ސުޕްރީމް ކޯޓު ހިންގާ އިމާރާތް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
07 އެޕްރީލް 2021 - 14:17
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުުކުމް އެ ކޯޓުން ބާތިލްކޮށް، އެކަމަކު އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދީބާޖާ އަށް ލިބިގެންވާ ކަމަށް އެ ކޯޓުން މިއަދު ހުުކުމްކޮޮށްފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން 2018 ގައި ބާތިިލްކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
ސުޕްރީމް ކޯޓުން 2019 ގައި ހައި ކޯޓުގެ ހުކުމް ބާތިލްކުރީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަ ބަލައިގެންފައި އޮތުމުންނެވެ. އިސްތިއުނާފުެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެވުނީ ދައުލަތުގެ އިހުމާލުން ކަމަށް ވާތީ އެއީ މަގްބޫލު އުޒުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައިވެ އެވެ. ނަމަވެސް މައްސަލައިގެ މައުލޫއާ މެދު އޭރު އެ ކޯޓުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިިވަނީ ދީބާޖާގެ މައްސަލައިގައި އެ ކޯޓުގެ ކުރީގެ ނިންމުން މުޅިން ވެސް ބިނާވެފައި އޮތީ މުއްދަތު ހަމަވި ފަހުން ހައި ކޯޓަށް މައްސަލަ ބަލައިގަތް ގަތުމުގެ ސައްހަކަމުގެ މައްޗަށް އެކަނި ކަމަށެވެ. އެއީ ދީބާޖާ އަށް ދޭންޖެހޭ ބަދަލެއްތޯ ނުވަތަ ނޫންކަމުގެ މައްޗަށް ކުރީގެ ހުކުމުގައި އެއްވެސް ގޮތެއް ނިންމާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
މުއްދަތު ހަމަވި ފަހުން ހައި ކޯޓަށް އެ މައްސަލަ ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައި ވިޔަސް، އެ ނިންމުން ގާނޫނީ ގޮތުން ރަނގަޅު ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމުގެ ސައްހަކަމާ މެދު މި މައްސަލައިގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ކުރީގެ ހުކުމް ބާތިލް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހައި ކޯޓުން ދީބާޖާއާ ދެކޮޅަށް ކުރި ހުކުމް ދެމެހެއްޓޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވުމުން ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދީބާޖާއަށް 15 ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަ ބަލައިގަތީ މަގްބޫލު ސަބަބެއް ނެތި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމުގައި އޮތަސް، މިއަދު ކުރި ހުކުމުގައިވަނީ އެ ނިންމުން ރަނގަޅު ނޫން ކަމަށެވެ. ސަބަބަކީ އިސްތިއުނާފު ލަސްވި އެއް ސަބަބަކީ ސިވިލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުން ކަމަށް ވެފައި، އެ ރިޕޯޓް ނުލިބެނީސް މައްސަލަ އިސްތިއުނާފް ކުރުމަކީ ގާނޫނީ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެއީ މަގްބޫލު އުޒުރެއް ނޫން ކަމަށް ކުރީގެ ނިންމުމުގައި ބުނާ ބުނުން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، މަގްބޫލު އުޒުރެއް އޮތް ނަމަ މުއްދަތު ހަމަވާ ފަހުން ވެސް އިސްތިއުނާފް މައްސަލަ ބަލައިގަތުމުގެ ބާރު ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް އޮންނައިރު، މަގްބޫލު އުޒުރަކީ ކޮބައި ކަނޑައެޅުމަކީ ހަމައެކަނި އެ ކޯޓުގެ އިހްތިޔާރުގެ ތެރޭގައި އޮންނާނެ ކަމެކެވެ. މަގްބޫލު އުޒުރު ކަމަށް ބެލެވޭނެ ހާލަތްތައް ގާނޫނުގައި ލިޔެފައި ނޯންނަނީ އެފަދަ ހުުރިހާ ހާލަތެއް ލަފާ ނުކުރެވިދާނެތީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އިސްތިއުނާފް މުއްދަތު އޭގެ ޒާތުގައި ހަމަވުމަކީ ދަށު ކޯޓުގެ ހުކުމް އޮޓަމެޓިކުން ދެމެހެއްޓިގެންދާނެ ސަބަބެއް ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައި އިތުރަށް ބުުނެފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމްތައް ރިވިއު ކުރުމަށް ފަހު، އެ ކޯޓުން ކުރިން މައްސަލަތައް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށް، ކުރީގެ ނިންމުން ބަދަލު ކޮށްފައިވާ ކަން އެ ހުކުމުގައި ފާހަގަކުރި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮންނަނީ މައްސަލަތަކާ މެދު ގޮތްތައް ނިމި، އެއަށް ނިހާއީ ހުކުމެއް ގެނެސް ދިނުމަށް ކަމަށެވެ. އެކަމަކު ބައެއް އިސްތިސްނާ ހާލަތްތަކުގައި އެ ނިންމުންތައް އަލުން ބެލިދާނެ ކަމަށާއި އެގޮތުން ގާނޫނީ ގޮތުން ރިއާޔަތް ކުރަންޖެހޭ މުހިިންމު ނުކުތާއަކަށް ނުވަތަ ހެއްކަކަށް ރިއާޔަތް ނުކުރާ ހާލަތްތަކުގައި ނިންމުންތައް ރިިވިއު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މި މައްސަލައަށް ބަލާއިރު، ދީބާޖާއަށް ބަދަލު ދިނުމުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ ގާނޫނީ ހުރިހާ ނުކުތާތަކަށް ރިއާޔަތް ނުކޮޮށް ކަމަށާއި ހައި ކޯޓުގެ ހުކުމާ މެދު މައުލޫއީ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނެތުމުން އެއީ އެ މައްސަލަ ރިވިއު ކުރަންޖެހޭ ސަބަބެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ދީބާޖާއަށް ބަދަލުދޭން ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމާ އެކު، ކޯޓުން ބޭރުގައި ސަރުކާރުން އެ ކުންފުންޏާ މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުވާލީ
08 April 2021
ދަންނާތި މި ޙުކުމް އަލުން ބެލުމަށް އެދިނީ 15 ދުވަސް. އޭރުން ތިމީހުންގެ ލޯކަލް ކައުންސިލް އިންތިހާބު ވޯޓު ނިމިފައިންނާނީ. ދެން އަލުން މިހާރުގެ އަދަދުގެ ބަދަލުގައި ދީބާޖާ އިން ކުރިން ހުށަހެޅި ބައި ބިލިއަން ރުފިޔާ ދޭނެ. ދިރިތިބީން މިކަން ދެކޭނެ!
އޯ ލަލާ
07 April 2021
ތީ ބޮޑު ލާރިގަނޑެއް، ދީބާޖާ އާ އެއްކޮޅަށް ތިޔަ ހުކުމް ނިމިދާނެކަމާމެދު ވަރަށް ޔަގީން... މިހާރު މިއިއްނަގޮތަކީ ރައްޔަތުންގެ ލާރި ކޮރަޕްސަނެނުކިޔާ ބަދަލޭ ކިޔުން،،، އެއްޗަކީ އެކަށްޗެއް... ބަދަލުވީ މީހުން، 4،5 ބަޔަށް ބަިއއަޅާ ލުމުން ތިޔަކަން ނިމިދާނެ، އެހެންނޫންނަމަ ކޯޓުންބޭރުން ތިޔަކަން ނިންމަން މިސަރުކާރު ނޫޅުނީސް. ފެކްޓް ދޯ. ކޮރަޕްސަން ނޮޓް އޯކޭ، ބަދަލު އޯކޭ. ހެހެ
ރޯޒަސް
07 April 2021
ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފައިނަލް ނިންމުން އެމަކަމު މިހާރު ތި ބުނަނީ މިއީ ފައިނަލް ފައިނަލް ނިންމުމޭ ދެއްތޯ؟ މީ ހަމަ ކުޅޭ ކުޅޭ ގައުމެއް.
މުރީދު
07 April 2021
ސަރުކާރާއިއެކީގައި ހަދާފައިހުންނަ އެގްރީމަންޓްތަކުގައި، އެ އެގްރީމަންޓްއެއްގައި އެއްބަސްވެވެފައިވާ ގޮތް ނޫންއެހެންގޮތަކަށް އުވާލަންޏާ، އެއީ ގިނަފަހަރު ދައުލަތަށް ވަރަށް ވޭންހުރިކަމެއްކަމަށް ފެނެއެވެ.
ަމީނާ
07 April 2021
ކުޑަތަންކޮޅެއް މަދުކޮއްލިޔަސް ރަނގަޅުތާ. މަ ހީކުރީ ހަމަ ލާރިގަނޑު އެއްކޮއް ދޭނީކަމައް ފަންސާސްމިލިޔަން މަދުކޮއްލިޔަސް ރަނގަޅު. ޢެނގޭނީ އިންތިޚާބުގެފަހުންދޯ.
ބަބުރަންޖީ ހާޖީ
07 April 2021
މިއަންނަ ހަފްތާނިމި ދެންއަންނަ ހަފްތާއެއްގާ އަނެއްކާ ތިމައްސަލަ ކޯޓަށް އަނެއްކާ ވަންނާނެއެވެ. ދެން އަނެއްކާވެސް އޮންނާނީ ސޭމް އޯލްޑް ސްޓޯރީއެވެ
ރަދީފްއޮފިޝިއަލް
07 April 2021
ދީބާޖާ އަށް 0 ، ދިވެހިރައްޔަތުންނަށް 99
ނަފްސީ
07 April 2021
348 ދޭކަށް ބޭނުމެއް ނޫން އެކަމަކު100 އާއި 200 އާއި ދެމެދުގެ އަދަދެއް ދޭނެ. މިހިރަކަހަލަ ހުކުން އަންނަނީ އެއްބަސްވެ ރޭވިގެން.
ކުދުބެއްޔާ
07 April 2021
ވަރަށް ސަޅި. ވޯޓްލާ ނިމުނީމަ އަލުން މައްސަލަ ކޯޓަށް ވައްދާ. އޭރުން ބަދަލު ........!!!!!!
ފފދ:$$
07 April 2021
ވަރަށް ވައްތަރު އިންތިހާބީ އުކުޅަކަށް. އެހެންނަމަ އަލުން (އިންތިހާބުގެ ފަހުން) ހުށައަޅަން ފުރުސަތެއްނުދޭނެ.
ޛުލޭ
07 April 2021
ޢެހެންވީރު ހުށައަޅަންޖެހޭނީ އިންތިހާބުގެ ކުރިން ވިއްޔާ މާދަމާ ހުށައަޅަން ޖެހޭނެތާ!