ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތާއި މިނީ ބަހުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ މުއައްސަސާތަކާ އެކު ކެބިނެޓުން މިއަދު މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގައިވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޒޯން އެކެއްގެ މަސައްކަތް ސަރުކާރުން އެއްކޮށް ނިންމާލުމާއި، މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ކެބިނެޓުގެ ވަޒީރުންނާއި ރައީސްގެ އޮފީހުގެ އިސްވެރިންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިން މިއަދު މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
އެ ހިދުމަތް ދޭ ކުންފުނި އެމްޓީސީސީގެ އިސްވެރިންނާ ވެސް އެކުގައި އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ހާއްސަ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅި ކަމަށާއި އެ ޕްރެޒެންޓޭޝަންތައް ބިނާކޮށްފައި ވަނީ އާރްޓީއެލް ފެރީގެ ހިދުމަތާއި މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާރްޓީއެލް ފެރީގެ ހިދުމަތްދޭ ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގައި އެ ހިދުމަތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދާކަން ފާހަގަކޮށް، އެ މި ހިދުމަތުގެ ދެވަނަ އަދި ތިންވަނަ ޒޯންގެ މަސައްކަތްތައް ތަންފީޒުކުރާނެ ގޮތުގެ އިތުރު މައުލޫމާތު ވެސް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށީ މިދިޔަ ޖޫން މަހު އެވެ. މިހާރު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ. އަތޮޅުގައި އެ ހިދުމަތް އަންނަނީ ދެމުންނެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ އިއްޔެ އެވެ. މާލެ އާއި ބޮޑެތި ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 36 ބަސް ގެނެސްފައިވެ އެވެ. މާލޭގެ އިތުރު އެ ހިދުމަތް ފަށާފައި ވަނީ އައްޑު އާއި ފުވައްމުލަކު އަދި ލ. އަތޮޅުގަ އެވެ.