16 ފެބުރުއަރީ 2021 - 07:14
މިދިޔަ އަހަރު ގެނެސްދިން ވެބް ސީރީޒް "އާރިއާ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ބަތަލާ ސުޝްމިތާ ސެން، ޕްރޮޖެކްޓްތަކަށް އެއްބަސްވާ އަގު ބޮޑުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރި ނުވަ އެޕިސޯޑްގެ "އާރިއާ" ގެ ދެވަނަ ސީޒަނަކަށް އޭގެ ޓީމުން ތައްޔާރުވާ އިރު، ސުޝްމިތާ ވަނީ އެކްޓްކޮށްދޭ އަގު ކުރީގެ އަގަށް ވުރެ ބޮޑުތަން މައްޗަށް ޖައްސާލައިފަ އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް ހާމައެއްނުކުރެ އެވެ.
"އާރިއާ" އަކީ އެކްޓިންއާ ދުރުގައި ހުންނަތާ 10 ވަރަކަށް އަހަރު ފަހުން 1994 ގެ މިސް ޔުނިވާސް އެނބުރި އެކްޓިން ނުކުތް އުފެއްދުމެވެ. ރާމް މަދުވާނީ ޑައިރެކްޓްކުރި އެ ސީރީޒްގައި ސުޝްމިތާ ދެއްކި އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. ކްރައިމް ޑްރާމައެއްގެ ގޮތުގައި ގެނެސްދިން ސީރީޒްގައި އޭނާ ކުޅުނު ޓައިލްޓް ކެރެކްޓާ އަކީ އާއިލާ އަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރަން މަސައްކަތްކުރާ ހިތްވަރު ގަދަ އަންބެއް/މައެއްގެ ރޯލެވެ.
ރިޕޯޓްތައް ބުނާގޮތުން "އާރިއާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ. އަދި އޭގެ ބޮޑު ބައި ޝޫޓްކުރާނީ ޔޫއޭއީގަ އެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2016 ގެ ފިލްމު "ނީރްޖާ" ގެނެސްދިން މަދުވާނީގެ އަލަތު ވެބް ސީރީޒް "އާރިއާ" ގެ ކާސްޓްގައި ޗަންދުރަޗޫރް ސިންގް އާއި ސިކަންދަރު ކޭރް އާއި ނަމިތު ދާސް އަދި ވިކާސް ކުމާރު ފަދަ ތަރިން ހިމެނެ އެވެ.
މަދުވާނީ ދާދި ފަހުން ވަނީ ޒުވާން އެކްޓަރު ކާތިކް އާރިޔަނާ އެކު "ދަމާކާ" ކިޔާ ފިލްމެއްގެ ޝޫޓިން ނިންމާލައިފަ އެވެ.
އެކްޓިން އަށް އަލުން ނުކުތް ނަމަވެސް ސުޝްމިތާ، 45، ގެ އަތުގައި މި ވަގުތު އެއްވެސް ފީޗާ ފިލްމެއް ނެތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy