އިންޓަގްރޭޓަޑް ނޭޝަނަލް ފެރީ ނެޓްވޯކްގެ ހިދުމަތް ހއ. ހދ. އަދި ށ. އަތޮޅުގައި ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހު. އަންނަ އަހަރު އިތުރު ތިން ސަރަހައްދެއްގައި ފަށާނެ.
ފެރީ ނިޒާމްއާ ބެހޭ މައުލޫމާތު ދިނުމަށް ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--ފޮޓޯ: އަލީ ނިޝަން/މިހާރު
17 މާޗް 2021 - 15:13
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ރަނގަޅު ކުރުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކޮށްފައިވާ މަސައްކަތުން ތަޖުރިބާ ލިބިގަނެ، މި ފަހަރު އެ ނިޒާމް ކާމިޔާބު ކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖެ ފެރީ ނިޒާމުން ގުޅައިލުމަށް ހާއްސަކޮށް، ބޮޑު މަޝްރޫއެއް ފުރަތަމަ ފެއްޓެވީ ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.
މި އަހަރު ޖެނުއަރީ މަހު ތެރޭގައި ސަރުކާރުން ވަނީ އިންޓަގްރޭޓަޑް ނޭޝަނަލް ފެރީ ނެޓްވޯކްގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް އާންމު ކުރުމަށް ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ޕްލޭނިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ކުރަން ފެށި މަސައްކަތާ އަޅާބަލާއިރު، މިފަ ހަރު ހުރި އެންމެ ބޮޑު ތަފާތަކީ އުޅަނދު ފަހަރު ކަމަށެވެ. ކުރިން އެ ދަތުރުތައް ކުރީ ދޯނިތަކުގައި ކަމަށާއި ނަމަވެސް މި ފަހަރު ރަނގަޅު ފެންވަރުގެ ފެރީގެ ހިދުމަތް ދިނުމަށް ހާއްސަ އުޅަނދުތަކެއް ބަންނަން ނިންމާފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ފެރީ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކުރިން ގެންގުޅުނީ ކްރޮސް ސަބްސިޒައިޒް ކުރާ މޮޑެލްއެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އެއީ ހިދުމަތް ދޭ ފަރާތައް ވިޔަފާރި ކުރާނެ އެހެން ފުރުސަތެއް ދިނުމަށް ފަހު، އެ ވިޔަފާރީގެ ތެރެއިން ލިބޭ އާމްދަނީން ދަތުރުފަތުރުގެ ހިދުމަތަށް ގެއްލުންވާ މިންވަރުން ސަބްސިޑައިޒް ކުރުމެވެ.
ނަމަވެސް އަސްލަމް ވިދާޅުވިގޮތުގައި، ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަބްސިޑީޒް ދޭނެ އެވެ. އެކަން ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހިދުމަތް ޕްރައިވެޓައިޒް ކުރާނީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ވަރަށް ފެރީ ނިޒާމް ތަރައްގީވުމުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް 2008 ވަނަ އަހަރު ފުރަތަމަ ވެސް މަސައްކަތް ކުރީ ޕްރައިވަޓައިޒް ކުރުމަށް ކަމަށާއި މިފަހަރު އެ ހިދުމަތް ވާނީ ސަރުކާރު ބަޖެޓުން ހިންގާ ޕަބްލިކް ނިޒާމެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ބަލަނީ ހަތް އަހަރާއި 10 އަހަރާ ދޭތެރޭގެ މުއްދަތެއް ނަގާނެ ކަމަށް [ފެރީ ހިދުމަތް] ސެލްފް ސަސްޓެއިންވާން
އެ މަސައްކަތް މިހާރު އޮތް ހިސާބަށް އަލިއަޅުވާލައި، އަސްލަމް ވިދާޅުވީ ހިދުމަތް ދިނުމަށް ބޭނުންވާ އުޅަނދުފަހަރު ބަނދެ، އެ އުޅަނދު ފަހަރުތައް ދުއްވަން ސީ ޓްރައިލްއެއް ބާއްވައި މި އަހަރު ފަހުކޮޅު އެ ހިދުމަތް ހއ. ހދ. އަދި ށ. އަތޮޅުގައި ދިނުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އަހަރުގެ މެދު ތެރޭގައި ސީޓްރައިލެއް ހިންގާފައި، އަހަރު ނިމެންވާއިރަށް ނޮވެމްބަރު މަސް ތެރޭގައި ހިދުމަތް ދިނުން،" އަސްލަމް ވިދާޅުވި އެވެ.
ރަށު ފެރީ ނިޒާމް އެޅުމަށްޓަކައި ކޮންމެ ރަށެއްގައި ފެރީ ޓާމިނަލް އަޅަން ޖެހޭ ކަމަށާއި އެކަމަށް ކޮންސެޕްޓް ޑިޒައިނެއް ހަދައި، އަގު ވެސް ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އުޅަނދުފަހަރު ބަނުމަށްޓަކައި އެމްޓީސީސީން ޓެންޑަރިން ޕްރޮސެސްއެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ތިން އަތޮޅުގެ ހިދުމަތް ދިނުމަށް ޖުމުލަ 17 އުޅަނދެއް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެ މަސައްކަތް މިއަދު ނޫނީ މާދަމާ ބަޔަކަށް އެވޯޑު ކުރާނެ އެވެ.
ހަ ޒޯނަކަށް ބަހައިލައިގެން މި މަޝްރޫއު ކުރިޔަށް ގެންދާއިރު ފުރަތަމަ ޒޯނުގައި ހިމެނޭ ތިން އަތޮޅުގައި މި މަސައްކަތް ކުރުމަށް 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަންނަ އަހަރު އިތުރު ތިން ޒޯނެއްގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނެ ކަމަށާއި 2023 ވަނަ އަހަރުގެ ކުރިން ފެރީ ނިޒާމް މުޅި ރާއްޖޭގައި ގާއިމް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެރީގެ ހިދުމަތުގެ އަގާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ކުރިޔަށް ދާތީ އެ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އެކަމަކު، މިހާރު ހުރި ސްޕީޑް ފެރީތަކުން ނަގާ އަގަށް ވުރެ ހެޔޮ ވާނެ ކަމަށާއި ނަމަވެސް ސްލޯ ފެރީތަކުގެ އަގަށް ވުރެ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
18 March 2021
ދޮންބިލެއް ކައިރި އަހާލަބަލަ ފެރީ ކޮބާތޯ އަދި ރިސޯޓް ހަދަން ދިން 2 ރަށް ކޮބާތޯ!!!
އިބްރ
17 March 2021
ބަޓް ނޯވޯޓް ފޯ އެމްޑީޕީ. އިންޑިއާއަށް ގައުމު ވިއްކާލައިފި.
އޮނަރަބްލް އަފީފު ދީދީ
17 March 2021
އޭރަކުހުންނަ ވަޒީރުބޭނުންވާގޮތަށް މިފަދަކަންކަން ތައާރަފުނުކޮށް ޤއ އަށް އިސްލާޙްގެނެސް ޤއ ގައި ބުނެއަމުރުކޮށްފައިވާގޮތަށް "ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްޓަކާ" އިދާރީ ޤާނޫނީ 3 ރީޖަނަކަށް ނުވަތަ ޕްރޮވިންސްތަކަކަށް ރާއްޖެ ބަހާލަންޖެހޭ. # މިގޮތުން ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެއާއި އެކު) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ކަމުގައިކަޑައަޅާ މަޖިލީހުގެގޮނޑިވެސް 3 ރީޖަނުގެމައްޗަށް ހަމަހަމައަށް ބަހާލަންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
17 March 2021
ޤާނޫނުއަސާސީގައިބުނެ ލާޒިމްކޮށްފައިވާގޮތަށް "ލާމަރުކަޒީ އުސޫލުން ރާއްޖެހިންގުމަށްޓަކާ" އިދާރީ ޤާނޫނީގޮތުން ރާއްޖެ ބަހާލާނީ 3 ރީޖަނަކަށްތޯ ނުވަތަ 5 ރީޖަނަކަށްތޯ ނުވަތަ "ލާމަރުކަޒީގެނަމުގައި" މިހާރުވެސް ހިންގާގޮތަށް ކ.އަތޮޅު މާލެއަށް ދައުލަތުގެ ހުރިހާ ބާރުތަކެއް ޖަމާކޮށް ސެންޓްރްލައިޒް ކޮށްގެންތޯ ސާފުކޮށް ނިންމާންވެއްޖެ. # މިހެން ބުނާން ޖެހުނީ އެމްޑީޕީގެ މެނިފެސްޓޯއާއި ސޯލިޙްގެ ވައުދު ނާމާއާއި މުޅިން އިދިކީލަ ވާހަކަ މާތޮޑާ އަސްލަމް ދައްކާތީ.
އޮނަރަބްލް އަފީފު ދީދީ
17 March 2021
ހަރުދަނާ ރޭވުންތެރިކަމެއް ރައްޔިތުނަށާއި ދައުލަތަށް އޭގެ ޙަޤީގީ މަންފާ ނުލިބޭގޮތަށް "ދައުލަތުގެ ތިޖޫރީގައި ލޯވަޅު އަޅައި" ތިމާމެން ހިތްރުހޭ ބަޔަކަށް "ސަބްސިޑައިޒް ކުރުމުގެ ނަމުގައި" ފައިސާ ނުދެވޭނެ ހަރުދަނާ ނިޒާމް ތަކެއްހެދުމަށް ދައުލަތުގެ ބަންޑާރަ ނައިބާއި އޮޑިޓަރ ޖެނެރަލް ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާރ އަށާއި ފިނޭންސް މިނިސްޓަރަށް އަންގާންވެއްޖެ ނޫންތޯ.
އިބިރިހިންބެއްޔާ
17 March 2021
ޓްރާންސްޕޯޓް. އަސްލަމް އަށް މާނަވެސް ނޭގެނީތަ؟ ނޫނީ އަދިވެސް ހީވަނީތޯ މިއީ 2009 ވަނައަހަރޭ.
ލުތުފީ
17 March 2021
މިއީ ރާއްޖޭގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. ދަތުރުފަތުރުގެ ނިޒާމަކީ ރަށުބަންދުންފިލުވުން. ފަހަރެއްގައި މިކަމުގެ މުހިންމުކަން ނޭގޭ ބަޔަކު ތިބެދާނެ. 1999 ވަނައަހަރު ހުވަދުއަތޮޅުގެ އެއްފަރާތުން އަނެއްފަރާތަށް ދަތުރެއް ކުރަން ކުޑަ ލޯންޗެއް ހިފަން 6000ރ ޚަރަދުކުރަންޖެހުނު. އެނޫން އެހެން އެއްވެސް ގޮތެއް އެދުވަހު ނެތް. މިއަދު މިދަނީ ބޮލަކަށް 50ރ ދީގެން.
ރާއްޖެ
17 March 2021
ކޮބާ ހޭ ދޮންބިލަތް ހަލީމު އާއި ހަވާލު ކުރި ފެރީ ޚިދުމަތް. ޚިދުމަތް ނުދޭތާ ފަޅުރަށް ހޯދައިގެން ރިސޯޓް ހަދާ މަހުޖަނަކަށް ވެއްޖެ.
އަލީ
17 March 2021
ވޯޓައް ދެއްތޯ.ނޯ ވޯޓް