މީހަކު ފޯނު ބޭނުންކުރަނީ.
19 މާޗް 2021 - 09:06
ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭ މިންވަރަށް ބަލާއިރު މިހާރު އެންމެ "ނުރައްކާތެރި" ހާލަތުގައި އޮތް އެޕަކީ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު އެއް އެޕް ކަމަށްވާ އިންސްޓަގްރާމް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެޕަލް އެޕް ޕްރައިވެސީ ލޭބަލް ތައާރަފުކުރި ފަހުން، އެޕްތަކުގެ ރައްކާތެރިކަން ހުރީ ކިހާ ވަރަކަށްތޯ ބެލުމަށް ކްލައުޑް ސްޓޯރޭޖް ފޭމް ޕީކްލައުޑް އިން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި އިންސްޓަގްރާމަކީ އެ ބޭނުންކުރާ މީހުންގެ 79 ޕަސެންޓް ޑޭޓާ ނަގާ ބައެކެވެ. އަދި އެގޮތަށް ނަގާ މައުލޫމާތު ތިން ވަނަ ފަރާތަކާ ހިއްސާކުރާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ސާޗް ހިސްޓްރީ އާއި ލޮކޭޝަނާއި ކޮންޓެކްޓްސްގެ އިތުރުން މާލީ މައުލޫމާތު ވެސް ހިމެނެ އެވެ.
"ހަގީގަތުގައި އެފަދަ ޒާތީ މައުލޫމާތުތައް ނަގައިގެން އިންސްޓަގްރާމުން މަސައްކަތްކުރަނީ އަމިއްލަ ފައިދާ އާއި މަސްލަހަތަށް،" ޕީކްލައުޑްގެ ޑިޖިޓަލް މެނޭޖަރު އިވާން ޑިމިޓްރޯވް ވިދާޅުވި އެވެ. "އޭގެ މާނަ އަކީ އެފަދަ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ވިއްކާލައިގެން ފައިދާތަކެއް ހޯދުމުގެ ފުރުސަތު ވަރަށް ވެސް ބޮޑޭ."
އޭނާ ވިދާޅުވި ގޮތުގައި އިންސްޓަގްރާމް ބޭނުންކުރާ ބިލިއަނަކަށް ވުރެ ގިނަ މީހުން ތިބި އިރު، އެ މީސްމީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ބިރު އޮތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"އެހެންވީމާ ސިފަކުރެވިދާނެ އިންސްޓަގްރާމަކީ އެ ބޭނުންކުރާ މީހުންގެ ޑޭޓާ [ސިއްރު ފަރާތްތަކަކާ] ހިއްސާކުރާ މައި ހަބެއްގެ ގޮތުގައި،" އިވާން ވިދާޅުވ އެވެ.
ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފާނެކަމުގެ ނުރައްކާ ދެވަނަ އަށް އެންމެ ބޮޑު ކަމަށް ދައްކަނީ އިންސްޓަގްރާމްގެ މައި ކުންފުނި ފޭސްބުކެވެ. ދާދި ފަހުން ފެންމަތިވި އެއް މައްސަލަ އަކީ އޭގެ ދަށުން ހިންގާ ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ފޭސްބުކާ ހިއްސާކުރަން ޖެހޭ ގޮތަށް އުސޫލުތަކެއް އެކުލަވާލުމެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހެދި އުސޫލަށް އަމަލުކުރުން ފަސްކޮށްފައިވެ އެވެ.
ޕީކްލައުޑުން ބުނިގޮތުގައި ފޭސްބުކަކީ އެ ބޭނުންކުރާ މީހުންގެ 75 ޕަސެންޓް ޑޭޓާ ތިން ވަނަ ފަރާތަކާ ހިއްސާކުރާ އެއްޗެކެވެ. އޭގެ ތެރޭގައި ފޭސްބުކާ ގުޅިފައި ހުންނަ ކުންފުނިތައް ހިމެނެ އެވެ.
"ނުރައްކާ" ލިސްޓްގައި އިތުރަށް ހިމެނޭ އެޕްތަކުގެ ތެރޭގައި އޫބާ އީޓްސް، ޑެލިވަރޫ، ލިންކްޑްއިން، ޓްރެއިންލައިން، ޔޫޓިއުބް، ޑުއޮލިންގޯ އަދި އީބޭ ވެސް ހިމެނެ އެވެ.
ނަމަވެސް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެއްކޮށް އޭގެ ނާޖާއީޒު ބޭނުން ނުހިފާ ކަމަށް ގަބޫލުކުރެވޭ އެޕްތަކުގެ ތެރޭގައި ޖަސްޓް އީޓް އާއި މައި މެކްޑޮނަލްޑްސް ހިމެނެ އެވެ. ހަމަ މިއާ އެކު ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އެޕްތަކުގެ ތެރޭގައި ޓެލެގްރާމް، ސިގްނަލް، ނެޓްފްލިކްސް އަދި ބީބީސީ އައިޕްލެޔާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
19 March 2021
ފޭސްބުކް ދޫކޮއްލިތާ ދެއަހަރަށްވުރެ ގިނަވެދާނެ. އިނިސްޓެގްރާމް ބޭނުންކުރަނީ އަމިއްލަ އެއްޗެއް ހިއްސާކުރާކަށްނޫން އެހެންމީހުންގެ ޕޯސްޓްތައް ބަލަން. ވަޓްސް އެޕް ވައިބަރ ބޭނުންކުރަނީ ފޯންކުރަން. ބައެއްކަހަލަ ލިޔުންތައް ފޮނުވަންޖެހޭ. ގިނަމީހުން މި ދެ އެޕުން ފޮނުވަނީ މަބުނަން ޑޮކްތައް ފޮނުވަން އީމެއިލް ބޭނުންކުރާށޭ. ސްމާރޓް ފޯނަކީވެސް ތިކަހަލަ ނުރައްކާ އޮންނަ އެއްޗެއް. ކޮމްޕްގަވެސް ނުބަހައްޓަން. ހާޑްތަކުގަ ސޭވްކުރަނީ. ހުސް ވަގުންކަން ދަނެގެން އުޅޭ.