އިނިސްފްރީގެ ސީރަމް ފުޅި.
11 އެޕްރީލް 2021 - 08:10
ރީތިވާން ބޭނުންވާ އުފެއްދުމެއް ތިމާވެއްޓާ ރައްޓެހި ކަރުދާސް ފުޅީގައި ވިއްކަނީ ކަމަށް ބުނެ ދެކުނު ކޮރެއާގެ ކުންފުންޏަކުން ކަސްޓަމަރުންނަށް "އޮޅުވާލި" މައްސަލައެއް ފަޅާއެރުމުން މާފަށް އެދިއްޖެ އެވެ.
ރީތީވާ ސާމާނު އުފައްދާ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ އިނިސްފްރީ އިން ގްރީން ޓީ ހިމަނައިގެން ތައްޔާރުކޮށްފައިވާ ގްރީން ޓީ ސީޑް ސީރަމް ބަންދުކޮށްފައި ވަނީ ކަރުދާސް ފުޅީގައި ކަމަށް ބުނެ މިދިޔަ އަހަރުން ފެށިގެން އަންނަނީ ޕްރޮމޯޓްކުރަމުންނެވެ. ފުޅީގެ ބޭރުގަ އާއި ފުޅި ލާފައި އޮންނަ ޕެކްގެ ބޭރުގައި ވެސް "ހެލޯ އައި އެމް ޕޭޕާ ބޮޓްލް" ޖަހައި، އެއީ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް ކަމަށް ބުނެފައި އޮވެ އެވެ.
އިނިސްގްރީން ބުނެފައިވާ ގޮތުގައި މި ބަދަލީ ކުންފުނީގެ އުފެއްދުންތަކުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން ފަށާފައިވާ މަސައްކަތުގެ ބައެއެކެވެ. އަދި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވެސް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ނެރުން ކަަމަށް ބުނެފައިވެ އެވެ.
އެކަމަކު ހަގީގަތް ފަޅާއެރީ ސީރަމް ފުޅިއެއް ގަތް މިހަކު މި މަހުގެ ހަ ވަނަ ދުވަހު ފޭސްބުކްގައި އޭގެ ހަގީގަތް ހާމަކުރުމުންވެ. ފޮޓޯތަކާ އެކު އާންމުކޮށްފައިވާ ޕޯސްޓްގައިވާ ގޮތުން އިިނިސްފްރީން ސީރަމް ބަންދުކޮށްފައި ވަނީ ހަމަ ސީދާ ޕްލާސްޓިކް ފުޅިއެއްގަ އެވެ.
ފުޅީގެ ބޭރުގައި ބޯކަރުދާހުން ލާފައި އޮތީ ފަށަލައެކެވެ. މިކަން ފަޅާއަރުވައިލި މީހާ ބުނެފައި ވާ ގޮތުގައި މިއީ ކަސްޓަމަރުންނަށް އޮލުވައިލަން ހިންގާފައިވާ ޖަރީމާއެކެވެ. އަދި އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކޮށް، އިނިސްފްރީ އަށް އެއްޗެހި ކިޔާފައިވެ އެވެ. މީގެ ވާހަކަ މިހާރު ކޮރެއާގެ މީޑިއާތަކަށް ވެސް އަރައި އިނިސްފްރީގެ އަމަލު "ހީލަތްތެރި މާކެޓިންއެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން މާފަށް އެދި ކުންފުނިން ބުނީ ސީރަމް ފުޅީގައި "ޕޭޕަ ބޮޓްލް" ޖަހާފައި އިންނަނީ ކޮންމެހެން މުޅި ޕްރޮޑަކްޓް ޕްލާސްޓިކް ފްރީކަން ދައްކަން ނޫން ކަމަށެވެ.
"މިއީ އަަސްލު ފުޅިތަކުގައި ޖަހާފައި ހުންނަ ކަރުދާސް ލޭބަލްތަކުގެ މުހިއްކަން އަންގައިދިނުމުގެ ގޮތުންނާއި އެ ޕްރޮޑަކްޓްގެ ނަމުގެ ބައެއް ކަމަށްވާތީ ހަދާފައި އިން ގޮތެއް. އެހެންވީމަ ހަގީގަތުގައި އޮޅުމެއް އަރާފައި މިއޮތީ،" އިނިސްފްރީން ބުންޏެވެ.
އެ ކުންފުނިން ބުނީ ފުޅި ޕްލާސްޓިކް ފްރީ ނޫން ކަމަށްވާތީ މާފަށް އެދޭ ކަމަށެވެެ.
"އެރި އޮޅުމަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދެން. އަދި ކުރިއަށް އޮތް ތަނުގައި އުފެއްދުންތައް ނެރޭ އިރު އޮޅުންނާރާނެ ގޮތަށް ކަންކަން ބައްޓަން ކުރާނަން،" އިނިސްފްރީން ބުންޏެވެ.
އެ ކުންފުނިން ބުނީ "ހެލޯ އައި އެމް ޕޭޕާ ބޮޓްލް" ސީރިއަމް ފުޅި އަކީ ކުރިން އެ ބަންދުކުރަން ބޭނުންކުރި ފުޅިތަކަށް ވުރެ 51.8 ޕަސަންޓް ޕްލާސްޓިކް މަދު އުފެއްދުމެއް ކަމަށެވެ.
އިނިސްފްރީގެ ބެލެނިވެރި ކުންފުނި އެމޯރިޕެސިކުން ބުނި ގޮތުގައި އޮޅުން އެރި އުފެއްދުމަކީ އޭގައި ހިމެނޭ ކަރުދާހާއި ލުއި ޕްލާސްޓިކް ފުޅި ރިސައިކަލް ކުރެވޭނެ އެއްޗެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy