ޒަރޫރީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު، ފުރަތަމަ ޑޯޒް ޖެހިފަހުން 12 ހަފްތާ ހަމަވާ އިރު އަނބުރާ ނާދެވޭ ފަރާތްތަކަށް ދެވަނަ ޑޯޒް ޖަހަން މާދަމާ ފަށަން ނިންމައިފި.
ވެކްސިން ޖަހަން ކިޔުގައި މަޑުކޮށްގެން ތިބި ބަޔަކު، މަގުމަތީގައި އިށީނދެގެން: މާދަމާ ދެވަނަ ޑޯޒް ޖަހަން ފަށާނީ ބޭރަށް ކިޔަވަންދާ ދަރިވަރުންނާއި ބޭސްފަރުވާއަށްދާ މީހުންނަށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 މާޗް 2021 - 23:12
ކިޔަވަން ބޭރަށްދާ ދަރިވަރުންނާއި ބޭސްފަރުވާ އަށް ބޭރަށްދާ މީހުންނަށް، މާދަމާ އިން ފެށިގެން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ނިންމައިފި އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އެޕޮއިންޓްމަންޓް ދޫކޮށްގެން ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހެދޭނީ 1677 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެވަނަ ޑޯޒް ޖަހައިދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ކަމަށެވެ. ނަމަވެސް ފުރަތަމަ ޑޯޒް ޖަހާތާ 12 ހަފްތާ ވާންވާ އިރަށް، ރާާއްޖެއަށް އަނބުރާ ނާދެވޭނެ މީހުންނަށް ދެ ވަނަ ޑޯޒް ޖަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެކްސިން ޖަހަންދާ އިރު، ވެކްސިން ކާޑާއި އައިޑީކާޑު ނުވަތަ ޕާސްޕޯޓު އަދި ފުރާކަމުގެ ލިޔުމެއް ގެންދަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ދިގު މުއްދަތަކަށް ބޭސްކުރާ ނަމަ، ބޭނުންކުރާ ބޭހުގެ ތަފްސީލު ގެންދަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
"ބޭސް ފަރުވާއަށް ދާ ނަމަ، އެކަމާ ގުޅޭ ލިޔުމެއް. ތައުލީމް ހާސިލްކުރަންދާ މީހެއް ނަމަ ޔުނިވާސިޓީގައި އެންރޯލްވެފައިވާ ކަމުގެ ލިޔުމެއް [ގެންނަން ޖެހޭނެ]،" ނާސިރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ވެކްސިން ޖަހަމުން އައީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިިޝީލްޑް ވެކްސިނެވެ. އެހެންވެ، މާދަމާ ދެވަނަ ޑޯޒް ޖަހަން ބޭނުންކުރާނީ ވެސް ހަމަ އެ ވެކްސިނެވެ.
ނަމަވެސް ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ސިނޮފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ އިން ފެށިގެން ޖަހާނެ އެވެ. މިހާތަނަށް 218،912 މީހުންނަށް ރާއްޖޭގައި ވެކްސިން ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާން
22 March 2021
ބޭސްފަރުވާއަށާއި، ކިޔެވުމަށް ތަންތަނަށް ދާންޖެހިފައިތިބޭމީހުނަށް ދެވަނަޑޯޒްދެވޭއިރު، ޒަރޫރީބޭނުންތަކަށް ރާއްޖެތެރެއަށް ދާންބޭނުންފަރާތްތަކަށްވެސް މިފުރުސަތު ނުދޭންވީނު!