28 މާޗް 2021 - 07:49
އަންނަ އަހަރު ހިންދީ ފިލްމަކުން ފެންނާނެކަން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކަށަވަރުކޮށް ދީފި އެވެ.
ހުކުރު ދުވަހު ފޭނުންނާ އެކު ޓްވިޓާގައި ކުރިއަށް ގެންދިޔަ "އާސްކް މީ އެނީތިން" ސެޝަންގައި ދެން ހިންދީ ފިލްމަކުން ފެންނާނީ ކޮން އިރަކުންތޯ ކުރި ސުވާލެއްގެ ޖަވާބުގައި ހުނަރުވެރި ބަތަލާ ބުނީ އަންނަ އަހަރު ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޕްރިޔަންކާގެ ފޯކަސް މި ވަގުތު އޮތީ ހޮލީވުޑްގެ ޕްރޮޖެކްޓްތަކަށެވެ.
Next year!!! @Achal_Raj_Singh https://t.co/5OWzRPwkti
— PRIYANKA (@priyankachopra) March 26, 2021
އެގޮތުން މިދިޔަ އަހަރު "ޓެކްސްޓް ފޯ ޔޫ" އާއި "މެޓްރިކްސް 4" ގެ މަސައްކަތްކުރި ބަތަލާ މި ވަގުތު އަންނަނީ ލަންޑަނުގައި އެމެޒޯންގެ ސީރީޒް "ސިޓަޑެލް" ގެ މަސައްކަތްކުރަމުންނެވެ. "އެވެންޖާޒް" ގެ ޕްރޮޑިއުސަރުން ހަދާ އެ ސީރީޒްގެ ބަތަލާ ރިޗަޑް މެޑެން އެވެ.
ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ އަންނަ މަހު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަށް ވާދަކުރާ ނެޓްފްލިކްސްގެ "ދަ ވައިޓް ޓައިގާ" އެވެ.
އޭނާ އަންނަނީ ހޮލީވުޑްގެ ބަތަލާ މިންޑީ ކޭލިންއާ ގުޅިގެން ވެސް ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ އިންޑިއަން ވެޑިން ކޮމެޑީއެކެވެ. ނަން އަދި ހާމަ ނުކުރާ ފިލްމު އިއުލާންކުރީ 2019 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy