މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެކްސިން ޖެހުމަށް ފަހު.-- ފޮޓޯ: މާޒިޔާ
21 ފެބުރުއަރީ 2021 - 14:21
ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން، ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައި ނިންމާލައިފި އެވެ.
ފުރަަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖެހުން ކުރިއަށްދިޔައީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. ހުރިހާ ކްލަބެއް ވެކްސިން ޖަހައި ނިމުނީ އިއްޔެ އެވެ. ލީގުގެ ކުޅުން މިދިޔަ ޑިސެމްބަރު މަހު ފެށީ ފުރަތަމަ ޑިވިޝަނުގެ 223 ކުޅުންތެރިންނާއި 66 އޮފިޝަލުން ޕީސީއާރް ޓެސްޓް ހެދުމަށް ފަހު އެވެ. ވެކްސިންގެ ފުރަަތަމަ ޑޯޒު ޖެހި ކުޅުންތެރިންނާއި އޮފިޝަލުން އެ އަށް ވުރެން ގިނަވާނެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުންތެރިންނާއި އޮފިޝަލުން އަންނަނީ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބަމުން ކަމަށާއި ހުރިހާ ޓީމެއް ވެކްސިން ޖަހައި ނިމިފައިވާއިރު، މިހާރު އުއްމީދަކީ ވީ އެންމެ އަވަހަށް ލީގު ފަށަން ހުއްދަ ލިބުން ކަމަށެވެ.
Alhamdhulillahi
— Bassam Adeel Jaleel (@bassam_jaleeI) February 20, 2021
All the players and officials from the Premier League clubs have been vaccinated. They all are following every instruction by the authorities in order to resume the league.
“HOPING” the permits would be granted soon. #staysafe 🙏🏽 pic.twitter.com/QMaT1eUhwI
ބައްސާމް ކުރެއްވި ޓްވީޓް.
އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ. އެކަމަކު އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބެ އެވެ.
އެކަމަކު ސްޕޯޓްސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ އެކު އެފްއޭއެމުން ބޭއްވި މަޝްވަރާތަކަށް ފަހު ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައި ނިމުމުން ޕްރެކްޓިސް ފަށަން ހުއްދަދޭން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.
ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ޖެހިފައިވާތީ ކްލަބްތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައީސް މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ކްލަބްތަކުގެ ވެރިން އިސްނަގައިގެން ފުޓްބޯޅަ އަށް ދިމާވެފައިވާ ދަތި ހާލަތުގެ ސަބަބުން ހުރި ކަންބޮޑުވުންތައް ރައީސް އަށް ހިއްސާކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy