ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަަވަނީ. އެމަނިކުފާނު ވިދާޅުވީ ރޮޒައިނާގެ އިސްލާހު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް---ފޮޓޯ: މަޖިލިސް
24 މާޗް 2021 - 23:18
މިނިސްޓަރަށް އިތުބާރު ނުކުރެވޭ ނަމަ ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރެވޭ ގޮތަށް، އަދި ކައުންސިލަރުންގެ ލަފަޔާއެކު ކައުންސިލްތަކަށް އެންމެ އިސް މުވައްޒަފު އައްޔަންކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް މިއަދު ލަފާ ދެއްވައިފި އެވެ.
މަޖިލީހުގައި ސުޕަަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރަކު "މިހާރު"އަށް މިރޭ ވިދާޅުވިގޮތުގައި ބިލު ބަލައިނުގަތުމަށް ނަޝީދު ލަފާދެއްވީ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ވަޓްސްއެޕް ގްރޫޕްގަ އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލުގައި، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން ހުށަހަޅުއްވާފައި ވެ އެވެ. އެއީ ޕާމަނެންޓް ސެކްރެޓަރީ ވަކިކުރާ ސަބަބެއްގެ ގޮތުގައި "މިނިސްޓަރަށް އިތުބާރު ނެތުން" ހިމެނުމަށެވެ.
ޕާމަނެންޓް ސެކްރެޓަރީން ވަޒީފާ އިން ވަކިކުރެވޭނެ ސަބަބެއްގެ ގޮތުގައި މިނިސްޓަރަށް އިތުބާރު ނެތުން ގާނޫނުގައިި ހިމަނަން ރޮޒައިނާ ހުށަހެޅުއްވި ބިލުގައި ލިޔެފައިވާ ބައިގެ ސްކްރީންޝޮޓެއް ވަޓްސްއެޕް ގްރޫޕާ ހިއްސާކުރައްވަމުން ނަޝީދު ފުރަތަމަ ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރަން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމުން ރޮޒައިނާ ވިދާާޅުވީ ކޮމިޓީ މަރުހަލާގައި އެކަން އިސްލާހުކުރެވިދާނެ ކަމަށެވެ.
"ވަރުގަދަ ސިވިިލް ސާވިސްއެއް އޮތުން ވަރަށް ބޭނުން. މި އިސްލާހު ބަލައިގަންނާކަށް އަޅުގަނޑަކަށް ނުފެނޭ،" ރޮޒައިނާ އެހެން ވިދާޅުވުމުން ވެސް ނަޝީދު ވިދާޅުވި އެެވެ.
ސިވިލް ސާވިސް ގާނޫނަށް އެ ބަދަލު ގެނައުމާ ދެކޮޅަށް މަޖިލީހުގެ ޖަލްސާގައި ވެސް އެމަނިކުފާނު މިއަދު ވާހަކަ ދެއްކެވި އެވެ. ބިލުގައިވާ ބަދަލުތައް އެމަނިކުފާނު ސިފަކުރެއްވީ "ޕާމަނެންޓް ސެކްރެޓަރީންގެ މަގާމު ނެތިދިއުން" ކަމަށެވެ.
"އަޅުގަނޑު ހިތަށް ވެސް އެބަ ވަދޭ ސިިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގައި ޕާމަނެންޓް ސެކެޓްރީން ނެތޭ ގޮތަށް މި އިސްލާހު ގެނައުމަށް [އޮތް އޮތުން] މިއީ ކޮން ވިސްނުމެއް ބާއޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވީ ރޮޒައިނާ ހުށަހެޅުއްވި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މަޑުއްވަރީ ދާއިރާއިގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަކަ ނިންމަވައިލެއްވުމުންނެވެ. އާދަމް ވިދާޅުވީ ރާއްޖޭގައި މިނިސްޓަރުގެ އިތުބާރު ނެތިގެން ޕާމަނެންޓް ސެކްރެޓަރީ ވަކިކުރެވޭ ގޮތަށް އޮވެއްޖެ ނަމަ ސިވިލް ސާވިސް ވަރަށް ބޮޑަށް ސިޔާސީ ވާނެ ކަމަށެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެ މިނިސްޓްރީއަކަށާއި އެ މިނިސްޓްރީގެ ދަށުން ހުންނަ އެހެން ތަންތަނަށް ވެސް އެކަމުގެ ނޭދެވޭ އަަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލުވަމުން ދާއިރު، ޕާމަނެންޓް ސެކްރެޓަރީ އަކީ އެ ޓްރާންސިޝަންގައި ވެސް އަދި އެ ގައުމެއްގައި ގައުމީ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހޭ ބޭފުޅަކަށް ވާއިރު، އަޅުގަނޑު ދެކޭ ގޮތުގައި ޕާމަނެންޓް ސެކްރެޓަރީންނަކީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އާއި ވާޖިބު އަދާކުރުމުގައި އެއްވެސް ބިރެއް ޖެހިލުމެއް ކަންބޮޑުވުމެއް ނެތި [ތިބޭ ބަޔަކަށް ވާން ޖެހޭނެ]،" އާދަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 March 2021
ނަޝީދު ބުނެފިއްޔާ އެކަން ވާނީ އެގޮތަށް، މުޅި ގައުމުގަ މީނަ ނޫން މީހަކު ނެތް
ވިސްނާލާށެވެ
25 March 2021
ޕަރމަނަންޓް ސެކްރެޓަރީގެ ވާހަކަ ބާއްވާފައި އިއްޔަ ހޯރަފުށި ސަލީމް ދެއްކި ވާހަކަތައް ފާސް ކުރަން އޯކޭ ދޯ.
ދެރަ
25 March 2021
ނަޝީދު އެ ބިލަށް ނުރުހުނީ ކުރިމަތީގައި ވޯޓް އޮތީމަ. އެކަމަކު ތިޔައެންމެންނަކީވެސް ހުދުމުހުތާރުކަމާ އަމިއްލައެދުމާ އަމިއްލަޖާހާ ނަފްސުކުރިއަރުވަން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެބައެއް. ސިވިލްސާރވިސް އަކީ އެންމެ ކުޑަ މުސާރަލިބޭ އެންމެ ގިނަ ޝަރުޠުތަށް ފުރިހަމަވާންޖެހޭއެންމެ ނިކަމެތި އެއް ޖަމާޢަތް. ގައުމުގެ ކަންކަމާ ބަސްވެސް ނުބުނެވޭނެކަމަށް އެބަ ބުނޭ. އެކަމަކު އަހަރެން މިގައުމު ވިއްކާލުމާދެކޮޅަށާ އަހަރެމެންގެ ދީން ހިމާޔަތްކުރުމަށް ބަސްބުނާނަން.
ހުނިގޮނޑި
25 March 2021
ސިވިލް ސާވިސް މީހުނަށް ސިޔާސީ މީހުންގެ ނުފޫޒު އޮވެގެން ނުވާނެ. މިހާރުވެސް ގިނަ އޮފީސްތަކުގަ މިމައްސަލަ ވަރަށްބޮޑު.
ފަށުވި43
24 March 2021
ރޮޒައިނާ މީ ޕަޕެޓެއްތަ! މަޖްލިހުގަ ގޮނޑިފުރާތާ ބައިގަރުނަ ވަނީ. އަމިއްލަ ސިކުނޑިން ވިސްނާފަ މިކަހަލަ ތާކުންތާކު ބިލް ނުކިޔާ!
ޢިބޫ
24 March 2021
މިބިލުގެ މައިގަޑު މަގްސަދަކީ އަނެއްކާވެސް ތިމާގެ މީހަކު ކޮމިޝަނަށް ވަށްދަން ހެނަ ހީވަނީ.
ބިރުކުޑައަލީ
24 March 2021
މަކަރެއް ހެދެން އޮތިއްޔާ މިދުވަސްވަރު ހަދަންވާނެ. ދޮގެއް ހެދެން އޮތިއްޔާ ދޮގެއްވެސް ހަދާލަންވާނެ. ވޯޓު ވަރަށް ކައިރީގައި އޮތީ އިނގޭތޯ. މީ އެހެން ބުނާ ވާހަކައެއް ނޫން. މޮޔައިން ހައްލަން ދައްކާ ވާހަކައެއް.