ވެލެންސިއާގެ ސެންޓޭ (ކ) އާއި ސަސްގެ ޖެންނޭ (މ) ބޯޅަ ހޯދުމަށް މަސައްކަތްކުރާއިރު ވެލެންސިއާގެ ރިލޭ ސަމާލުވެގެން. -- ފޮޓޯ / އެފްއޭއެމް
10 އެޕްރީލް 2021 - 01:04
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އަތުން 2-0 އިން މޮޅުވެ، ކްލަބު ވެލެންސިއާ އިން ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާއާދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.
މިރޭގެ މެޗުގައި ވެލެންސިއާގެ ދެ ލަނޑު ވެސް ޖެހީ ތަޖުރިބާކާރު ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ.
މި މެޗުން ވެލެންސިއާ މޮޅުވުމާއެކު، ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ވެލެންސިއާއާދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ 25 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ވެލެެންސިއާ އޮތީ 21 ޕޮއިންޓާއެކު އެވެ.
މެޗުގެ 33 ވެލެންސިއާ އިން ލީޑު ނެގީ ސަސްގެ ހާފުގެ މެދެއްހާ ހިސާބުގައި ހުރެ، ސެންޓޭ ކާމިޔާބުކުރި ލަނޑުންނެވެ. ސަސްގެ ގޯލްކީޕަރު ރަވަޝަންބެކް އުގިލް އަށް ކުރިއަށް ނުކުމެ ހުރި ދަނޑިވަޅެއްގައި ސެންޓޭ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް އޮއްސުނުއިރު، އެ ބޯޅަ ދިފާއުކުރަން ކީޕަރު ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ދެވަނަ ހާފުގައި ސަސް އަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެނަލްޓީ އޭރިޔާ ތެރެއިން ސަސްގެ ޔޫސުފް ޖުނައިދު ޒާހިރު ފޮނުވާލި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.
ވެލެންސިއާގެ ދެވަނަ ލަނޑު ސެންޓޭ ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓުގަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް ވެލެންސިއާގެ ކުޅުންތެރިއެއް ތިރިތިރިން ހުރަސްކޮށްލި ބޯޅަ، ސެންޓޭ ވަނީ އެއް ފަހަރުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް އާއި ކްލަބު ގްރީން ސްޓްރީސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
10 April 2021
ޓީވިން މެޗު ދެއްކީ ނަމެއްގަ، ގޯލް ރިޕްލޭއެއް، މުހިންމު އިންސިޑެއްންޓްތަކުގެ ރިޕްލޭއެއް ނުދައްކާ. މީދެން ބޮޑުވަރުދޯ!