އެގްޒިމް ބޭންކުން އިއުލާނުކޮށްފައިވަނީ މި މަސައްކަތް ކޮށްދޭނެ އިންޑިއާ ކުންފުންޏެއް ހޯދަން
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް
23 މާޗް 2021 - 21:21
ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ގޮތަށް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނެ ބަޔަކު ހޯދަން އިންޑިއާ އެގްޒިމް ބޭންކުން މިއަދު ހުޅުވާލައިފި އެވެ.
ހަނިމާދޫ އެއާޕޯޓު އަލުން އަޅަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
އެ މަޝްރޫއަށް ބިޑް ހުށަހަޅަަން ހުޅުވައިލުމަށް އިންޑިއާ އެގްޒިމް ބޭންކުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ބިޑް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 22 ވަނަ ދުވަހު އިންޑިއާ ގަޑިން މެންދުރުފަހު 3:00 ގެ ކުރިންނެވެ. އެ މަޝްރޫއު ހިންގަން ހޯދަނީ، އިއުލާނުގައިވާ ގޮތުން، އިންޑިއާގެ ކުންފުންޏެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް
ހަނިމާދޫ އެއާޕޯޓް އަލުން އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ފިޔަަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމޭ އިރު އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭނެ އެވެ. ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކާއި ބޯއިން ބީ777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރާނެ އެވެ.
އެ އެއާޕޯޓުގެ މަސައްކަތް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުންތައް އިންޑިއާ އެގްޒިމް ބޭންކްގެ އިއުލާނުގައި ހިމަނާފައި ވެ އެވެ.
އެގްޒިމް ބޭންކްގެ އިއުލާނުގައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ ގޮތުގެ ކުރެހުމެއް
- 2،460 މީޓަރުގެ ރަންވޭއެއް ހެދުން
- ދިގުމިނުގައި 164 މީޓަރު އަދި ފުޅާމިނުގައި 34 މީޓަރު ހުންނަ ދެ ޓެކްސީވޭ ހެދުން
- މަތިންދާބޯޓްތައް ޕާކްކުރާނެ އޭޕްރަން ހެދުން
- ވަކި ޖެޓީއަކުން އުޅަނދު ފަހަރު ގާތްކުރެވޭ ގޮތަށް ފިއުލް ފާމެއް އެޅުން
- އެއާޕޯޓަށް ދާ މަގުތަކާއި ކާރުޕާކްކުރާނެ ޕާކިން އޭރިއާ އާއި ތަރައްގީކުރުން
އިންޑިއާ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުުގައި ހަނިމާދޫ އެއާޕޯޓުގެ ހުރިހާ މަަސައްކަތެއް ދެ އަހަރުދުވަހުގެ ތެރޭގައި ނިންމާނެ އެވެ. އެއީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ޕްރޮޖެކްޓަކަށް ވާތީ އިންޑިއާ ސަރުކާރުންް ވެސް އެ ޕްރޮޖެޓަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް އޭރު ބުންޏެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވެގެން ދޫކުރި ފެސިލިޓީއެކެވެ. ހަނިމާދޫ އެއާޕޯޓް އަޅާނެ ބަޔަކު ހޯދަން އިންޑިއާގެ އެގްޒިމް ބޭންކުން އިއުލާނުކުރީ އެއީ އެ ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑައެއްޗެއް
29 March 2021
ދެ ރަންވޭ ހަދާލެވުން ނަމަ މޮޅުކަމަކީ މިހާރު ހަނިމާދޫ ނެތަސް އުޅެވޭ ކޮންމެ އަތޮޅެއްގައި 3 އެއަރޕޯރޓް ނުވަތަ 4 އެއަރޕޯރޓް މި ސަރަުކާރުން އަންނަނީ އަޅަމުން އެހެންވީމަ ބަޔަކު ކަނޑުމަގުން ދަތުރުކުރާސޭ ކިޔާ ކަށިން އާވި ނަގާ ބުންޏަސް ކަންކުރަމުންދާ ގޮތް އެބަ ފެނޭ ހަނިމާދޫ މުހިންމު ވާނީ ރާއްޖޭން ބޭރަށް ދިޔުމަށް ޓަމިނަލް ތައް ސަލާމް ސާހަބު ކިޔާ ކުރެހުމަށް ހަދާފަ ހުރޭތޯ ބަލަންވާނެ
ތިކިތެޅި މިހާރު
24 March 2021
ތިތަން ބަލަހައްޓަން އިނޑިއާ ސިފައިންގެ ކިތައް "ޓެކްނީޝަން" އިން ތިބޭނެ. ޚަބަރުގެ އެންމެ މުހިންމުބައި ކާލާފައެއްނު ތިލިޔަނީ.
ވިސްނަވާ ދިވެހިން
24 March 2021
ޤައުމަކައް ހެވެއް ނޭދޭނެ މިބައިގަނޑެ. މާޒީގެ އަޅުވެތިކަން މިޒަމާނުގަ ދިވެހިންނަ ފެންނީ. ކަމިންސޫން
ނޫރާނީ މާ
24 March 2021
ދިވެހިންނަ ރަނގަޅު ފިލާވަޅެއް ދޭނެ މިފަހަރު. ދެރަކަންތައް މިހުންނަނީ
ޝޮކްތެރަޕީ
24 March 2021
ރާއްޖޭން އިސްކަން ދޭތީނުން. އިންޑިޔާގެ މިލިޓަރީ ބާރުގަދަކުރަން ކުރާ ފިކުރީ ހަގުރާމައިގެ ބައެއް.
މަންޑޭލާ
24 March 2021
ސިރީލަންކާވެސް މި މަޅީގަ ޖައްސަން އުޅުނު ލަންކާ ރައްޔިތުންނަކީ ލަންކާދެކެ ނުހަނު ލޯބިވާބައެއް.
ގަލަން
24 March 2021
ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްގީކޮށް ޓާރމިނަލް އަޅާ އެމަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ބިޑް ހުޅުވައިގެން އެބިޑް ކާމިޔާބުކޮށް 1978 ގައި އެމަސައްކަތް ހަވާލުކުރީ އިންޑިޔާގެ "އައިއޭއޭއައި" ނުވަތަ އިންޓަރނޭޝަނަލް އެއަރޕޯރޓްސް އޮތޯރިޓީ އޮފް އިންޑިޔާ އާއި. އެމީހުން ހުޅުލޭގައި ޖަގަހަ ޖަހައިގެން ތިބި މާލޭގައި ވެސް އެމީހުންގެ އޮފީސްހުރި. އެއަރޕޯރޓް ހަދައި ހުޅުވައި ނިމުމުން އެމީހުން މިތާކު ބަނޑަހަޖަހައިގެން ނުތިބޭ. ދެންވެސް ނުތިބޭނެ.
އިބްރާ
24 March 2021
ރާއްޖޭގެ އެއަރޕޯޓެއް ހަދަން އިންޑިއާގެ ބޭންކަކުން އިއުލާންނުރުން. ހުތުރު، ލަދުންގޮސް ބޯހަލާކު. އެމްޑީޕީއަށް އުމުރަށް ސަލާން. ގައުމުގެ އިސްތިޤުލާލެއްނެތް.
އިސްމާލި
24 March 2021
ވަރަށް ތާހިރު. ލާރި ދެނީ އިންޑިއާ ބެންކަކުން ދަރަންޏަށް. ތަން ހަދަން އިއުލާނުކޮށް މަސައްކަތް ކުރާނެ މީހުން ހޮވަނީ އިންޑިއާ ބޭންކުން. މަސައްކަތް ކުރަނީ އިންޑިއާ ކުންފުންޏަކުން. އެއަަރޕޯޓު އޮޕަރޭޓު ކުރަނީ އިންޑިއާ އިން. ހުރިހައި ފައިދާއެއް އިންޑިއާ ކުންފުނިތަކާއި އިންޑިއާ އަށް. ހުރިހައި ކަމެއް ކުރިކަމުގެ ނަން ސަރުކާރަށް. ދަރަނިބޯވެގެން އެ ފައިސާ އަނބުރާ ދައްކަނީ ދިވެހިން.
ބޮޑުމީހާ
24 March 2021
800 މިލިއަން ޑޮލަރު ދިވެހި ސަރުކާރު ނަމުގަ ނަގައިގެން އެ 800 މިލިއަން ޑޮލަރު މިދެނީ އިންޑިއާ ކުންފުނިތަކަކަށް. އެއާރޕޯޓާއި، ބަދަރު ހެދުމާއި، މަގު ހެދުމުގެ ގާބިލުކަން ދިވެހި ކުންފުނިތަކުގައިވެސް އެބަހުރި. ތި 800 މިލިއަން ޑޮލަރު ދިވެހި ކުންފުނިތަކަށް ދީ ދިވެހި އިގްތިސާދު ތެރެއަށް އެޅިނަމަ ރާއްޖޭގެ އެތެރޭގެ ވިޔަފާރި ފުޅާވެ، ޓެކްސް ދައްކާ މިންވަރު އިތުރުވެ ސަރުކާރަށް ލޯނު ދައްކަންވެސް ފަސޭހަވީސް.