ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ. --ފޮޓޯ:އޭއެފްޕީ
18 އެޕްރީލް 2021 - 15:01
މޮސްކޯ (އެޕްރީލް 18) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދީފި ނަމަ ޖަލުގައި އޭނާ މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފި އެވެ.
ޑޮކްޓަރުން ބުނެފައި ވަނީ އެންމެ ފަހުގެ ލޭގެ ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާފައިވާ ގޮތުގައި ނަވަލްނީ އަށް ކޮންމެ ވަގުތަކު ވެސް ހާޓް އެޓޭކެއް ނުވަތަ ކިޑްނީ ފެއިލްވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ. ނަވަލްނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާތާ މިހާރު 18 ދުވަސްވެއްޖެ އެވެ. އޭނާ ގެންދަނީ އުނަގަނޑުގެ ރިހުމާއި ފައި އައްސިވާ މައްސަލައިގައި ފަރުވާ ނުދޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.
ފާޅުގައި ރަޝިޔާ ސަރުކާރަށް ފާޑު ވިދާޅުވާ ނަވަލްނީ ޖަލުގައި ބަންދުކުރީ ފެބްރުއަރީ މަހު އެވެ.
ނަވަލްނީގެ ހާލު ބެލުމުގެ ހުއްދަ އަށް ހަތަރު ޑޮކްޓަރަކު ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ނަވަލްނީގެ ޕާނަސަލް ޑޮކްޓަރު އަނަސްތޭސިއާ ވަސިލެޔޭވާ ވެސް ހިމެނެ އެވެ. ޓްވިޓާގައި ވަސިލެޔޭވާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައި ކަމަށެވެ.
ލޭގެ ޕޮޓޭސިއަމް ލެވެލް 6.0 މިލިމޯލްސް އަށް ވުރެ އިތުރުވެއްޖެ ނަމަ ވަގުތުން ފަރުވާ ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ހުރީ 7.1 ގައި ކަމަށް އޭނާގެ ޑޮކްޓަރު ބުނެފައިވެ އެވެ.
ނަވަލްނީ އަށް ބާރުގަދަ ވިހައެއް މިދިޔަ އޮގަސްޓް މަހު ދިނުމުން އޭނާ މަރުނުވީ ކިރިޔާ އެވެ. ނަވަލްނީ ތުހުމަތު ކުރަނީ އެއީ ޕުޓިންގެ އަމުރަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ކްރެމްލިން އިން އެކަން ދޮގު ކުރެ އެވެ. ނަވަލްނީ އަށް ފަރުވާ ދިނީ ޖަރުމަނުގަ އެވެ. އޭނާ ހައްޔަރު ކުރީ ފަރުވާ އަށް ފަހު އެނބުރި ރަޝިޔާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕުޓިން
18 April 2021
މީ ރަޝިޔާގަ އެއްވެސް ތާއީދެ އޮންނަ މީހެއް ނޫން
ނަރޫޓޯ
19 April 2021
ރާއްޖޭގަ ނަޝީދުއަށްވެސް ތާއީދެއް ނޯންނަކަމަށް ވަނީ. އެކަމަކު އޭނެ ފުންކޮށް ނޭވައެއް ލިޔަސް ޙަބަރަށް ފަލަސުރުހީގަ އެވާހަކަ ޖަހާ. އެލެކްސީ ނަވަލްނީ އަށްވެސް އޮންނަނީ އެކަހަލަ ތާއީދެއް.
ރަދީފްއޮފިޝިއަލް
19 April 2021
@ނަރޫޓޯ ތިޖެހި ހިސާބު އަދި ރަނގަޅެއް ނޫން.ނަވަލްނީގެ ދިފާއުގަ މުޒާހިރާކުރަން އެއްފަހަރާ އެބަ ނިކުމޭ ހަލައްކަ މީހުން.ވެނެޒުއޭލާގެ އިދިކޮޅު ލީޑަރ ހުއާން ގައިޑޯއަށް ވެސް ތާއީދު އޮވޭ.ބެލަރުސްގެ އިދިކޮޅު ލީޑަރު Sviatlana Tsikhanouskaya (ސްވެޓްލާނާ ޓިކަނޮސްކާޔާ) އަށް ވެސް ތާއީދު އެބައޮތް.ހުދުމުހްތާރުވެރިން ގައުމުގެ ވެރިކަމުގަ ތިބީމަ އިދިކޮޅު މީހުންނަށް ރަނގަޅަށް ހިންދެމިލަން ފުރުސަތު ނުލިބޭ.އެހެންވީމަ އަސްލު ސަޕޯޓް ނުފެންނަނީ. #ފެކްޓް
ނަވަލް
20 April 2021
ކަލޭތީ ރަޝިޔާ މީހެއްތަ؟ ތާއީދު ނެތީމަ ދޯ ޖަލުގަ ގެންގުޅެނީ. މަރުމޯލު
ގުލްޒާރު
18 April 2021
ޕުޓިންގެ ކަންތައް މިދަނީ މާމައްޗަށް.
ރަދީފްއޮފިޝިއަލް
18 April 2021
ޕުޓިން އެއީ ނުލަފާ ހުދުމުޙްތާރުވެރިއެއް.އޭނައަށް ފާޑުކިޔާ އެކަކުވެސް ސަލާމަތްނުވާނެ.މީގެ ވަރަށް ރަނގަޅު މިސާލެއް 2015 ވަނަ އަހަރު މަރާލެވުނު ރަޝިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރގެ ނައިބް ބޮރިސް ނެމްސޯވް އެއީ.އަދި ކޭޖީބީގެ އޮފިސަރެއް ކަމުގައިވާ ލިޓްވިނެންކޯއަށް ރޭޑިއޯއެކްޓިވް މާއްދާއެއްކަމުގައިވާ ޕޮލޯނިއަމް ދީގެން މާރަލުން ވެސް ހިމެނޭ.ރަޝިޔާގެ މަހުޖަނު އަދި އޮލިގާކް ކުރީގެ ޔޫކޯސްގެ ވެރިޔާ މިކާއިލް ހޮދޮކޯވްސްކީއަށް ހަދާލި ނިކަމެތި ގޮތް ވެސް ފުދޭ.
ބަޑީ
18 April 2021
ޤައުމުގެ ބައިތުލްމާލު އަމިއްލަ އެކައުންޓްތަކަށް ކަހާލާފަ، ފުރާޅުންޓިނުނެގީމަތާ އަދި މީހަކަށްވާނީ.
ރަދީފްއޮފިޝިއަލް
19 April 2021
@ބަޑީ އަށް.މަނިކްފާނުގެ ތިލަފަތުން ކިރާނަމަ ޕޮލް ޕޮޓް ވެސް އެއީ ރަނގަޅު ލީޑަރެއް!!
ބަޑީ
18 April 2021
މި ޤައުމަށް ފޮނުވާ!! އިދިކޮޅު ލީޑަރުންނަށް ޕެލަސް ހުންނާނެ ޖަލުގަ.