ޔޫވީގެ އީސަ (ކ) ގްރާންޑޭއާ ދެކޮޅަށް ކުޅެނީ: މި މެޗުގައި އީސަ ވަނީ ދެ ލަނޑު ޖަހައިފަ. -- ފޮޓޯ / އެފްއޭއެމް
09 އެޕްރީލް 2021 - 19:18
ފަހަތުން އަރައި ދަ ގްރާންޑޭ އަތުން 4-1 އިން މިއަދު މޮޅުވެ، ޔުނައިޓަޑް ވިކްޓަރީ (ޔުވީ) އިން މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ލީގުގައި ޔޫވީ އަށް ފުރަތަމަ މޮޅު ހޯދައިދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އާއި އަނަޓޯލީ ވްލާޝިޗޭވެ. މި މެޗުގައި ޔުވީގެ ލަނޑުތައް ކާމިޔާބުކުރީ މެސީ އާއި އަނަޓޯލީ އެވެ. އަދި ހުރިހާ ލަނޑެއް ވެސް މި ކުޅުންތެރިންގެ ދައުރު ހިމެނެ އެވެ.
މެޗުގެ ކުރީކޮޅު ގްރާންޑޭ އިން ލީޑު ނެގީ މުހައްމަދު ޝާހާއު (ބޭލް) ޖެހި ލަނޑުންނެވެ. ޔޫވީގެ ޕެންލަޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ބޭލް ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ޔޫވީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 34 ވަނަ މިނިޓުގައި އީސަ ޖެހި ލަނޑުންނެވެ. ޔޫވީ އަށް ލިބުނު ހިލޭޖުހުމަކުން އަނަޓޯލީ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، މެސީ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
އޭގެ ހަތަރު މިނިޓު ފަހުން، ޔޫވީ ލީޑު ނެގީ އަނަޓޯލީ ޖެހި ލަނޑުންނެވެ. އީސަ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ކޮންޓުރޯލްކޮށްލުމަށް، އަނަޓޯލީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 57 ވަނަ މިނިޓުގައި ޔޫވީގެ ތިން ވަނަ ލަނޑު އީސަ ޖެހީ އަނަޓޯލީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި 65 ވަނަ މިނިޓުގައި އީސަ ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ، ގޯލު ކުރިމަތީގައި މުޅިން ހުސްކޮށް ހުރި އަނަޓޯލީ އަށް ދީ، ޔޫވީގެ ހަތަރު ވަނަ ލަނޑު ޖެހުމުގެ ފުރުސަތު އަނަޓޯލީ އަށް ދީފަ އެވެ.
މި މެޗުގެ ކުރިން ލީގުގައި މިހާތަނަށް ޔުވީ އަށް ލީގުގައި ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެެވެ. ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ޔޫވީގެ ކޯޗުކަމާ ހަވާލުވި ފަހުން، އެންމެ ފުރަތަމަ ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެެވެ. އެހެންކަމުން މި މެޗުން މޮޅުވުމަކީ، ސާންތީ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި މެޗުން މޮޅުވިޔަސް، ހަ ޕޮއިންޓާއެކު ޔުވީ އަދިވެސް އޮތީ ތާވަލްގެ ފުލުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy