ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސޯބެ އަށް މަގާމުގެ ލިޔުން ހަވާލުކޮށް މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.
ސޯބެ ވަނީ 2011 ވަނަ އަހަރު ފެށިގެން، ލޯކަލް ކައުންސިލްގެ މިދިޔަ ތިން ދައުރުގައި އައްޑޫގެ މޭޔަރުކަން ކުރައްވައިފަ އެވެ.
ސޯބެ އަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ހާސިލު ކުރައްވާފައިވާ އަދި އައްޑޫގައި މަގުބޫލު ކެމިސްޓްރީ ޓީޗަރެކެވެ. އޭނާ ވަނީ ކުރީގެ ސަދަން ސެކަންޑަރީ ސްކޫލު ނުވަތަ މިހާރުގެ މުހިއްބުއްދީން ސްކޫލުގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.