03 އެޕްރީލް 2021 - 09:15
އިންޑިއާ އިން އަލަށް ފެނުނު އާ ވައްތަރެއްގެ މާ ގަހަކަށް އެ ގައުމުގެ އިދިކޮޅު ޕާޓީ ކޮންގްރެސްގެ އިސްވެރިއެއް ކަމަށްވާ ޝަރަދު ޕަވާރުގެ ނަން ދީފި އެވެ.
މަހާރަޝްތުރާ ސްޓޭޓްގެ ކޯލަޕޫރުގެ ގަސްބޯ ސަރަހައްދެއް ކަމަށްވާ ހުޅަނގު ގާޓް އިކޮލޮޖިކަލް ޒޯނުން ފެނުނު އާ ގަހަކީ ޖީނަސް އާއިލާގެ އަޖީރީ ގަހުގެ އާ ބާވަތެކެވެ. ގަހަށް ދިން ނަމަކީ "އަޖީރިއާ ޝަރަދުޗަންދުރަޖީ" އެވެ. އެ ގަސް ފެނުނީ ދެ ރިސާޗަރުން ކަމަށްވާ ޑރ. ޕްރަމޯދު އާރް ލަވަންދު އާއި ޑރ. ވިނޯދު ބީ ޝިމްޕާލާއަށެވެ.
ކޯލަޕޫރްގެ ކޮލެޖެއްގައި ބޮޓަނީ ކިޔަވައިދެއްވާ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި ޝަރަދު، 80، ގެ ނަން މާ ގަހަށް ދޭން ނިންމި ސަބަބަކީ އޭނާ އަކީ ކުރިން އެގްރިޗަ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިންޑިއާގެ ދަނޑުވަރިކަމުގެ ދާއިރާ އަށް މިހާތަނަށް ވަރަށް ގިނަ ހިދުމަތްތަަކެއްކޮށްފައިވާ މީހަކަށްވާތީ އެކަމުގެ އަގު ހާއްސަ ގޮތަކަށް ވަޒަންކުރުމުގެ ގޮތުންނެވެ.
"އަނެއް ސަބަބަކީ މީގެ އަހަރުތަކެއް ކުރިން އަހަރެން ލިޔުނު އިންޑިއާގެ މާ ގަސްތަކާ ބެހޭ ގޮތުން ހެދި ރިސާޗެއް ފޮތެއްގެ ގޮތުގައި ނެރެން މާލީ ގޮތުން ވަރަށް ބޮޑަށް އެހީތެރިވެ ދެއްވި ބޭފުޅެއް ޝަރަދަކީ،" ޑރ. ޝިމްޕާލޭ ވިދާޅުވި އެވެ.
ޝިމްޕާލޭ އާއި ވިނޯދު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވި ގޮތުގައި އަލަށް ފެނުނު މާ ގަސް ނިސްބަތްވާ އަޖީރީގެ އާންމު ގޮތެއްގައި އޭޝިއާގެ ގައުމުތަކުން ފެންނަ ބާވަތެކެވެ. އަދި މިހާތަނަށް އަޖީރީގެ 40 ބާވަތެއްގެ ގަސް ފެނިފައިވާ އިރު އޭގެ ތެރެއިން 17 ބާވަތެއް ފެނިފައި ވަނީ އިންޑިއާއިންނެވެ. އެހެންވެ އަލަށް ފެނުނީ އިންޑިއާއިން ހޯދުނު އަޖީރީގެ 18 ވަނަ ބާވަތުގެ ގަހެވެ.
އަލަށް ފެނުނު ބާވަތަކީ ވިނަބިންތަކުގައި ހާމަކޮށް ހުންނަ ތަންތަނުގައި ފަަސޭހައިން ހެދޭ އަދި ޖުލައި މަހާއި ސެޕްޓެމްބަރާ ދެމެދު މާ އަޅާ ގަހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދު
05 April 2021
ތިބުނާ މާ ކޮބާތަ