ދުނިޔޭގެ ކުޅިވަރު / ޔޫރޮޕާ ލީގް

ޔޫރޮޕާ ލީގު: ޔުނައިޓެޑާއި މިލާންގެ ކުރިމަތިލުމެއް

މިލާނަށް ލަނޑެއް ޖަހައިދިނުމަށް ފަހު އިބްރަހިމޮވިޗް އުފާފާޅުކުރަނީ: ޔޫރޮޕާ ލީގުގައި އިބްރަހިމޮވިޗް ކުރީގެ ޓީމު ޔުނައިޓެޑާ ދެކޮޅަށް ކުޅޭނެ.-- ފޮޓޯ: އޭއެފްޕީ

26 ފެބުރުއަރީ 2021 - 17:49

ނިޔޯން، ސްވިޒަލެންޑް (ފެބްރުއަރީ 26) - ޔޫރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ ޔޫރޮޕާ ލީގުގައި މިލާނާއި ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން މި ދެ ޓީމުން ގިނައިން ބައްދަލުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގަ އެވެ. މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ނަތީޖާ އަށް ބަލާއިރު، މިލާން ފަސް މެޗުން މޮޅުވެފައިވާއިރު، ޔުނައިޓެޑް ވެސް ވަނީ ފަސް މެޗުން މޮޅުވެފަ އެވެ.

މި ދެ ޓީމު އެންމެ ފަހުން ވާދަވެރި މެޗެއްގައި ބައްދަލުކޮށްފަައިވަނީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ. އެ ފަހަރު މުބާރާތުގެ ދެ ވަނަ ބުރުގައި ދެ މެޗުން ވެސް މޮޅުވީ ޔުނައިޓެޑް އެވެ. ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގަ އެވެ. މިލާން އޮތީ އިޓާލިއަން ލީގުގެ ދެ ވަނައިގަ އެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާނެ އެއް ކުޅުންތެރިއަކީ މިލާންގެ ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށެވެ. ޔުނައިޓެޑުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އިބްރަހިމޮވިޗް ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ޔޫރޮޕާ ލީގުގެ ތިން ވަނަ ބުރުގައި އާސެނަލް ކުޅޭނީ އޮލިމްޕިއާކޯސްއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ މުބާރާތުން އާސެނަލް ކެޓީ ދެ ވަނަ ބުރުގައި އޮލިމްޕިއާކޯސް އަތުންނެވެ. އޮލިމްޕިއާކޯސް ދަނޑުގައި އާސެނަލް 1-0 އިން މޮޅުވި އެވެ. އެކަމަކު އޮލިމްޕިއާކޯސް ވަނީ އާސެނަލް ދަނޑުގައި 2-1 އިން މޮޅުވެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އާސެނަލް މި ފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ޕޯޗުގަލްގެ ބެންފީކާ ކަޓުވާލުމަށް ފަހު އެވެ.

ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް ތިން ވަނަ ބުރުގައި ނުކުންނާނީ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބާ ދެކޮޅަށެވެ. ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ތަފާތު ފޯމެއްގައި އޮތް ސްކޮޓްލޭންޑްގެ ރޭންޖާސް ކުޅެން ޖެހޭނީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގާ ދެކޮޅަށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދައި 2017 ވަނަ އަަހަރުގެ ފައިނަލުގައި ކުޅުނު އަޔަކްސް ކުރިއަށް އޮތް މެޗުގައި ކުޅެން ޖެހޭނީ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ ދެކޮޅަށެވެ. ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް ބައްދަލުކުރާނީ އިޓަލީގެ ރޯމާއާ އެވެ. ޑިނަމޯ ކިއޭވް ކުޅޭނީ ސްޕެއިނުގެ ވިޔަރެއާލާ އެެވެ. އަދި ނަޕޯލީ ކަޓުވާލުމަށް ފަހު ތިން ވަނަ ބުރުން ފުރުސަތު ހޯދި ސްޕެއިނުގެ ގްރަނާޑާ ބައްދަލުކުރާނީ ނޯވޭގެ މޯލްޑްއާ އެވެ.

ގަދަ 16 ޓީމު ކުޅޭ ބުރުގެ މެޗުތައް އޮންނާނީ އަންނަ މަހު 11 އާއި 18 ވަނަ ދުވަހު އެވެ.

ގަދަ 16 ޓީމު ބުރުގެ މެޗުތައް

އޭސީ މިލާން - މެންޗެސްޓާ ޔުނައިޓެޑް

އާސެނަލް - އޮލިމްޕިއާކޯސް

ޑިނަމޯ ޒަގްރެބް - ޓޮޓެންހަމް

ސްލާވިއާ ޕްރާގް - ރޭންޖާސް

އަަޔަކްސް - ޔަންގް ބޯއީސް

ޑިނަމޯ ކިއޭވް - ވިޔަރެއާލް

ރޯމާ - ޝަހުތަރު ޑޮނެސްކް

ގްރަނާޑާ - މޯލްޑް

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 43%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454