ޕްރަބާސް.
13 މާޗް 2021 - 09:37
"ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް އަށް ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ޑައިރެކްޓަރު ސިދާތު އާނަންދު ހުށަހަޅާފައިވާ ކަމަށް ދާދި ފަހުން އަޑުއަރާފައި ވަނިކޮށް، އެ ފިލްމަކީ އޭނާގެ "ވޯ" ގެ ސީކްއެލް ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފާ އެކު 2019 ގައި ސިދާތު ގެނެސްދިން ކާމިޔާބު އެކްޝަން ފިލްމު "ވޯ" ގެ ސީކްއެލް އިން ޕްރަބާސް އަށް ހުށަހަޅާފައި ވަނީ ފިލްމުގެ މައި ވިލަންގެ ރޯލެވެ. އަދި އެއީ ވަރަށް ވަރުގަދަ އަދި އެހާމެ ސްޓައިލިޝް ކެރެކްޓާއެއް ކަމަށް ބުންޏެވެ.
ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިދާތު ހުށަހެޅި ރޯލު ޕްރަބާސް އަށް ވަރަށް ކަމުގޮސްފައިވާތީ، ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ގެނެސްދިނުމުން އޭނާ ހުރީ ފިލްމަށް އެއްބަސްވާން ތައްޔާރަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އެ ދެ މީހުން މިދިޔަ އަހަރުގެ ފަހުކޮޅު އެކި ފަހަރުމަތިން ހައިދަރުއާބާދުގައި ބައްދަލު ވެސްކޮށްފައިވެ އެވެ.
ކޮންމެއަކަސް "ވޯ" ގެ ސީކްއެލް އަށް ޕްރަބާސް އައުން ވާނީ ފިލްމަށް އިތުރަށް ވަރުގަދަވެ، އެ ފިލްމަށް ބެލުންތެރިން މާ ބޮޑަށް އިންތިޒާރުކުރާނެ އިތުރު ސަބަބަކަށެވެ. ނަމަވެސް ސީކްއެލް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.
ސިދާތު މި ވަގުތު އަންނަނީ ޝާހްރުކް ޚާނާ އެކު އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ "ޕަތާން" ގެ މަސައްކަތްކުރަމުންނެވެ. އަދި އެ ފިލްމު ނިންމާފައި އޭނާ ދެން ވަގުތު ދޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ފައިޓާ" އަށެވެ. އެ ފިލްމުގެ ތަރިންނަކީ ރިތިކާއި ދީޕިކާ ޕަދްކޯނެވެ.
އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން "ވޯ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭތި ފްރެންޗައިޒަކަށް ހަދަން އޮތީ ނިންމައިފަ އެވެ. އެގޮތުން އެ ފިލްމުގެ މައިގަނޑު ދެ ތަރިން ކަމަށްވާ ރިތިކާއި ޓައިގާ ފްރެންޗައިޒްގައި ހިމެނޭނެ އެވެ.
ޕްރަބާސް ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "އަދިޕުރުޝް" އާއި "ސަލާރު" އަދި ދީޕިކާ ޕަދްކޯން އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ ނަން އިއުލާން ނުކުރާ ސައިންސް ފިކްޝަނެއް ފިލްމެއް ހިމެނެ އެވެ. ދެހާސް ނަވާރައިގެ "ސާހޯ" ގެ ބަތަލުގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 30 ގައި ރިލީޒްކުރާ "ރާދޭ ޝާމް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy