ފެލިވަރު: އިތުރު 66 މީހަކު އެ ރަށުން ވަނީ ޕޮޒިޓިވްވެފައި
26 މާޗް 2021 - 19:29
މިފްކޯގެ މަސް ފެކްޓަރީ ހިންގާ އަދި އެތައް ސަތޭކަ މީހުން ވަޒީފާ އަދާކުރާ ޅ. ފެލިވަރުން އިތުރު 66 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
ފެލިވަރުން ކޮވިޑް ފެނުނީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އެތަނުގެ މުވައްޒަފަކު، އެ އަތޮޅު ނައިފަރު ހޮސްޕިޓަލަށް ގޮސް ޓެސްޓުކުރުމުންނެވެ.
އޭގެ ފަހުން، ފެލިވަރު މުވައްޒަފުން ހިމެނޭ ގޮތަށް ހދ. ކުޅުދުއްފުއްޓަށް ދިޔަ ނައިފަރު ބަޔަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ ފަހުން ކުޅުދުއްފުށި ވެސް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.
ޅ އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި ފެލިވަރުން ޓެސްޓު ކުރި 88 ސާމްޕަލްގެ ތެރެއިން 66 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. ޓެސްޓު ކުރި ބައެއް ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. އެހެންވެ، އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ފެލިވަރާ ގުޅުން ހުރި ނައިފަރުގެ ދެ މީހަކު ޕޮޒިޓިވްވި ނަމަވެސް، އެރަށުން އިތުރު ބަޔަކަށް ބަލި ޖެހުނު ކަން ޔަގީނެއް ނޫނެވެ. އަދި ކުޅުދުއްފުށިން ޓެސްޓު ކުރި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފަ އެވެ.
މި ވަގުތު މޮނިޓަރިންއަށް ލާފައިވާ ނައިފަރުން މި މަހުގެ ދިހައެއްގެ ކުރިން އެހެން ރަށަކަށް ދިޔަ މީހަކު ނަމަ، ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގައިފަ އެވެ. އަދި ފެލިވަރުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެހެން ރަށަކަށް ދަތުރުކުރި މީހުން ވެސް ކަރަންޓީން ވާން ޖެހެ އެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނިގެން، ރާއްޖޭގެ 13 ރަށެއް މިހާރު އޮތީ މޮނިޓަރިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދު
27 March 2021
ބޭރު ގައުމު ތަކުގަ ފެކްޓްރީގަ މަސައްކަތް ކުރާބަޔަކު ޕޮސިޓިވް ވީމަ ފެކްޓްރީ ވެސް ބަންދުކޮށް، ޑިސްއިންފެކްޓް ކުރޭ. ބޮޑެތި މާރކެޓް ތައްވެސް ބަންދުކޮށް ޑިސްއިންފެކްޓް ކުރުމަށްފަހު އެފެކްޓްރީތަކުގެ ބަޔެއް ތަކެތިން ސާމްޕަލް ޓެސްޓް ކުރާއިރު މިކަންކަމަކީ އެޗް.ޕީ.އޭ ގައިޑްލައިގައި ނެތް ކަންތައްތައްބާ. މީހަކު ގެޔަކުން ޕޮސިޓިވްވެގެން ގެންދާއިރު މުޅި ކޮޓަރި ޑިސްއިންފެކްޓް ކުރެވޭއިރު މިތަފާތު ކުރުން މިއަންނަނީ ކީއްވެބާ.
ހުސެންއަލީ
26 March 2021
ޒިންމާދާރުކަމެއް ނެތް ވެރިން! ބަލިހާލުގައި މުވައްޒަފުން މަސައްކަތްކުރި! އަތޮޅު ހޮސްޕިޓަލުުން ޓެސްޓު ނުކޮށްދިން!
ޖަނާބު އަންޖާމު
26 March 2021
މިވީގޮތުން މިރޭގެ ހިސާބުތައް 200 ފަހަނައަޅާނެތާ! ދެން އަނެއްކާ މިރެއިން މިރެއަށް ފިޔަވަޅުތައް ވަރުގަދަކުރާނެ.