުގެ ރޯލުތަކުން ބަގިޔާޝްރީ އާއި ކުނާލް ރޯއީ ކަޕޫރް ވެސް ފެންނާނެ އެވެ.
ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ސާހޯ" އެވެ.
ބޮލީވުޑްގެ މާ މަޝްހޫރު ނޫން ދެ ތަރިން ކަމަށްވާ ރަންދީޕް ހޫޑާ އާއި އުރްވަޝީ ރޯޓޭލާ "އިންސްޕެކްޓަރު އަވިނާޝް" ކިޔާ ވެބް ސީރީޒަކަށް ސޮއިކޮށް އޭގެ މަސައްކަތް ފަށައިފި އެވެ.
އުއްތަރު ޕްރަދޭޝްގައި މަންޒަރުތައް ނަގާ މި ސީރީޒަކީ ނީރަޖް ޕަތަކެވެ. "އިންސްޕެކްޓަރު އަވިނާޝް" ގައި ކިޔައިދޭނީ ޔޫޕީގެ ކުރީގެ ފުލުހެއް ކަމަށްވާ އަވިނާޝްގެ ވާހަކަ އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް ގެނެސްދިން ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ކުޅުނު ރަންދީޕްގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.
އުރްވަޝީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވާޖިން ބާނޫޕްރިޔާ" އެވެ.
މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޝޫޓިން އެއްކޮށް ނިންމައި ނުލެވުނު އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ގެ ބާކީ ހުރި މަންޒަރުތައް މިއަދު ނަގަން އަލުން ފަށައިފި އެވެ.
މި ފިލްމަކީ ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކުރާ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ. "މައިދާން" ގައި އަޖޭ ކުޅެނީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ރޯލެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ގަޖްރާޖް ރާއޯ އާއި ޕްރިޔަމަނީގެ އިތުރުން ރުދުރަނިލް ގޯޝް ހިމެނެ އެވެ.
"މައިދާން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 15 ގަ އެވެ. އެއީ އަޖޭ މުހިއްމު ރޯލެއް ކުޅެފައިވާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ރިލީޒްކުރާތާ ދެ ދުވަސް ފަހުންނެވެ.
"މައިދާން" ގެ ޝޫޓިން މިއަދު އަލުން ފެށި އިރު އިރު އަޖޭ އޮތީ އޭނާ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ޝޫޓިން ވެސް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy