ނަޝީދު ވިދާޅުވީ އީސީން އުޅެނީ ހޯމްވޯކް ނުހަދަން ބަހަނާ ދައްކާ ދަރިވަރަކު އުޅޭ ގޮތަށް ކަމަށް. ވިދާޅުވީ އިންތިހާބު ބޭއްވުން ނޫން ގޮތެއް ދެން ނެތްކަމަށާއި މަޖިލީހުން އެކަން ބަދަލުނުކުރާނެ ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ކައުންސިލް އިންތިހާބު ފަސް ނުކުރެވޭނެ ކަަމަށް އެމަނިކުފާނު މިއަދު ވިދާޅުވި.
15 ފެބުރުއަރީ 2021 - 11:02
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން އެދި އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އިންތިހާބު ދެން ފަސް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަަވަމުން ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރަން އެދި އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އޭޕްރިލްގައި ބާއްވަން އޮތް އެ އިންތިހާބު ފުރަތަ ފަހަރު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުންނެވެ. އެހެންވެ، އިންތިހާބު ފަސްކުރުމާ އެކު ކައުންސިލަރުންނަށް މަގާމުގައި ދެމިތިބެވޭ ގޮތަށް ސަންސެޓް ގާނުނެއް ފާސްކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. ނަމަވެސް އިންތިހާބު ބާއްވަން ވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލީމާ ކަމަށް ހަމަ އެ ގާނޫނުގައި އޮތެވެ.
އެ މައްސަލަ ހައްލުކުރަން މަޖިލީހުން ފަހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހުކޮށްފަ އެވެ. އިންތިހާބު ބާއްވަން އީސީން އެންމެ ފަހުން ދިން ތާރީހަކީ އޭޕްރިލް 10 އެވެ. އެހެން ނަމަވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ ހެދީ އެ ތާރީހަށް ނުބޭއްވޭނެ ކަމަށް އީސީން ފަހުން ބުންޏެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު އެކަން ސިފަކުރެއްވީ ހޯމް ވޯކް ނުހަދަން ބަހަނާ ދައްކާ ދަރިވަރަކު ދައްކާ ކަހަލަ ބަހަނާތަކެއްގެ ގޮތުގަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ އެ މަނިކުފާނުގެ ދަރިކަނބަލުން ހޯމް ވޯކް ނުހަދަންވީމާ ދައްކަވާ ކަހަލަ ވާހަކައެއް ކަމަށެވެ.
އީސީގެ މެމްބަރުން އިންތިޚާބާ ގުޅޭ ގޮތުން އެޗްޕީއޭގެ އިސް ބޭފުޅުންނާ މަޝްވަރާކުރަނީ. --ފޮޓޯ/އީސީ
"ބައެއް ދުވަސްދުވަހު ފަންސޫރަށް ވެފައި އިންނަ ގޮތެއް، އަނެއް ދުވަސްދުވަހު ގޮނޑިއަށް ވެފައި އިންނަ ގޮތެއް. ކޮޓަރިއަށް ވާ ގޮތެއް، ފުރާޅުމަތީގައިވާ ކަމެއް، ބޭރުގައިވާކަމެއް. މިހެން ގޮސް ކިތަންމެ ކަމެއް ކިޔައިދޭނެ. އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސް [ އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް ވެސް] އަދި ހުރިހާ ހޯމްވޯކް ހަދާ ކުދިންނަށް ވެސް މިހާރު އެއޮތީ ހޯމްވޯކް ދީފައި،" އިންތިހާބުގެ ތާރީހަކީ ހޯމްވޯކް ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިންތިހާބު އެ ތާރީހުގައި ބޭއްވުން ނޫން ގޮތެއް ދެން ނެތް ކަމަށާއި މަޖިލީހުން އެއަށް ބަދަލެއް ނުގެންނާނެ ކަަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގެ ތެރޭގަ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރެވޭނެ ގޮތްތަކަކަށް ބާރުއަޅައި އެޗްޕީއޭ އިން އޮތީ އިންތިޚާބު ބާއްވާނެ ގޮތް އީސީއަށް ކިޔައިދީފަ އެވެ. އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަކީ ނުވާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އޭޕްރީލް 10 ގައި އިންތިޚާބު ނުބޭއްވިދާނެ ގިނަ ސަބަބުތައް އެ ގައިޑްލައިނުން އޭނާ ދައްކަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބްލޯ
16 February 2021
އިންތިހާބު ފަސް ކުރެވޭނެތޯ ނުވަތަ ނޫންތޯ ނިންމަވަން ޖެހޭނީ ނަޝީދެއް ނޫން. އެކަން ނިންމާނީ ދިވެހި ރައްޔިތުން. ނަޝީދަކީ މައްޗަންގޮޅީ ދެކުނުން މަދު ވޯޓުތަކަކާއި އެކު އިންތިހާބުވެފައި ހުންނެވި މެންބަރެއް. މަޖިލީހުގެ އެހެން މެންބަރުންނެކޭ ނަޝީދެކޭ ތަފާތުވެގެން ނުވާނެ. ނަޝީދުގެ ބަހުރުވަ މިހާރު ތިހުރީ ހުދުމުހުތާރު ވެރިއެއްގެ ބަސްމަގު ހުންނާނެ ގޮތަށް.
އައްބެ
15 February 2021
ކްލާސް ޓީޗަރުގެ ނުފޫޒު ހާދަ ގަދައޭ. ކުލާހުގެ ހުރިހާކުދިން މަޝްވަރާކޮށްގެން ނިންމި ތާރީޚެއް ދެން އިތުރަށް ބަދަލުނުކުރެވޭނެކަމަށް ގަދައަޑުން ކްލާސް ޓިޗަރު ބުނުމަކީ ވަރަށް ޚުދުމުޚްތާރު ޢަމަލެއް. އެއީ ޑިކްޓޭޓަރުންގެ ސިފައެއް. ކްލާސް ޓީޗަރު އައްޔަންކުރީ ކްލާހު ކުދިންގެ ވޯޓުންކަން ހަދާންނެތުމަކީ ދެރަކަމެއް.
އޮނަރަބްލް އަފީފު ދީދީ
15 February 2021
ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ނިޒާމް މިހާރުއޮތްގޮތުން "އެއްކަލަ އެޓޯލްސް މިނިސްޓްރީއަށްވުރެން ހުތުރު މަންޒަރުތަކެއް" ފެނި އާލާގޮތް ވެދާނެ. # ކުދިކުދިރަށްރަށުގައި މިގޮތަށް ވޯޓްލުމުން ރަށުގެ އެއްބައިވަންތަކަމަށް އަދަރުކޮށް އާއިލީ ގުޅުން ކެޑިގެންދޭ. މިކަން ހައްލުވެގެންދާނީ އިދާރީ ޤާނޫނީ 3 ރީޖަނަކަށް ހިންގުމަށް ޤާނޫނަށް ބަދަލުގެނެސް
މައިރާއްޖެ
15 February 2021
ނަޝީދުބުނިހެން އިންތިޚާބު އެ ތާރީހުގައި ބާއްވާނެ. އެއަށްފަހު އެޗްޕީއޭ އިން ގައުމު ބޮޑު ލޮކްޑައުންއަކަށް ގެންދާނެ އިތުރު ކްލާސްޓަރތައް ފެނިއްޖެޔޭ ކިޔާފަ. މިއީ ވަރަށް ރޭވުންތެރިކަމާއެކު ފެތުރޭކޮވިޑެއް.
ހޯހޯސަލާމް
15 February 2021
އަހަރެމެން ދެން ވޯޓުލާނެ އިންތިޚާބެއް މިޤައުމަކު ނާންނާނެ! ވޯޓު ހޯދަންވީމާ ކޮންމެމީހަކުވެސް ވަރަށް ބާރަށް އަންނާނެ. ތިސިޔާސީ މީހުންގެ ގޮތް އެނގި ދަސްވެއްޖެ. ވަރަސް ސަލާމް
1828
15 February 2021
ބަދަލުކުރިޔަސް ނުކުރިޔަސް އިރާދަކުރެއްވިއްޔަ އެމްޑީޕީ މިފަހަރު ބޮޑުތަނުން ބަލިވާނެ. އެތަން ދެކޭ ހިތުން މިހުންނަނީ ކެތްމަދުވެފައި.
ގެދާނޯމޮސް
15 February 2021
ރާއްޖޭގައި ކޮވިޑް ސިޔާސީ ސަކަރާތް ހިންގާ ބޮޑުންނަށް ރަނގަޅު ރައްދެކެވެ.
ފާއިިރު
15 February 2021
ކަލޯ ވަރައް ހުތުރުކޮއް އިދިކޮޅުން ކާމިޔާބު ކުރާނެ. ތިޕާޓީ އަކީ އެއްވެސް ވައުދެއް ފުއްދޭ ބަޔެއްނޫން. އެޖެންޑާ 19 ޔޭ ކިޔާގެން ހޯޅިވާހަކަ ދެއްކީ. ރައްޔިތުން ގުބޯ ހެއްދީ. ހޯހޯ ދެނެއް ލާހިކެއްނޫން މަވެސް އެމްޑީޕީ މެމްބަރެއް އެކަމަކު ވަރައް ފޫހިމޭ ތިބޭފުޅުން ރައްޔިތުން ގުބޯ ހެއްދީމާ..
އޮނަރަބްލް އަފީފު ދީދީ
15 February 2021
އިއްޒަތްތެރި ރައީސް މިނިޒާމްގެތެރެއިން "އަހަރުމެންއުއްމީދުކުރި ބަދަލު ނުފެންނަނީ" އެތައްސަތޭކަ ކުދިކުދި ކައުންސިލް އެކުލަވާލާ އަތޮޅުތަކާއި ރަށްރަށާއި ސަރަޙައްދު ބައިބައިކޮށްލާފައިވާތީ. # މީކަންޢިސްލާޙުކޮށް އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށްހިންގުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެ ހިމަނައި)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ 3 ސަރަޙައްދު ތަކަށް ޤަވަރުނަރުން އިންތިޙާބު ކުރަން ފުރުސަތު ދެއްވާ.
މުޙައްމަދު ސަޢީދު.
15 February 2021
ޕީޕީއެމްގެ ވެރިކަމުގައި އިތުރު ދައުރެއް ލިބިއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާޙް ގެނެސް ރާއްޖޭގެ އިދާރީ ދާއިރާތަށް ފުރިހަމަ ބާރުވެރިކަމާއި އެކު ހިންގުމަށްޓަކާ ތިޔަ ބަދަލު ގެންނާން ނިންމާފައިވާކަން ޕީޕީއެމްގެ ލިޔެކިއުންތަކުން ފެންނާން ހުންނާނެ. އަދިވެސް އެކަން ކުރާނީ މި ޕަޓީ ވެރިކަމަށް އައިސް އަހަރުމެންކަން އުފަލާއި އެކު ބުނަން.
މޮޔަ އަޑްރޭ
15 February 2021
ވެރިކަން ލިބުނުނަމަ ކިޔާނީ އެހެން ލަވައެއް. އޭރު ވެރިކަމުގައި ހުރިމީހާ ބުނީ ލާމަރުކަޒީ ނިޒާމް ބޭނުމެއްނޫން ކަމަށް. ދެން އަމުދުން ޤަވަރު ނަރުން އިންތިޙާބުކޮށް އެމީހުންގެ އަތަށް ބާރުދޭން އޭނާ ބޭނުންވާނެތަ ؟ ހުވަފެނުގައިވެސް އެކަމެއް ނުކުރާނެ. ތިޔަ ބަދަލު ގެނައިނަމަ ގެންނާނީވެސް ހަމަ މި އެމްޑީޕީ.
ގުދުގުދާ ބެއްޔާ
15 February 2021
ތާރީޚް ބަދަލުކުރިޔަސް ނުކުރިޔަސް އަހަރުމެން މާލޭ މީހުންނަށް ހަމަހަމަވެގެންވޭ! ވޯޓް ލުމެއް ވޯޓް ދިނުމެއްނެތް! ނޯވޯޓް ނޯގޯތި