އިޓަލީ އަކީ އީޔޫ އިން ބޭރަށް ވެކްސިން އެކްސްޕޯޓް ހުއްޓުވި ފުރަތަމަ ގައުމު. --ފޮޓޯ:ގެޓީ އިމޭޖަސް
05 މާޗް 2021 - 11:44
ރޯމް (މާޗް 5) - އޮސްޓްރޭލިއާ އަށް ފޮނުވާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓެއް އިޓަލީ ސަރުކާރުން ހުއްޓުވައިފި އެވެ.
އިޓަލީން ހުއްޓުވާފައި ވަނީ އެ ގައުމުގައި ހުންނަ އެސްޓްރަޒެނެކާ ޕްލާންޓުން އުފެއްދި 250،000 ޑޯޒުގެ ވެކްސިނެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެސްޓްރަޒެނެކާއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމުގައިވާ އަދަދަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ފޯރުކޮށް ނުދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އީޔޫއިން ތުހުމަތު ކުރަނީ އެ ޖަމާއަތާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ އެސްޓްރަޒެނެކާ އިން ޔޫރަޕުން ބޭރު ގައުމުތަކަށް ވެކްސިން ފޮނުވަނީ ކަމަށެވެ. އެހެންވެ ޔޫރަޕުގެ އެއްވެސް ގައުމެއްގައި އުފައްދާ އެސްޓްރަޒެނެކާ ވެކްސިން ޔޫރަޕުން ބޭރަށް އެކްސްޕޯޓް ނުކުރަން އީޔޫއިން ވަނީ ނިންމައިފަ އެވެ. އިޓަލީ އަކީ އެ ނިންމުމަށް އަމަލު ކުރި ފުރަތަމަ ގައުމެވެ.
އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ އަހަރުގެ ފުރަތަމަ ތިން މަހު ޔޫރަޕުގެ ގައުމުތަކަށް ސަޕްލައި ކުރެވޭނީ އެއްބަސްވި އަދަދުގެ 40 ޕަސެންޓް ކަމަށެވެ. އެ ގޮތަށް ދިމާވީ ޔޫރަޕުގައި ހުރި ވެކްސިން އުފައްދާ ޕްލާންޓްތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.
އީޔޫ އާއި އެސްޓްރަޒެނެކާއާ ދެމެދު އޮގަސްޓް މަހު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން 300 މިލިއަން ޑޯޒް ފޯރުކޮށްދޭނެ ޖެހެ އެވެ. އަދި އިތުރު 100 މިލިއަންގެ އޮޕްޝަނެއް ވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މާޗު މަހުގެ ނިޔަލަށް 100 މިލިއަން ޑޯޒް އީޔޫ އަށް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ލަފާކުރާ ގޮތުން ލިބޭނީ 40 މިލިއަން ޑޯޒެވެ.
ވެކްސިން ފޯރުކޮށްދޭލެއް ލަސްވުމުން، އިޓަލީގެ ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ ޖެނުއަރީ މަހު ވަނީ އެސްޓްރަޒެނެކާ އަށް ފާޑުވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ފައިޒާ ވެކްސިނެވެ. އެސްޓްރަޒެނެކާ ވެކްސިން ދޭން ފަށަން ނިންމާފައި ވަނީ ހުކުރު ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
06 March 2021
އަހަރުމެން މިއީ ކިހައި ނަސީބް ރަގަނޅު ބަޔެއްކަން މިފަދަ ޚަބަރުތަށް ޚިޔާލުމުން އެނގިގެންދެއެވެ. އެކަމަކު އަދިވެސް ސިޔާސީ އޮއިވަރުގައި ޖެހިގެން ބައެއްމީހުން ވެކްސިން ނުޖަހައި ގޮތްދޫނުކޮށް އެބަތިއްބެވެ، ވިސްނާލަން ޖެހޭކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަށް ވެކްސިން ނުލިބެން މިތިބަ ތަޅައިފޮޅަނީއެވެ، ޔާ ﷲ އަޅަމެން މިބަލިމަޑުކަމުން ސަލާމަތް ކޮއްދެއްވާދޭއެވެ.
އަފުރާސިޔާބު
05 March 2021
އެސްޓްރަޒެނެކާ ވެކްސިން ތިވާގޮތުން ރާއްޖެއަށް ނުލިބޭނެތާ. ޔޫރަޕުން އެއެތިކޮޅުވެސް ދަމައިގަންނާނެބާ؟ މައްސަލައެއްނެތް ނުދިނަސް. ޗައިނާއާއި އިންޑިއާ އިން މިލިއަނެއްހޭ ޑޯޒް މިތަނަށް ލިބިދާނެ.
ގަމީރު
06 March 2021
ރާއްޖޭގައިވެސް ޖަހަނީ ހަމަ އެސްޓްރަޒެނެކާ... ތަފާތަކީ އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާތީ
ޕްރޮޕގެންޑާ
05 March 2021
މީހުން މި ވެކްސިން ނުލިބިގެން ތެޅި ފޮޅެނީ އޭ މި ދިވެހިން މީ ޝުކުރު ކުރަންވެސް ދަންނަ ބައެއްް ނޫނޭ.. ދޯ މިހާރޫ!