މި ފަހަރު ފުރުސަތު ހުޅުވާލީ އާންމުންގެ ތެރެއިން 8 މީހަކަށް
ޔުޒާކޫ.
04 މާޗް 2021 - 07:21
ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުޒާކޫ މައެޒާވާއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން މިދިޔަ އަހަރު އިއުލާންކޮށް، ފަހުން އެކަން ކެންސަލް ކުރުމަށް ފަހު އޭނާ އަލުން އެކަމަށް އަންގާރަ ދުވަހު ފުރުސަތު ހުޅުވާލައިފި އެވެ.
"ޑިއާ މޫން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް މި ފަހަރު ފުރުސަތު ހުޅުވާލީ އާންމުންގެ ތެރެއިން އަށް މީހަކު އޭނާގެ ދަތުރުގައި ބައިވެރިކުރާ ގޮތަށެވެ. މިކަން ޔޫޓިއުބް ވީޑިއޯއެއްގައި ހިއްސާކޮށް 45 އަހަރުގެ ޔުޒާކޫ ބުނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް ސްޓާޝިޕްގައި އޭނާ ހަނދަށް ކުރާ ޕްރައިވެޓް ދަތުރުގައި 10-12 މީހުން ބައިވެރިވާނެ ކަމަށެވެ.
【発表】2023年に予定している月旅行に8名様をご招待します。本日より応募受付開始します!みんなで楽しい旅行にしましょう🚀🌍🌕 #dearMoonhttps://t.co/xBtOyJMIUh
— 前澤友作┃月旅行に8名ご招待 (@yousuck2020) March 2, 2021
"އެކަމަކު ސީދާ އަހަރެންގެ ފަރާތުން ފުރުސަތު މި ދެނީ އަށް މީހަކަށް. ބޭނުމަކީ އެކި ދާއިރާތަކުގެ މީހުންނަށް މި ދަތުރުގެ ތެރެއިން ފުރުސަތު ދިނުން." ޔުޒާކާ ބުންޏެވެ.
މި ލިންކުން https://dearmoon.earth/pre-reg.html މިކަމަށް އެޕްލައިކުރެވޭނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތްވާ މީހަކަށް ވެސް އެޕްލައިކުރެވޭނެ އެވެ.
"ސްޓާޝިޕް" ގައި ކުރާ ދަތުރު ތާވަލުކޮށްފައި އޮތީ 2023 އަށެވެ.
ޔުޒާކޫއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ހުޅުވާލުމުން 30،000 ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލި އެވެ. އަދި އެކަން ކެންސަލް ކުރިކަން އޭނާ އިއުލާންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ގަ އެވެ.
ޖަޕާނުގެ އެންމެ ބޮޑު އޮންލައިން ފެޝަން ރިޓެއިލް ކުންފުނި ޒޯޒޯގެ ވެރިތާ ޔުޒާކޫގެ މިލްކިއްޔާތު 2 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާ އަކީ ޖަޕާނުގައި 22 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ.
ޔުޒާކޫ އަކީ ސްޕޭސް އެކްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ ސްޕޭސް ޓޫރިޒަމްގެ ދަތުރަށް އެންމެ ފުރަތަމަ ފައިސާ ދެއްކި މީހާ އެވެ. އެއީ މީގެ ދެ އަހަރު ކުރިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy