16 ފެބުރުއަރީ 2021 - 07:17
ކޮވިޑް-19 ގެ ވެކްސިނާއި އަދި ޖުމްލަކޮށް ވެކްސިނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ފަތުރާތީ، އެމެރިކާގެ ނުފޫޒު ގަދަ މީހެއް ކަމަށްވާ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އިންސްޓަގްރާމުން ބޭރުކޮށްލައިފި އެވެ.
އިންސްތަގްރާމް ހިންގާ ފޭސްބުކުން ބުނީ ކެނެޑީ ޖޫނިއާގެ އިންސްޓަ އެކައުންޓް ބްލޮކްކުރަން މަޖުބޫރުވީ ތަކުރާރުކޮށް ވެކްސިނާ ބެހޭ ގޮތުން އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރައި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާތީ ކަމަށެވެ.
"އަދި އެއީ އިންސްޓަގެ އުސޫލުތަކާ ވެސް ހިލާފު އަމަލެއް،" ފޭސްބުކުން ބުންޏެވެ.
ވެކްސިނާ ދެކޮޅު ކެމްޕޭންތައް ހިންގުމުގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ކެނެޑީ ޖޫނިއާ، 67، އަކީ އެމެރިކާގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ރޮބަޓް އެފް ކެޑެނީގެ ދަރިއެކެވެ. މިއީ އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީގެ އާއިލާގެ ބޭފުޅެކެވެ.
ސޯޝަލް މީޑިއާގައި ފަހަކަށް އައިސް ވެކްސިނާ ދެކޮޅު ކެމްޕޭންތައް ވަރަށް ގަދައަށް ހިންގާ ކެނެޑީ ޖޫނިއާ އަކީ ދަރިންނަށް ވެކްސިން ދިނުމަކީ މައިންބަފައިންނަށް މަޖުބޫރު ކަމެއްގެ ގޮތުގައި އޮތުމާ ދެކޮޅަށް ކޮންގްރެސްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ލޮބީ ވެސް ކޮށްފައިވާ މީހެކެވެ.
ވެކްސިނާ ދެކޮޅަށް ކެނެޑީ އިންސްޓަގްރާމްގައި ކެމްޕޭން ކުރަމުން ދަނިކޮށް އެއިން ބޭރުކޮށްލި ނަމަވެސް ފޮލޯވަރުން 300،000 އަށް ވުރެ ގިނަ ކެނެޑީގެ ފޭސްބުކް ޕޭޖަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެކަމަކު ވެކްސިނާ ދެކޮޅަށް ހުރި ކޮންޓެންޓްތަކެއް ޕޭޖުން ނަގާފައިވެ އެވެ.
"އޭނަގެ އެފްބީ ޕޭޖަށް ފިޔަވަޅެއް އަޅާކަށް އަދި ނިންމައިފައެއް ނެތް،" ފޭސްބުކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy