މަރުކަޒީ ބޭންކު، އެމްއެމްއޭ: ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް އެމްއެމްއޭ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.-- ފައިލް ފޮޓޯ: މިހާރު
15 ނޮވެމްބަރ 2016 - 14:40
ރާއްޖޭގެ ހުރިހާ ބޭންކަކަށް ޖަމާކުރާ ޗެކުތަކަށް އޮޓަމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭން މިއަދު ފަށައި ޑައިރެކްޓް ޑެބިޓުގެ ހިދުމަތް އަންނަ އަހަރު ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
އޮޓަމެޓިކުން ޗެކަށް ފައިސާ ކުރަން މިދިޔަ އޮކްޓޯބަރު މަހު ނިންމައި އެކަމަށް ބޭނުންވާ ތައްޔާރީތައް މަރުކަޒީ ބޭންކުން ވަނީ ކޮށްފަ އެވެ. އެގޮތުން، ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޗެކުތައް އެއް ސައިޒަކަށް އަދި އެއް ފޯމެޓަކަށް ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ބޭންކަކުން ވަނީ އެ ޗެކުތައް ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރީގެ ޗެކުތައް ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.
އެމްއެމްއޭން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ގެނައި ބަދަލާ އެކު، ޖަމާކުރާ ބޭންކުން ޗެކުތައް ސްކޭން ކުރުމަށް ފަހު އެ ފޮޓޯ އާއި އޭގައިވާ މައުލޫމާތު އޮޓޮމޭޓެޑް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް އެ ޗެކުތައް ރައްދުވާ ބޭންކަކަށް ފޮނުވޭނެ ކަމަށެވެ. އޭރުން، އެ ޗެކެއް ރައްދުވާ ބޭންކަކުން އެއީ ސައްހަ އަދި ފުރިހަމަ ޗެކެއްތޯ ބަލައި އެކައުންޓްގައި ފައިސާ ހުރިތޯ ބެލުމަށް ފަހު، ޗެކު ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
"މި ގޮތުން ކްލިއާވާ ޗެކުތައް ސިސްޓަމްގެ ކްލިއަރިން ސެޝަން ނިމުމުން ކަނޑައެޅިފައިވާ ވަގުތެއްގައި ކަސްޓަމަރުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ކްލިއާ ނުވާ ޗެކުތައް ކަސްޓަމަރުންނަށް އަނބުރާ ރައްދުކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްއެމްއޭ އިން ބުނީ މި އުސޫލުގެ ދަށުން ޗެކު ކްލިއާ ކުރުމުގެ މަސައްކަތް ލުއިވެ، ކަސްޓަމަރުންނަށް އަވަަހަށް ޗެކަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އެއީ، އެ އިދާރާ އިން ބުނި ގޮތުގައި، މީގެ ކުރިން ރަށްރަށުގައި ހުންނަ ބޭންކުތަކުގެ ބްރާންޗްތަަކަށް ޖަމާކުރާ ޗެކުތައް މާލެ ގެނެސް އެ ބޭންކެއްގެ މައި ބްރާންޗުން ކްލިއާ ކުރި ނަމަވެސް، މިހާރު ރަށްރަށުގެ ބްރާންޗްތަކަށް ޖަމާކުރާ ޗެކުތައް ވަގުތުން ކްލިއަރިން އަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެތީ އެވެ.
"އެމްއެމްއޭގެ އަމާޒަކީ މުސްތަގުބަލުގައި ވެސް ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް، ޓެކްނޮލޮޖީގެ ގޮތުން ބޭންކިން ސެކްޓާ އަށް ކުރިއެރުންތަކާއި ފަސޭހަތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ.
ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމުގެ ގޮތުން، އެމްއެމްއޭ އިން ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ މޯލްޑިވްސް ރިއަލްޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމް (އެމްއާރުޖީއެސް) ވަނީ 2011 ގައި ގާއިމްކޮށްފަ އެވެ. އަދި އޮޓަމެޓިކް ކްލިއަރެންސް ހައުސްގެ ފުރަތަމަ ބައި ކަމަށްވާ ޑައިރެކްޓް ކްރެޓިޑްސް 2012 ގައި ވަނީ ގާއިމްކޮށްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވ.ފަހަތުގަ
16 November 2016
އަދިވެސް ހާދަ ފަހަތުގައޭ ދޯ. ކީވެބާ ޒަމާނީ ޓެކްނޮލޮޖީ ގާއިމް ކުރަން ނޫޅެނީ؟ މިސާލަކަށް ލޯކަލް ކާރޑް ޕޭމެންޓް އެކްސްޗޭންޖް އެއް؟
ފާތުމަ
16 November 2016
ދެރައީ ދުނިޔޭގެ މޮޅެތި ސިސްޓަމްތަކުގެ ވާހަކަ ދަށްކާއިރު އިންޓަރނޭޝަނަލް ބޭންކިންގ ރޫލްއެއްނެތުމުން ޕޭޕަލް އަދިވެސް މޯލްދިވްސްއޭ ބުއްޏަސް ބިރުގަނޭ!!
ޒައިން
15 November 2016
ރިޓާންވާ ޗެކް ރިޓާންވާ ކަން ކަސްޓަމަރ އަށް ނޭންގުމަކީ ވަރަށް ބޮޑު މައްސަލައެއް. ބީއެމްއެލް އިން އެކަން އެގޮތަށް ނުކުރާތީ ހިތާމަކުރަން.
އަދުރޭ
15 November 2016
ގައުމު ތަރއްގީވެގެން ދާތަން އެބަ ފެނޭދޯ؟ މިގައުމު ކުރިން އޮތް ހާލުގައި އޮތް ނަމަ ބޭންކުތައް އަދިވެސް އޮންނާނީ ފިނިހަކަ ދުވެލީގައި.
ޕައްލަންބެ
15 November 2016
އަދުރޭ ACH އަކީ ރާއްޖެ އަށް އާ ކަމެއްވިޔަސް މިއީ އެތައް އަހަރުތަކެއް ކުރިން ދުނިޔެއްއަށް ތައާރަފް ވެފައިވާ ނިޒާމާ ... ކޮން ޓީވީ ޗެނަލެއް ތޯ އަދުރޭ ބަލަނީ ....
ޒަމީރު
15 November 2016
ކީއްވެބާ އިންޑިޔާ ލަންކާއަށް ވުރެ ކުރީން ރާއްޖެއަށް އެކަން ތާރަފުވީ ޕައްލަންބެ.